02 Apr 2018, 08:54
އައްޑޫ ސިޓީ ފޭދޫ ބަނދަރުމަތީގައި ރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެއެވެ.
ރޭ އިރާކޮޅި ފޭދޫ ބަނދަރުމަތީ، ލިމްކު ރޯޑުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ދުންބުރުވާގޭ އަބްދުﷲ މަނިކުފާނަށެވެ. އެކްސިޑެންޓު ހިނގީ އަންދުﷲ މަނިކުފާނު ލިންކުރޯޑުން ބައިސްކަލް ދުއްވާފައި ދަނިކޮށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ޖެހިގެންނެވެ.
އެކްސިޑެންޓު ހިނގި އިރު އަބްދުﷲ މަނިކުފާނު އޮތީ ކާރު ދަށުވެފައިކަމަށް މަންޒަރުދުށް މީހުން ބުނެއެވެ.
ފޭދޫ އިން ސަން އާ ވާހަކަ ދެއްކި މީހަކު ބުނީ އެކްސިޑެންޓު ހިނގުމުން އަނިޔާވި އަބްދުﷲ މަނިކުފާނު ފޭދޫ ސިއްހީ މަރުކަޒަށް ގެންދަން ބެލިއިރު އެމްބިއުލޭންސްގެ ޑްރައިވަރު ނެތުމުން އަބްދުﷲ މަނިކުފާނު ސިއްހީ މަރުކަޒަށް ގެންދިޔައީ އެތަނުގައި އެވަގުތު ތިބި މީހުން ސިއްހީ މަރުކަޒުން ސްޓްރެޗަރެއް ގެނެސްގެން ކަމަށެވެ.
ފަހުން އަބްދުﷲ މަނިކުފާނު ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. އެނާ މަރުވީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.
އަބްދުﷲ މަނިކުފާނުގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު އޮންނާނެ ކަމަށް ފޭދޫ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.