ރާއްޖޭގައި ހިންގާ ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދިނުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން އެބަ ކުރެއެވެ.

ޓީވީއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ވިދާޅުވީ 24 ގަޑިއިރުގެ ސިޓީއަކަށް މާލެ ސިޓީ ބަދަލުވަމުން އަންނަ އިރު، ދިރިއުޅުމުގެ ވައްޓަފާޅިއަށްވެސް ބަދަލުތަކެއް އަންނަމުން ދާ ކަމަށެވެ.

އެގޮތުން، ފިހާރަ ފަދަ ވިޔަފާރި ކުރާ ތަންތަން 24 ގަޑިއިރަށް ހުޅުވުމުގެ ހުއްދަ ދޭ އުސޫލެއް މިނިސްޓްރީން ކަނޑައަޅަމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިކޮނޮމިކް މިނިސްޓްރީން މިހާރުވެސް އެ މަސައްކަތް ކުރިއަށް އެބަ ގެންދަން. 24 ގަޑި އިރަށް ފިހާރަތަކަށް ހުއްދަ ދިނުމަށް އުސޫލެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އެބަ ގެންދަން،" ތައުފީގު ވިދާޅުވިއެވެ.

މީގެ ކުރިން މާލޭގައި ފިހާރަތައް ހުޅުވާފައި ހުންނަނީ ރޭގަނޑު 11 ޖަހަންދެނެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބައެއް ފިހާރަތައް 24 ގަޑިއިރު ވެސް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދިނެވެ.

އެހެން ނަމަވެސް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި، ކުށް މަދުކުރުމުގެ ގޮތުން ކަމަށް ބުނެ، ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ރޭގަނޑު 11:00 އަށް ކަމަށް ކަނޑައެޅިއެވެ.

މުދާ އުފުލާ ގަޑިތަކަށް ގެނައި ބަދަލާ ގުޅިގެން އިއްޔެއިން ފެށިގެން ސަރުކާރުން ވަނީ ކެފޭ ރެސްޓޯރަންޓްތައް ރޭގަނޑު 1:00 ޖަހަންދެން، އަދި ޕެޓްރޯލް ޝެޑުތައް ރޭގަނޑު 12:00 ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެކަމަށް ކަނޑައަޅާފައެވެ.

"ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަން ކުރިން ބާރަޖެހުމާ ހަމަޔަށް މިހުރީ. ނަމަވެސް މިހާރު އައި ބަދަލާ ގުޅިގެން ރޭގަނޑު އެކެއް ޖެހުމާ ހަމަޔަށް ހުޅުވާފަ ބެހެއްޓޭނެ،" ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ވިދާޅުވިއެވެ.

"ޕެޓްރޯލް ޝެޑްތައްވެސް ބާރަ ޖަހަންދެން ހުޅުވާފަ ބެހެއްޓޭނެ،"