03 Apr 2018, 15:07
ނިއު ރޭޑިންޓް ސްޕޯޓްސް ކްލަބުން މާލޭ ލީގުގައި ރޭ ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓަރީ ބަލިކުރީ 4-1ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗަށް ނިއުގެ ސްޕެއިން ކޯޗު، އޮސްކާ ބުރުޒޮން ސަސްޕެންޝަންގައި ހުރުމުން ޓީމަށް އިރުޝާދު ދީފައިވަނީ އެސިސްޓެންޓް ކޯޗު، އަޝްރަފު ލުތުފީ (ސަމްޕަތު)އެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ސަމްޕަތު ބުނީ ރޭގެ މެޗުގެ ނަތީޖާ ތަފާތު ބޮޑު ނަމަވެސް މެޗުގައި ނިއުއިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަ ނުޖެހޭ ކަމަށެވެ.
"މެޗު އެހާ ހިތްހަމަ ޖެހޭ ގޮތަކަށް ނޫން ދިޔައީކީ. ނިއު ރޭޑިއަންޓުން މެޗަށް ޕްލޭން ކުރި ގޮތަކަށް ނޫން ކުޅުނީކީ. ލިބުނު ޗާންސްތައްވެސް ބޭކާރުވި. ވަރަށް ލަސް ކުޅުމެއް ކުޅުނީ ޓީމުން. މެޗަށް ނުކުތީ ވަރަށް އަވަސް، ރީތި މެޗެއް ކުޅެން،" ސަމްޕަތު ބުންޏެވެ.
ސަމްޕަތު ބުނީ ރޭގެ މެޗުގައި ޓީމުގެ ފަރާތުން ފެނުނު ކުޅުން ދަށްވީ މެޗުގެ ކުރިން އަދި މެޗު ތެރޭގައި ދިމާވި ބައެއް ކަންތައްތަކުގެ ސަބަބުން ކަމަށް ވެދާނެ ކަމަށެވެ.
ރެފްރީން ޔޫވީގެ ކީޕަރާއި އެއް ކުލައެއްގެ ޖާޒީގައި ތިބުމުން، ރެފްރީންގެ ޖާޒީ ބަދަލު ކުރުމަށް ވަގުތު ބޭނުންވާތީ ރޭގެ މެޗުގެ ފެށުން ލަސްވެފައިވާ އިރު، ދަނޑުގެ ލައިޓް ސިސްޓަމަކަށް ދިމާވި މައްސަލައަކާ ގުޅިގެން މެޗުގެ ތެރެއިން ކުޅުން މެދު ކަނޑާލަންވެސް ޖެހުނެވެ.
"ކަން ދިމާވި ގޮތުން ކަމަށްވެސް ވެދާނެ. މެޗު ފެށުން ލަސްވެ. މެޗު ތެރެއިންވެސް މެދު ކަނޑާލަން ޖެހުނު ލައިޓްތައް ނިވިގެން އުޅެންވެސް،" ސަމްޕަތު ބުންޏެވެ.
ސަމްޕަތު ބުނީ ނިއުއިން މެޗަށް އަންނަނީ ވަރަށް ސީރިއަސް ކޮށް ކަމަށާއި، އެފަދަ ކަންކަން ވުމުން އެނގެނީ މެޗަށް އެންމެ އެކަށީގެންވާ ގޮތަކަށް ތައްޔާރު ނުވެވޭ ކަން ކަމަށެވެ.
ރޭގެ މެޗުގައި ނިއުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ދެ ގޯލް ޖަހައިފައިވާ އިރު، އެޓީމުގެ އަނެއް ދެ ގޯލްވެސް ކާމިޔާބު ކޮށްދިނީ ސަޕެއިން ފޯވަޑް ގުއިލެމް މާޓީއެވެ.
ގުއިލެމަކީ މި ސީޒަނަށް ނިއުއަށް ގެނައި ފޯވާޑެކެވެ. ސީޒަން ފެށިގެން ރެއާ ހަމައަށްވެސް އޭނާގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިފައެއް ނުވެއެވެ. ސަމްޕަތުވެސް ވަނީ އޭނާގެ ފަރާތުން އެކަށީގެންވާ ކުޅުމެއް ނުފެންނަ ކަމަށް ކުރިން ބުނެފައެވެ.
ރޭގެ މެޗަށްފަހު ސަމްޕަތު ބުނީ އޭއެފްސީ ކަޕްގައި ބެންގަލޫރު އެފްސީއާ ދެކޮޅަށް އަންނަ ހަފްތާގައި ކުޅެން އޮތް މެޗުގެ ކުރިން ގުއިލެމްއަށް ދެ ގޯލް ޖެހުމަކީ އޭނާއަށް ލިބޭނެ ކޮންފިޑެންސެއް ކަމަށެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ނިއުއިން ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ ހަފްތާ އަންގާރަ ދުވަހުގެ ރޭ 7:30 ގައެވެ. އެ މެޗު ކުރިއަށްދާނީ އިންޑިއާގައެވެ. އެ ދެ ޓީމު ރާއްޖޭގައި ކުޅޭ މެޗު އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު މާލޭ ގައެވެ.