ރާއްޖެއާ ޕާކިސްތާނަށް ބައިނަލްއަގުވާމީ މަޝްރަހުގައި ދިމާވާ އެކިއެކި އެއްގޮތް މައްސަލަތަކުގައި ހައްލު ހޯދުމަށް އެކުގައި މަސައްކަތްކުރެވިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ އާމީ ޗީފް ޖެނެރަލް ގަމަރު ޖާވިދު ބަޖްވާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޔާމީންގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޕާކިސްތާނުން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިވަމުން ދާކަމަށާއި އަދި ކުރިއަށް އޮތް ތަނުގައިވެސް އެގޮތަށް ދެމިއޮންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ޕާކިސްތާނާ ރާއްޖޭގެ ރަހުމަތްތެރިކަން އެކި ދާއިރާތަކުން އިތުރަށް ވަރުގަދަ ކުރައްވާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންއާ ޕާކިސްތާނުގެ އާމީ ޗީފް ކުރެއްވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާމީ ޗީފް ގަމަރު ވިދާޅުވީ ރާއްޖެއާ ޕާކިސްތާނަކީ މުސްލިމު އަހުވަންތަ ދެގައުމުކަމަށާއި އަދި ދެގައުމުގެ ގުޅުން އާ އުސްމިންތަކަކަށް ގެންދިއުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

ގަމަރު ވަނީ ޕާކިސްތާނާ ރާއްޖެ ގުޅިގެން ޓެރެރިޒަމާ ދެކޮޅަށް މަސައްކަތްކުރުމަށް ދެގައުމުން އެއްބާރުލުން ދިނުމަށް މަސައްކަތްކުރުމަށާއި އަދި ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނިމިކް ޒޯންތައްވެސް ގުޅިގެން ޕެޓްރޯލް ކުރުމަށް މަސައްކަތްކުރުމަށްވެސް، ރާއްޖޭގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްއާއެކު މަޝްވަރާކޮށްފައެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާގައި މަސައްކަތްކުރާ ޞިއްޙީ ދާއިރާގެ ޚާއްސަ ޑޮކްޓަރުން ދިވެހި އަސްކަރިއްޔާގެ ހޮސްޕިޓަލް "ސެނަހިޔާ" ގައި މަސައްކަތްކުރުމަށް ފޮނުވުމާއި ބެހޭގޮތުންވެސް ޑިފެންސް މިނިސްޓަރާއެކު ވަނީ މަޝްވަރާކޮށްފައެވެ.