02 Apr 2018, 00:55
ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން މިރޭ 450 ދަރިވަރުން ދަސްވެނިވެއްޖެއެވެ.
ދަރުބާރުގޭގެ ރަންނަ ބަނޑޭރި މާލަމުގައި މިރޭ ބޭއްވި ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ދެވަނަ ބެޗުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރުއެވެ.
މިރޭގެ ރަސްމިއްޔާތުގައި ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަނުން ހިންގި 17 ކޯހަކުން 273 ދަރިވަރުންނާއި އަދި ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީސް އިން ހިންގި ފަސް ކޯހަކުން 100 ދަރިވަރުން ވަނީ ދަސްވެނިވެ، ސަނަދު ހާސިލްކޮށްފައެވެ.
އެމްއެންޔޫ އިން ހިންގާ ބިޒްނަސް ސްކޫލުގެ ފަސް ކޯހަކުން 20 ދަރިވަރުންނަށް ވަނީ ދަސްވެނިވުމުގެ ސަނަދު އަރުވައިފައެވެ.

ގައުމީ ޔުނިވާސިޓީގެ ދެވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ؛ ގައުމީ ޔުނިވާސިޓީ
މިރޭގެ ރަސްމިއްޔާތުގައި އެމްއެންޔޫ އިން ހިންގި ކޯސްތަކުގެ ތެރެއިން ތަފާތު ތިން ކޯހަކުން އެންމެ މަތީ މާކްސް ހާސިލްކޮށް ތިން ދަރިވަރަކަށް ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެވޯޑް ހާސިލްކޮށްފައެވެ.
ރައީސްގެ އެވޯޑް ހާސިލްކުރި ދަރިވަރުން
- މުނީރާ އާދަމް - ބެޗެލާސް އޮފް ޓީޗިން އިން ޕްރައިމަރީ (ސްޕެޝަލް އެޑިއުކޭޝަން)
- ބުޝްރާ އަބްދުއް ލަތީފް - ބެޗެލާސް އޮފް އިސްލާމިކް ސްޓަޑީސް
- އިފާޒާ އަލީ - ބެޗެލާސް އޮފް ޝަރިއާ އެންޑް ލޯ
ގައުމީ ޔުނިވާސިޓީގެ މިއަހަރުގެ ދަސްވެނިވުމުގެ ފުރަތަމަ ބެޗް މިދިޔަ އަންގާރަ ދުވަހު ވަނީ ބާއްވައިފައެވެ. ފުރަތަމަ ބެޗާ ދެވަނަ ބެޗު އެއްކޮށް މިއަހަރު ވަނީ 1086 ދަރިވަރުން ދަސްވެނިވެފައެވެ. އޭގެ ތެރޭގައި ޑިގްރީ އާއި މާސްޓާސް ހެދި 760 ދަރިވަރުންނާއި އަދި ޑިޕްލޮމާ އަދި ސެޓްފިކެޓް ހާސިލްކުރި 324 ދަރިވަރުންގެ އިތުރުން ޕީއެޗްޑީ ހާސިލްކުރި ދެ ދަރިވަރުން ހިމެނެއެވެ.