02 Apr 2018, 10:04
"އެންސްޕާއިން ދެނީ 2،000 ރުފިޔާ. އެކަމަކު ސްޕީޗް ތެރަޕީއަށް އެކަނި ބެލި ނަމަވެސް 500 ރުފިޔާ އެބަދޭ ސެޝަންއަކަށް. ހަފްތާއަކު މަދުވެގެން ދެ ސެޝަން އެބަ ބޭނުންވޭ. އެއީ ގާތްގަނޑަކަށް 4،000 ވަރަކަށް ރުފިޔާ. ރާއްޖޭގައި ހުރި ބައެއް ރޭޓުން ނަމަ ބައެއްފަހަރު މަހަކު 8،000 ރުފިޔާ ވެސް އެބަދޭ. އާސަންދަ ލިބޭ ހޮސްޕިޓަލަކުން އެޕޮއިންޓްމަންޓެއް ނުލިބޭ،"
މިއީ ޑައުން ސިންޑުރޯމް ހުރި ބެލެނިވެރިއަކު އޭނާގެ އެންމެ ބޮޑު ކަންބޮޑުވުން ބަންޑު ކޮށްލި ގޮތެވެ. ތަފާސް ހިސާބުގެ އަކުރުތަކުން އެ ކިޔައިދިނީ ކުއްޖާގެ ފަރުވާއަށް ދާ ހަރަދެވެ. ނިކަމެތި ހާލުގައި ކުއްޖާ ބަލައި ބޮޑުކުރާ އިރު މިއީ ޑައުން ސިންޑުރޯމްގެ އިތުރުން އޯޓިޒަމް ހުންނަ ކޮންމެ ބެލެނިވެރިއަކު ވެސް ތަހައްމަލު ކުރަމުންދާ ވޭނެކެވެ.
ތެރަޕީގެ ޑޮކްޓަރުން މަދު، އެޕޮއިންޓްމަންޓަކަށް ދިގު އިންތިޒާރެއް
ނުކުޅެދުންތެރިކަމުގެ ތެރެއިން އޯޓިޒަމް ކުދިންނަށް ބަލާ ނަމަ އެކުދިންގެ ފަރުވާއަށް ތަފާތު ތެރަޕީތަކެއް ބޭނުންވެ އެވެ. އެއީ އެކުދިން އެނބުރި މުޖުތަމައުއަށް ނެރުމަށް މުހިންމު ބައެކެވެ. އެގޮތުން އޮކިއުޕޭޝަނަލް ތެރަޕީ، ސްޕީޗް ތެރަޕީ، އޭބީއޭ ތެރަޕީ، ސޯޝަލް ސްކިލްސް ނުވަތަ ޕްލޭ ތެރަޕީ ފަދަ ތެރަޕީތަކަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި އޯޓިޒަމް ހުންނަ ކުދިންނަށް ދޭ ބައެއް ފަރުވާތަކެވެ.

އޯޓިޒަމް ކުދިންތަކެއް ސަގާފީ ނެށުމެއްގައި ---
ނަމަވެސް އެހެން ކޮންމެ ކުއްޖެކޭ އެއްފަދައިން އޯޓިޒަމް ހުންނަ ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެކެވެ. އޭގެން ކޮންމެ ކުއްޖަކަށް ބޭނުންވާނީ ތަފާތު ތެރަޕީއެކެވެ. ތަފާތު ފަރުވާތަކެކެވެ. ރާއްޖެ އަށް ބަލާ ނަމަ އެފަދަ ބައެއް ތެރަޕީތައް މަދުން ނަމަވެސް ލިބެން އެބަހުއްޓެވެ.
އެގޮތުން، ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި އޮކިއުޕޭޝަނަލް ތެރަޕީއާއި ސްޕީޗް ތެރަޕީ ލިބޭއިރު، ގިނަ ދުވަހެއްގެ މެދުކެނޑުމަކަށް ފަހު އާސަންދައިން ހިންގާ ހުޅުމާލެ ހޮސްޕިޓަލުގައި ވެސް ސްޕީޗް ތެރަޕީ ދޭން ވަނީ ފަށައިފަ އެވެ.
