މަތީ ތައުލީމުގެ ފުރުސަތުތައް ދަރިވަރުންނަށް ހޯދައިދިނުމުގެ ގޮތުން ކޮންމެ އަހަރަކު ދެ ފަހަރު ގްލޯނެޓް އެޑިއުކޭޝަންއިން ބާއްވަމުން އަންނަ ފެއާ އަންނަ އަންގާރަ ދުވަހު ފަށާގޮތަށް ހަަމަޖައްސައިފިއެވެ.

ގްލޯނެޓުން މިހާތަނަށް ވަނީ 21 ފެއާއެއް ވަރަށް ކާމިޔާބުކަމާ އެކީ ބާއްވައިފައެވެ. މާލޭގެ އިތުރުން ރާއްޖެތެރޭގައި ވެސް ގްލޯނެޓުން ވަނީ ފެއާތައް ބާއްވައިފައެވެ.

ގްލޯނެޓުން ބުނީ، ފެއާ އަން ބުދަ ދުވަހާހަމައަށް ކުރިއަށް ގެންދިއުމަށް ހަަމަޖެހިފައިވާ ކަމަށެވެ. އަދި ފެއާ ކުރިއަށް ދާނީ ހަވީރު ފަހަކުން ރޭގަނޑު 10 ޖަހަންދެން ކަމަށެވެ.

ގްލޯނެޓްގެ ޑައިރެކްޓަރު އަބްދުﷲ ނަސީމް "ސަން" އަށް ވިދާޅުވީ، އެ ފެއާގައި މެލޭޝިއާގެ 11 ޔުނިވާސިޓީ އަަކާއި ރަޝިއާގެ ޔުނިވާސިޓީއެއް ބައިވެރިވާ ކަަމަށެވެ. އޭގެ ތެރޭގައި ސެގީ، މާސާ، ޓޭލާސް، މޮނާޝް އަދި ރަޝިއާގެ މެޑިކަލް ޔުނިވާސިޓީއެއް ކަމަށްވާ ނިޒްނީ ނޮގްރޯޑް ހިމެނެއެވެ.

ފެއާގައި އެންމެ ފުރަތަމަ ރަޖިސްޓްރީކުރާ ކުދިންގެ ތެރެއިން ގުރުއަތުން ހޮވޭ ދެ ކުއްޖަކަށް އެކުއްޖަކު ބޭނުންވާ ޔުނިވާސިޓީ ބާލާލުމުގެ އިންތިޒާމާއި ތިން ދުވަހުގެ ހުރުމާއި އަދި ދެކޮޅު ޓިކެޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ނަސީމް ވިދާޅުވިއެވެ.

ފެއާއަށް އަންނައިރު ތައުލީމީ ސަނަދުތަކުގެ ކޮޕީ ގެނައުމަށް ވެސް ނަސީމް ވަނީ އިލްތިމާސްކުރައްވައިފައެވެ. ފެއާގައި ބައިވެރިވާ ޔުނިވާސިޓީތަކުން ދަރިވަރުންގެ ނަތީޖާތަކަށް ބަލައި ކޯހުގެ ފީން ޑިސްކައުންޓް ލިބެނޭ ކަމަށްވެސް ނަސީމް ވިދާޅުވިއެވެ.