ކ. ހުދުރަންފުށިން ގެއްލުނު ޖަޕާނު ދެމަފިރިންގެ ތެރެއިން އެ ރަށުގެ މޫދު ސަރަހައްދުން ފެނުނު މީހާގެ ހަށިގަނޑަކީ އެ ރަށުން ގެއްލުނު ދެ މީހުންގެ ތެރެއިން އަންހެން މީހާގެ ހަށިގަނޑުކަން ފުލުހުން ވެސް ކަށަވަރުކޮށްދީފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މި މަހުގެ 22 ވަނަ ދުވަހު މަރުވެފައި ވަނިކޮށް، ހުދުރަންފުށީގެ މޫދު ސަރަހައްދުން ފެނުނު ހަށިގަނޑަކީ، އެރަށުން މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ގެއްލުނު ޖަޕާނު ދެމަފިރިންގެ ތެރެއިން 29 އަހަރުގެ އަންހެން މީހާގެ ހަށިގަނޑުކަން ޑީއެންއޭ ރިޕޯޓްތަކުން ދައްކާފައިވާ ކަމަށެވެ. އަދި އަންހެން މީހާގެ އާއިލާ އިން ވެސް އެކަން ޔަގީންކޮށްދީފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ ފެނުނު އިރު އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާގެ ނިޝާނެއް ފެންނަން ނެތް ކަމަށެވެ.

ގެއްލިގެން ފުލުހުންނާއި ސިފައިން އަދި ރިސޯޓްގެ މެނޭޖްމަންޓުން ނިކުމެ ހޯދަމުން ދަނިކޮށް އެ އަންހެން މީހާ ފެނިފައި ވަނީ އެމީހުން ދިރިއުޅުނު ވޯޓާ ބަންގްލޯތަކާ ދިމާ ގޮނޑުދޮށުން ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި މަރުވި ޖަޕާނު ފިރިހެން މީހާގެ ޚަބަރެއް ނުވެ އެވެ.