ސްރީނަގަރު (އޭޕްރިލް 2): ކަޝްމީރުގައި އޮތް އިންޑިއާގެ ވެރިކަމާ ދެކޮޅަށް އިއްޔެ ކުރި މުޒާހަރާތަކުގައި 20 މީހަކު މަރުވެއްޖެ އެވެ.

އޭއެފްޕީގައިވާ ގޮތުން އޭގެ ތެރެއިން 13 މީހުންނަކީ އިންޑިއާ ސިފައިންނާ ހަމަލާ ބަދަލު ކުރި ހަނގުރާމަވެރިންނެވެ. އަދި އެ ހަމަލާތަކުގައި އިންޑިއާގެ ތިން ސިފައިންނާއި ހަތަރު އާއްމުން ވެސް މަރުވި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ކަޝްމީރުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އެއީ ފަހުގެ އަހަރުތަކުގައި އެސަރަހައްދުން އެއް ދުވަސް ތެރޭ އެންމެ ގިނަ އަދަދެއްގެ މީހުން މަރުވި ދުވަހެވެ.

އަދި އަލްޖަޒީރާގައިވާ ގޮތުން ކަޝްމީރުގައި އިތުރު ހަމަނުޖެހުންތަކަށް ފުރުސަތު ނުދިނުމަށް ޓަކައި އެސަރަހައްދުގައި ވަނީ އިންޓަނެޓުގެ ހިދުމަތް ހަނިކޮށްފަ އެވެ.

ކަޝްމީރުގައި އޮތް އިންޑިއާގެ ވެރިކަމާ ދެކޮޅަށް 2016 ވަނަ އަހަރު ކުރި މުޒާހަރާއެއްގައި އިސްކޮށް އުޅުނު ބުރުހާން ވާނީ މަރާލި ފަހުން ކަޝްމީރުގައި ވަނީ ހަމަނުޖެހުންތައް އިތުރުވެފަ އެވެ. އަދި ވާނީގެ މަރާ ގުޅިގެން އެސަރަހައްދުގައި ފަސް މަސް ވަންދެން ކުރިއަށް ދިޔަ މުޒާހަރާތަކުގައި 100 އަށް ވުރެ ގިނަ އާއްމުން މަރުވި އެވެ.

ކަޝްމީރުގައި އާ އަހަރު ފެށުނީ ވެސް އެސަރަހައްދުގައި އިންޑިއާ އާއި ޕާކިސްތާނުން ވެރިކަން ކުރާ ދެ ފަޅި ވަކިކޮށްދޭ ބޯޑަރު ކައިރީ ހަމަލާ ބަދަލު ކުރުންތަކާ އެކުގަ އެވެ. އޭގެ ސަބަބުން ބޯޑަރު ކައިރީ ދިރިއުޅޭ ގިނަ އަދަދެއްގެ މީހުންނަށް ވަނީ އެމީހުން ގެދޮރު ދޫކޮށް ދާން ޖެހިފަ އެވެ. (ބީބީސީ)