28 Aug 2011, 10:22
މި އަހަރު ރާއްޖޭގައި ބާއްވާ ސާކް ސަމިޓް ފެށުމުގެ ކުރިން ބޭންކް އޮފް ސިލޯންގެ ގޮތްޕެއް އައްޑޫ ސިޓީގައި ހުޅުވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބޭންކް އޮފް ސިލޯންގެ ޗެއާމަން ޑރ. ވިކްރަމަ ސިންހަ ވިދާޅުވި ކަމަށް ސްރީލަންކާގެ ނޫހެއް ކަމަށްވާ ސަންޑޭ އޮބްޒާވަރުގައި ވަނީ ބޭންކް އޮފް ސިލޯންގެ ގޮތްޕެއް އިމާރާތްކުރާނެ ރަނގަޅު ތަނެއް އައްޑޫން މިހާރު ފާހަގަކޮށްފައިވާ ކަމަށާއި ރާއްޖޭގެ މަނިޓަރީ އޮތޯރިޓީން ހުއްދަ ދިންހާ އަވަހަކަށް އިމާރާތް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
ސްރީލަންކާ އާއި ރާއްޖެއާ ދެމެދު އޮންނަ ރަހުމަތްތެރިކަން ރަމްޒުކޮށްދޭ މަގެއް ހެދުމުގެ މަސައްކަތް ކުރުމަށް ލަންކާ ސަރުކާރުން ނިންމާފައިވާ ކަމަށާއި އެމަސަކަތް ކުރާނީ ލަންކާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކަމަށް ވެސް ސަންޑޭ އޮބްޒާވާގައިވެ އެވެ.
ކުރިން ރާއްޖެ އަށް އެތެރެކުރަމުން ދިޔަ ތަރުކާރީ އާއި މޭވާގެ 80 ޕަސެންޓް އެތެރެކުރަނީ ސްރީލަންކާ އިން ކަމަށާއި ނަމަވެސް ފަހުން އެ ވިޔަފާރި ތައިލެންޑާއި މެލޭޝިޔާ އަދި އިންޑިޔާ އަށް ބަދަލުވީ ކަމަށް ވެސް އެނޫހުގައިވެ އެވެ. އަދި އެހެންވެ ރާއްޖެ އަށް އެކްސްޕޯޓް ކުރެވޭ ވަރަށް މޭވާއާއި ތަރުކާރީ އުފެއްދުމަށް ލަންކާގެ ދަނޑުވެރިންނަށް އެހީތެރިވުމުގެ ގޮތުން ލޯން ސްކީމެއް ހުޅުވާލާނެ ކަމަށް ބޭންކް އޮފް ސިލޯންގެ ޗެއާމަން ވިދާޅުވެފައިވާ ކަމަށް ވެސް އެނޫހުގައިވެ އެވެ.