އޭގެ އިތުރުން ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ޕްރައިވެޓް ހޮސްޕިޓަލް، އޭޑީކޭ އާއި ހުޅުމާލޭގައި މިފަހުން ހުޅުވި ޓްރީޓޮޕް ހޮސްޕިޓަލުގައި ވެސް ސްޕީޗު ތެރަޕިސްޓަކު ހުންނަވަ އެވެ. އޮކިއުޕޭޝަނަލް ތެރަޕީގެ ޚިދުމަތް ޓްރީޓޮޕް ހޮސްޕިޓަލުން ލިބޭ ނަމަވެސް، އޭޑީކޭގައި އެ ޚިދުމަތެއް ނުލިބެ އެވެ.
އޯޓިޒަމް ކުދިންނަށް ބޭނުންވާ ބައެއް ފަރުވާ ދޭނެ ތެރަޕިސްޓުން ރާއްޖޭގައި ތިބި ނަމަވެސް ދެންވެސް އޮތީ ބެލެނިވެރިންގެ ޝަކުވާ އެވެ.

އޯޓިޒަމް ކުއްޖަކު ޑޮކްޓަރަކަށް ދަތްތައް ދައްކަނީ ---
އާސަންދައިން ތެރަޕީތައް ކަވަރު ކުރަނީ ހަމައެކަނި އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުން ކަމަށްވުމުން ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ލިބުމުގައި ދިގު އިންތިޒާރެއް ކުރަން ޖެހެ ކަމެވެ. އެ ދެ ހޮސްޕިޓަލުގައި ވެސް ފުރަތަމަ ޖެހެނީ ނަން ނޯޓު ކޮށްގެން ކިއުގައި ޖެހޭށެވެ.
ދެން އެ ތެރަޕީ ލިބެންހުރި ހޮސްޕިޓަލުތަކުން ޑޮކްޓަރަށް ދެއްކުމަށް ދާ ހަރަދު ބޮޑުވުމާއި އަތޮޅުތެރޭގެ ރައްޔިތުން ވެސް އެ ފަރުވާ ހޯދަން މާލެ އަންނަންޖެހުމަކީ ވެސް ބެލެނިވެރިން ކުރާ ޝަކުވާއެކެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވުމަށް ޖެންޑާ މިނިސްޓްރީން ކަނޑައެޅި ގުޑްވިލް އެމްބެސެޑަރު އަދި ޑައުން ސިންޑުރޯމް ކުދިންގެ ޖަމިއްޔާ، ބިއުޓިފުލް އައިސް އޮފް މޯލްޑިވްސްގެ ފައުންޑާ އަންސަމް އަހްމަދު ވިދާޅުވި ގޮތުގައި، އައިޖީއެމްއެޗުން ސްޕީޗު ތެރަޕިސްޓަކަށް އެޕޮއިންޓްމަންޓް ހައްދަން ހަތަރު މަސް ކުރިން އުޅެން ޖެހޭ ކަމަށް ބައެއް ބެލެނިވެރިން ޝަކުވާ ކުރެ އެވެ.
"ބައެއް ފަހަރު ހަތަރު މަސް ކުރިން އުޅެގެން އެޕޮއިންޓްމަންޓް ލިބޭ ފަހަރު ވެސް އާދޭ. ޑައުން ސިންޑުރޯމް ކުދިންނަށް ބަލާ ނަމަ ހަފްތާ އަކު އެއް ސެޝަން ލިބެން ޖެހޭ. އެހެން ނޫނީ އެކުދިންނަކަށް އޭގެ އިފެކްޓެއް [ފައިދާއެއް] ނުކުރާނެ. އެހެން ބަލާނަމަ މަހަކު އެއްފަހަރު އެޕޮއިންޓްމަންޓް މި ލިބެނީ،" ބެލެނިވެރިންގެ ޝަކުވާތައް ފާހަގަކުރައްވައި އަންސަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖޭން އެދެވޭ ފަރުވާ ނުލިބޭތީ އާއި ފަރުވާ ލިބެން ހުރި އެހެން ހޮސްޕިޓަލުތަކުން ފަރުވާއަށް ދާ އަގު ބޮޑުކަމުން ޑައުން ސިންޑުރޯމް ހުންނަ ކުދިންގެ ބެލެނިވެރިންގެ ތެރެއިން 25 ޕަސެންޓް މިވަގުތު ވެސް ދިރިއުޅެމުންދަނީ ރާއްޖޭން ބޭރުގައި ކަމަށެވެ.
ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާން ފާހަގަކުރެއްވި ގޮތުގައި، އޯޓިޒަމް ފަދަ ތެރަޕީތައް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް މާލެއިން އެކަނި ފަރުވާ ލިބުމަކީ ވެސް ގޮންޖެހުމެކެވެ.
އެގޮތުން އެކުދިންނަކީ ނިކަމެތި ހާލަތެއްގައި އުޅޭ ކުދިންތަކަކަށް ވެފައި އެކަމަށް ލުޔެއް ލިބެން ޖެހޭނެ ކަމަށް އޭނާ ދެކެ އެވެ.
"އެފަދަ ފަރުވާތަކެއް އާސަންދައިން ކަވަރެއް ނުކުރޭ. މާލެއިން އެކަނި ލިބެން މިހުންނަނީ. ކުޅުދުއްފުށި، ތިނަދޫ ފަދަ ބޮޑެތި ރަށްރަށުގައި ވެސް މިފަދަ ހިދުމަތްތައް ވަންނަން އެބަޖެހޭ. ސިއްހީ ނިޒާމުގެ ތެރެއިން އަދި ތައުލީމީ ނިޒާމުގެ ތެރެއިން ވެސް އެ ތެރަޕީތައް ދަރިވަރުންނަށް ފޯރުކޮށްދޭން ޖެހޭނެ،" ހިސާންގެ ކަންބޮޑުވުންތައް އޭނާ ހިއްސާ ކުރި އެވެ.

އޯޓިޒަމް ސެންޓާރުގެ ބައެއްކުދިންނާއި އޮފިޝަލުން ފުލުހުންގެ އިސްކަންދަރު ކޮށީގައި ---
ގާނޫނު ނަންބަރު: 8/2010، ހައްގުތައް ހަމައެކަނި ކަރުދާހުގައި
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެމީހުންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ނުލިބޭ ކަމުގެ ހިތްދަތި ވާހަކަ ކޮޅެއް ނެތް ކޮޅަށް ދެއްކިދާނެ އެވެ. އެކަމަށް ޝަކުވާ ވެސް ހުށަހެޅިދާނެ އެވެ. ނަމަވެސް އެހުރިހާ ކަމެއްގެ ހައްލަކަށް އޮތް، ކަޅާއި ހުދުން ލިޔެފައި އޮތް ގާނޫނު އޮތީ ނަމެއްގަ އެވެ.
ހާއްސަ ގޮތެއްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ވެސް އެންމެހާ އަސާސީ ހައްގުތަކާއި މިނިވަންކަން އެއްވެސް ތަފާތު ކުރުމެއް ނެތި ލިއްބައިދޭން ޖެހޭ ބައެއް ކަމަށް ކަނޑައަޅައި ހަދާފައިވާ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޮރުކޮށްދިނުމުގެ ގާނޫނުގެ 21 ވަނަ މާއްދާގައި ބުނާ ސިއްހީ ދާއިރާއަށް ބަލާލަމާތޯ އެވެ.
"ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެމީހުންގެ ނުކުޅެދުންތެރިކަމުގެ ސަބަބުން އެއްވެސް ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާ އެކު، ސިއްހީ ދާއިރާއިން ލިބެންހުރި އެންމެ ފުރިހަމަ ހިދުމަތްތައް ލިބިގަތުމުގެ ހައްގު ލިބިގެންވެ އެވެ."މިއީ އެ ގާނޫނުގެ 21 ވަނަ މާއްދާގެ (ހ)ގައި ބުނާ ގޮތެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއް ކާމިޔާބުކުރި ބޮބް އޯޓިޒަމް ހުރި ކުދިންނާއެކު ---
ހަމަ އެ މާއްދާގެ (ނ)ގައި ބުނަނީ މިހެންނެވެ."ކޮންމެ މަރުހަލާއެއްގައި ވެސް ނުކުޅެދުންތެރިކަމުން ރައްކާތެރިވުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި، އެންމެހާ ދާއިރާތަކުން ކުރަން ޖެހޭ ކަންތައްތައް ކުރުވުމަށް މިނިސްޓްރީން މަސައްކަތް ކުރަންވާނެ"އެވެ.
