ރާއްޖޭގައި ހަދާ ދިރާސާތައް ބޭރަށް ވިއްކައިގެން ނަފާ ހޯދިދާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ގައުމީ ޔުނިވާސިޓީ އިން މި އަހަރު ދަސްވެނިވިި ދެވަނަ ބެޗުގެ ދަސްވެނިވުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މުނައްވަރު ރޭ ވިދާޅުވީ މަތީ ތައުލީމީ ފުރުސަތުތައް ދިވެހި ދަރިވަރުންނަށް ފޯރުކޮށްދިނުމަށް މި ހަތަރު އަހަރުތެރޭ 13 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް ސަރުކާރަށް ވެސް ހަރަދުކުރެވޭނީ ވަކިވަރަކަށް ކަމަށާއި އިތުރު ގޮތްތައް ހޯދުމަށް ދިރާސާތައް މިހާރު ކުރަން ޖެހިފައިވާ ކަމަށެވެ.

"ގައުމީ ޔުނިވާސިޓީ އިން އަޅުގަނޑު ދެކޭހިތްވަނީ ރިޗާސް ކުރުމަށް ޓަކައި ބަޖެޓުގައި ވަކި ޕަސެންޓޭޖެއް [ކަނޑައެޅުމަށް]. ސަރުކާރުން އެކަންޏެއް އެކަމަށް ފައިސާއެއް ނުދެވޭނެ. އެހެންނަމަވެސް އެންޓަޕްރަނާޝިޕްގެ ވިސްނުން ވިސްނައިފި ކަމުގައިވާ ނަމަ އަޅުގަނޑުމެންނަށް ފެނިގެން ދަނީ ޔުނިވާސިޓީ ވެސް ތިކުދިންގެ ވިސްނުމާ އެކު އަދި ޔުނިވާސިޓީގެ އިސް ބޭފުޅުންގެ އެހީއާ އެކު އަޅުގަނޑުމެންނަށް ބިސްނަސް ސޮލިއުޝަންތަކެއް ހޯދޭނެ ކަމަށް،" މުނައްވަރު ވިދާޅުވި އެވެ.

ގައުމީ ޔުނިވާސިޓީގެ ދެވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ؛ ގައުމީ ޔުނިވާސިޓީ

މުނައްވަރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމާ މެދު ކޮށްފައިވާ ދިރާސާތައް ވަރަށް މަދުކަމަށާއި އަދި ހާއްސަކޮށް ދިވެހިން އެދާއިރާ އިން ކޮށްފައިވާ ދިރާސާތައް ވަރަށް މަދު ކަމަށެވެ. އަދި އެފަދަ ދިރާސާތައް ކުރުމަށް ފަހު އަޅުގަނޑުމެން އުފެއްދުންތައް އިތުރުކުރެވިދާނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

ޓޫރިޒަމްގެ ދާއިރާގައި ރާއްޖެ އިން "ކޮމްޕެރިޓިވް އެޑްވާންޓޭޖް" ހޯދާފައިވާ ކަމަށާއި އަދި ބޭރު ގައުމުތަކުން ވެސް އަޅުގަނޑުމެންގެ ކައިރިން ފަތުރުވެރިކަން ދަސްކުރަން ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން އަޅުގަނޑުމެންނަށް އެ ދިރާސާތައް ވިއްކޭނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަޅުގަނޑެމެން ކުރާ ދިރާސާތަކުން ވިޔަފާރިވެރިންގެ ވިޔަފާރިތަކަށް ފައިދާކުރާ ނަމަ އެރިސާޗްތައް ގަންނާނެ ކަމަށެވެ. އަދި ޔުނިވާސިޓީގެ ޓޫރިޒަމް ފެކަލްޓީތައް ޑީސެންޓްރަލައިޒްކޮށް އެތަނަށް ބަޖެޓް ހޯދޭނެ އިތުރު ގޮތްތައް ހޯދަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.