02 Apr 2018, 08:31
އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާ އަތުން ބަލިވެ، ޗެލްސީން ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަށް ކުރަމުންދާ މަސައްކަތަށް އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޓޮޓެންހަމް އަތުން ޗެލްސީ ބަލިވެފައިވަނީ 3-1ގެ ނަތީޖާއަކުންނެވެ. ޓޮޓެންހަމްގެ އެ މޮޅަކީ 28 އަހަރަށް ފަހު ޗެލްސީގެ ދަނޑު، ސްޓެމްފަޑް ބްރިޖްގައި ޓޮޓެންހަމް ހޯދި ފުރަތަމަ މޮޅެވެ.
ލީގުގައި ކުޅުނު 31 މެޗުން ލިބުނު 64 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގައި ޓޮޓެންހަމް އޮތް އިރު، ފަސް ވަނައިގައި އޮތް ޗެލްސީއަށް 31 މެޗުން ލިބިފައިވަނީ 56 ޕޮއިންޓެވެ.
ރޭގެ މެޗުގައި އަނިޔާގެ ސަބަބުން ޗެލްސީގެ އެއް ނަމްބަރު ގޯލްކީޕަރު ތިބައުޓް ކޯޓުވާ ފެނިފައިނުވާ އިރު، އޭނާގެ ބަދަލުގައި ޗެލްސީގެ ގޯލު ބެލެހެއްޓީ ބަދަލު ކީޕަރު ވިލީ ކަބަލޭރޯއެވެ. އެ މެޗުގައި ޓޮޓެންހަމްގެ ހުނަރުވެރި ފޯވަޑް ހެރީ ކޭން ފެނިގެންދިޔައީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.
އެ މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި ޗެލްސީގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 30 ވަނަ މިނެޓުގައި ޗެލްސީން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. ވިކްޓަ މޮސެސް ނަގައިދިން ހުރަހަކުން ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެއިން ފޯވަޑް އަލްވާރޯ މޮރާޓާއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓޮޓެންހަމްއިން ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ބެން ޑޭވީސް ދިން ބޯޅައަކުން ޓޮޓެންހަމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޑެންމާކް މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންއެވެ. ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅަ، އެރިކްސަން ވަނީ ވަރަށް ރީތިކޮށް ޗެލްސީގެ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މެޗުގެ 62 ވަނަ މިނެޓުގައި ޓޮޓެންހަމްއިން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. އެރިކް ޑަޔާ ދިން ބޯޅައަކުން ޓޮޓެންހަމްއަށް ލީޑު ހޯދައިދިނީ އެޓީމުގެ އިނގިރޭސި މިޑްފީލްޑަރު ޑެލޭ އަލީއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ސެސާ އަޒްޕްލިކުއެޓާއާއި އަންދްރޭސް ކްރިސްޓެންސެން ކައިރިން ނައްޓާލުމަށް ފަހު ފޮނުވާލި ހަމަލާއަކުންނެވެ.
ޓޮޓެންހަމްއިން ލީޑު ހޯދިތާ ހަތަރު މިނެޓުތެރޭ އެޓީމުން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. ޓޮޓެންހަމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ޑެލޭ އަލީއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ހިއުންގް މިން ސޮން ފޮނުވާލި ހަމަލާއެއް ބްލޮކްވުމާއެކު ލިބުނު ރީބައުންސް ބޯޅައަކުން ފޮނުވާލި ހަމަލާއިންނެވެ.