އޭގެ ފަހުން އަންނަ (ބ)ގައި ބުނާ ގޮތުން،"ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބިދޭންޖެހޭ އެކިއެކި ހިދުމަތްތައް އެމީހުންގެ އަމިއްލަ މުޖުތަމައުގައި ތިބެގެން ނުވަތަ އެ މުޖުތަމައާ ވީހާ ވެސް ގާތުން ލިބޭނެ މަގުފަހިކޮށްދޭންވާނެ"ކަމަށް ބުނެފައިވެ އެވެ.
އެ ހިދުމަތްތަކުގެ ތެރޭގައި ހަތަރު ކަމެއް ފާހަގަކޮށްފައިވާ އިރު،ދެވަނަ ހިދުމަތެއްގައި ފާހަގަކޮށްފައި ވަނީ ފިޒިއޮތެރަޕީ އާއި އޮކިއުޕޭޝަނަލް ތެރަޕީ އާއި ސްޕީޗް ތެރަޕީ އާއި ބިހޭވިއަރަލް ތެރެޕީއާއި މިނޫން ވެސް މިފަދަ ފަރުވާތަކެވެ.
މިކުދިންނަށް ދޭ ފަރުވާއަށް އޮތް ހައްލަކީ ކޮބައި؟
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުގައި އެންމެ ބޮޑަށް ވަކާލާތު ކުރާ ހިޝާން ބުނާ ގޮތުން، ބޭރު ގައުމުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ލިބިއްޖެ ނަމަ އޭގެން ކޮންމެ ކުއްޖަކަށް އެ ގައުމެއްގެ ސަރުކާރުގެ ހެލްތު އިންޝުއަރެންސް މެދުވެރިކޮށް ތެރަޕީތައް ލިބޭނެ މަގު އޮންނަނީ ފަހިވެފަ އެވެ.

އޯޓިޒަމް ކުއްޖަކަށް އެމްއޭއޭގެ އެމްޑީ އިފްހާމް ކޭކު ކޮޅެއް ކާން ދެނީ ---
އެއީ މިކަމަށް އޮތް އެންމެ މޮޅު ހައްލު ކަމަށް ހިޝާން ދެކޭ އިރު އޭނާ އެކަމަށް ބާރު އަޅަނީ ރާއްޖޭގައި އެފަދަ ހިދުމަތް ސަރުކާރުން ފޯރުކޮށްދޭންޖެހޭނެ ކަމަށް ބުނާ ގާނޫނުތަކުންނެވެ.
ބިއުޓިފުލް އައިސް މޯލްޑިވްސްގެ ފައުންޑަރު އަންސަމް ވެސް ހިޝާންގެ ވާހަކައަށް ދެކޮޅެއް ނަހަދަ އެވެ. އޭނާ ވިދާޅުވާ ގޮތުން އެކަމަށް ހައްލެއް ގެނެވޭނީ ޕްރައިވެޓް ކުންފުނިތަކަށް ވެސް އިންޝުއަރެންސަށް ހުޅުވާލައިގެންނެވެ.
"އިންޝުއަރެންސަކަށް ހުޅުވާލައިފި ނަމަ އަމިއްލަ ތަންތަނުން ވެސް ހުޅުވާލާނެ. އޭރުން އެތަންތަނުން ވެސް ލާރި ބޭނުންވެގެން ސްޕީޗު ތެރަޕިސްޓުން ގާއިމުކުރާނެ. މިކަންކަން ކޮމާޝަލް ކޮށްގެން ނޫނީ ނުވާނެ،" މިއީ އަންސަމްގެ ހިޔާލެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއް ކާމިޔާބުކުރި ބޮބް އޯޓިޒަމް ހުރި ކުދިންނާއެކު ---
މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ހިންގުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުން ގެންދަވާ އެތަނުގެ މެނޭޖިންގް ޑިރެކްޓަރު އިފްހާމް ހުސައިން (އިފޫ މިސް) ވިދާޅުވަނީ ތެރަޕިސްޓުން ނެތިގެން ބެލެނިވެރިން މާޔޫސްވުމުގެ ބަދަލުގައި އެކަމަށް މަސައްކަތް ކުރުމަށެވެ.
އެގޮތުން ކޮންމެ ބެލެނިވެރިއަކީ ތެރަޕިސްޓަކަށް ނުވި ނަމަވެސް އަމިއްލައަށް ދަސްކޮށްގެން ގޭގައި ލޭންގުއޭޖް އެންޑް ކޮމިއުނިކޭޝަން ކުރިއަށް ގެންދަން އިފްހާމް ބާރު އަޅަ އެވެ.