02 Apr 2018, 08:43
ކުރިއަށް ތަނުގައި އަޅުގަނޑުމެންގެ ދަރިންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ހޯދައިިދިނުމަށް ސޭވިން ނިޒާމެއް ގާއިމްކުރަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ގައުމީ ޔުނިވާސިޓީން މިއަަހަރު ދަސްވެނިވިި ދެވަނަ ބެޗުގެ ދަސްވެނިވުމުގެ ހަފްލާގައި ވާހަަކަފުޅު ދައްކަވަމުން މުނައްވަރު ވިދާޅުވީ އިނިގރޭސިވިލާތް، އެމެރިކާ ފަދަ ގައުމުތަކުގެ ސަރުކާރުން މަތީތައުލީމަށް ކުރާ ހޭދަ ނިސްބަތުން ކުޑަކޮށް މަތީތައުލީމުގެ ފުރުސަތުތައް ހޯދައިދިނުމަށް އާގޮތްތަކެއް ތައާރަފްކުރަމުން ދާކަމަށެވެ.
"އަމިއްލާ ޖަމްއިއްޔާ އެންޑޯވްމަންޓް ޕޮލިސީގެ ގޮތުގައ، ގްރާންޓްގެ ގޮތުގައި، ހަމައެހެންމެ ފައިނޭންޝިއަލް މޮޑެލްތައް ތައާރަފްވެގެންދޭ އެގައުމުތަކުގައި،" މުނައްވަރު ވިދާޅުވިއެވެ.

ގައުމީ ޔުނިވާސިޓީގެ ދެވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ؛ ގައުމީ ޔުނިވާސިޓީ
މަތީތައުލީމުގެ ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން ފަށައިފައިވާ ސްޓޫޑަންޓް ޑިވެލޮޕްމަންޓް ލޯން ސްކީމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް އެ ފައިސާ ރޯލް ކުރެވޭނެ މޮޑެލް ސިސްޓަމެއް މިހާރު ގާއިމް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އެ ނިޒާމް ދެމެހެއްޓުމަށް ހުރިހާ ދަރިވަރުންވެސް ނެގި ލޯނު ދެއްކުމަށް މުނައްވަރު ވަނީ އިލްތިމާސްކޮށްފައެވެ.
މުނައްވަރު ވިދާޅުވީ މިހާރުވެސް ގިނަ މައިންބަފައިން ދަރިންގެ މަތީ ތައުލީމަށް ވަރަށް ބޮޑު ހޭދައެއް ކުރާ ކަމަށެވެ.
އޭނާ ވިދާޅުވީ އެކަމަށް ފައިސާ ރައްކާ ކުރެވޭނެ ނިޒާމެއް ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި ނޫންނަމަ މުސްތަގުބަލުގައި ދަރިންނަށް މަތީ ތައުލީމު ފުރުސަތު ނުލިބިދާނެ ކަމަށެވެ.
ޔުނިވާސިޓީއާ ޕްރައިވެޓް ސެކްޓަރު ގުޅިގެން މަސައްކަތްކޮށްފިނަމަ މަތީ ތައުލީމްގެ ލޯން ސްކީމަކީ ދެމެހެއްޓެނިވި މޮޑަލަކަށް ހެދިދާނެ ކަމަށްވެސް މުނައްވަރު ވިދާޅުވިއެވެ.