ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކެޕްޓަން، އަލީ އަޝްފާގުގެ "މެންޓަލް" މައްސަލައެއް ނޫޅޭކަން ދައްކަން އޭނާ ބޭނުންވާ ކަމަށާއި، ދަގަނޑޭ ހުރީ ރަނގަޅު ފޯމެއްގައި ކަމަށް ނިއުގެ އެސިސްޓެންޓް ކޯޗު، އަޝްރަފު ލުތުފީ (ސަމްޕަތު) ބުނެފިއެވެ.

މިދިޔަ މަހު 20 ވަނަ ދުވަހަށްފަހު އިންޓަނޭޝަނަލް ބްރޭކަށް ލީގު މެދު ކަނޑާލުމަށްފަހު ލީގުގެ ކުޅުން މިރޭ ފަށާނެއެވެ. މިރޭގެ މެޗުގައި ވާދަކުރާނީ ނިއުއާއި ޔުނައިޓެޑް ވިކްޓަރީއެވެ.

އިންޓަނޭޝަނަލް ބްރޭކު ވެގެންދިޔައީ ރާއްޖޭގެ ފުޓުބޯޅައިގައި ހަލަބޮލި ދުވަސްކޮޅަކަށެވެ. ހާއްސަކޮށް ނިއުގެ ކެޕްޓަން ދަގަނޑޭ ގައުމީ ޓީމުގެ ސްކޮޑުން ބޭރިކޮށްލި ވާހަކައަކީ ހުރިހާ ނޫހެއްގެ ފަލަ ސުރުހީއެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ކުރިން ބޭއްވި ޕްރެސްގައި ބައިވެރިވުމަށް ދަގަނޑޭ އިންކާރު ކުރުމުން ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގަޓްވަނީ އޭނާ ގައުމީ ސްކޮޑުން ބޭރުކޮށްލައިފައެވެ. ސެގަޓް ބުނީ ބޫޓާން މެޗު ކުޅުމަށް ދަގަނޑޭ "މެންޓަލީ" ފިޓް ނޫން ކަމަށެވެ.

ރާއްޖޭގެ ތާރީހު ދުތް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، ދަގަނޑޭ ޓީމުން ބޭރުކޮށްލުމަށް ސެގަޓް ނިންމި ނިންމުމާ ގުޅިގެން އެކި އެކި ގޮތްގޮތަށް ވާހަކަތައް ދެކެވެމުންދާ އިރު، މިރޭގެ މެޗު ވެގެންދާނީ އެ ހުރިހާ ކަމަކަށްފަހު ދަގަނޑޭ ކުޅޭނެ ފުރަތަމަ މެޗަށެވެ.

"ދަގަނޑޭ ފަރާތަކުން (މެންޓަލީ މައްސަލައެއް) އުޅޭތަނެއް ނުފެނޭ. ގައުމީ ކޯޗު ބުނި ނަމަވެސް އަޅުގަނޑަކަށް ފާހަގައެއް ނުކުރެވޭ ދަގަނޑޭގެ ފަރާތުން މެންޓަލީ މައްސަލަތަކެއް އުޅޭ ކަމަކަށް. ދަގަނޑޭ ހުރީ ބަރާބަރަށް. ނިއުގެ އެއްވެސް މީހަކު ނުބުނާނެ ދަގަނޑޭގެ މެންޓަލް މައްސަލައެއް އުޅޭކޭ. އެއަށް ވުރެ ރަނގަޅަށް ޓީމު މޯޓިވޭޓްކޮށް، ކެޕްޓަނެއްގެ ޒިންމާ ނަގައިގެން ދަގަނޑޭ މަސައްކަތް ކުރަނީ،" ދަގަނޑޭގެ ހާލަތާ ގުޅިގެން ސަމްޕަތު ބުންޏެވެ.

ސަމްޕަތު ބުނީ ދަގަނޑޭގެ "މެންޓަލީ" ފިޓްކަން އޭނާ ދައްކަން ބޭނުންވާ ކަމަށާއި އޭނާ ހުރީ ވަރަށް ރަނގަޅު ފޯމުގައި ކަމަށެވެ.

"(މެންޓަލީ މައްސަލައެއް) ނޫޅޭކަން ދައްކަން ދަގަނޑޭ ބޭނުންވާނެ މިރޭގެ މެޗުގައި. ދަގަނޑޭ ފަރާތުން ރަނގަޅު ކުޅުމެއް ފެންނާނެ ކަމަކަށް ގަބޫލު ކުރަން. އޭނާ ހުރީ ވަރަށް ރަނގަޅު ފޯމެއްގައި،" ސަމްޕަތު ބުންޏެވެ.

އިއްޔެގް ޕްރެސްގައި ޔުނައިޓެޑް ވިކްޓަރީގެ ކޯޗު، މުހައްމަދު ނަޒީހުވެސް ވަނީ ދަގަނޑޭގެ ދިފާއުގައި ވާހަކަ ދައްކައިފައެވެ.

"އަމަލީ ގޮތުން ފުޓުބޯޅަ ތެރޭގައި އުޅޭތާ މިވަނީ 25 އަހަރު. އެހެން ނަަމަވެސް ކުރިއަކުން އަޅުގަނޑަކަށް ނޭންގެ މިގައުމުގައި 190 ރަށް އޮންނަ ކެމެއްވެސް. ބޯޅަ ކުޅޭ ކުދިން އުޅޭ ކަމެއްވެސް. އަޅުގަނޑު މިސާލަކަށް ފަސް ނަން ކުއްލިއަކަށް ހަނދާން ކޮށްލާއިރު މި އަންނަނީ މުހައްމަދު ތަކުރުފާނު، ރައީސް މައުމޫނު، ރައީސް ނަޝީދު، ރައީސް ޔާމީން، ދަގަނޑޭ. (ގައުމީ ކޯޗު) މިބުނަނީ އޭނާ ބޮލަށް ބޭސްކުރަން އެބަޖެހޭ. ބޮލަށް ބޭސްކުރަން ޖެހޭވަރުގެ އޯޑިނަރީ ކުޅުންތެރިއަކަށް އޭނާ (ދަގަނޑޭ) ހަދައިފި. އެހެންވީމަ މިއީ މައްސަލައެއް ނޫންތޯ. މިކަހަލަ ކަންތައްތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައި ފުޓުބޯޅައިގެ މީހުން އެބަޖެހޭ ތެދުވެ ބަސް ބުނަން. އުފާވެރި ހަބަރަކީ މިތަނަށް ކޯޗެއް އައިސް ބުނެދީފި ރާއްޖޭގެ ހުރިހާ ރަށެއްގަވެސް ޓެލެންޓެޑް ކުދިން ތިބި ވާހަކަ،" އުފާވެރި ހަބަރެއް ދޭން ބޭނުންވާ ކަމަށް ބުނެ ނަޒީހު ބުންޏެވެ.

ދަގަނޑޭ ގައުމީ ޓީމުން ބޭރުކުރުމާ ގުޅިގެން ސެގަޓް ބުނީ އޭނާ ނިންމި ނިންމުމަކީ ރާއްޖޭގެ ފުޓުބޯޅައިގެ ޕްރޮފެޝަނަލިޒަމް ހިފަހައްޓާ، ޑިސިޕްލިން ޖީލެއް ބިނާކުރުމަށް ނިންމި ނިންމުމެއް ކަމަށެވެ.

ޔުނައިޓެޑް ވިކްޓަރީއާއި ނިއު ވާދަކުރާ މެޗު އޮންނާނީ މިރޭ 9:00 ގައެވެ.