ވޮޝިންގޓަން (އޮގަސްޓް 28) : އަލްޤާޢިދާ ޖަމާއަތުގެ ދެވަނައަށް އެންމެ އިސްވެރިޔާ މަރާލެވިއްޖެ ކަމަށްވިދާޅުވެ އެމެރިކާގެ މަސްއޫލުވެރިއަކު ވާހަކަ ދައްކަވައިފި އެވެ.

ނަންހާމަކުރަންނޭދޭ އެމެރިކާގެ މި މަސްއޫލުވެރިޔާ ވިދާޅުވީ މިމަހުގެ 22 ގައި ޕާކިސްތާނުގެ ވަޒީރުސްތާނުގައި އަލްޤާޢިދާ ޖަމާއަތުގެ ދެވަނައަށް އެންމެ އިސްވެރިޔާ ކަމަށްވާ ޢަތިއްޔާ ޢަބްދުއްރަޙްމާން މަރާލެވިފައިވާ ކަމަށާ އޭނާއަކީ ލީބިޔާ މީހެއް ކަމުގައެވެ. ނަމަވެސް ޢަތިއްޔާ މަރާލިގޮތެއް އަދި މިކަމާބެހޭ ތަފްސީލެއް އެމެރިކާގެ މަސައޫލުވެރިޔާ ނުދެއްވައެވެ.

ޕާކިސްތާން ސަރުކާރުންވަނީ އަލްޤާޢިދާ ޖަމާއަތުގެ ދެވަނައަށް އެންމެ އިސްވެރިޔާ އާބެހޭ މަޢްލޫމާތެއް ލިބިފައިނުވާ ކަމަށާ އޭނާ މަރުވިކަމަށްބުނެ އެމެރިކާ ދައްކާވާހަކަތައް ތެދުކުރަންވެސް އަދި ދޮގުކުރަންވެސް ނޭންގޭ ކަމަށް ބުނެފައެވެ.

ނަމަވެސް ވަޒީރުސްތާނުގެ ލޯކަލް އޮފިޝަލުން ވިދާޅުވާ ގޮތުގައި މިމަހުގެ 22 ވަނަ ދުވަހު އެމެރިކާގެ ޖާސޫސީ މަތިންދާބޯޓަކުން ވަޒީރުސްތާނުގެ އުތުރުގައި ދަތުރުކުރި ކާރަކަށް ޙަމަލާދީ އޭގައިތިބި 4 މީހުން މަރާލިކަމަށާއި އެއީ ކޮންބައެއްކަން އެނގިފައިނުވާ ކަމުގައެވެ.

އަލްޤާޢިދާ ޖަމާއަތުގެ ދެވަނައަށް އެންމެ އިސްވެރިޔާ ޢަތިއްޔާ ޢަބްދުއްރަޙްމާން މަރާލެވުމަކީ އެޖަމާއަތަށް ދެވުނު ވަރުގަދަ އެތިފަހަރެއް ކަމަށް އެމެރިކާ ސަރުކާރުންނާއި އެމެރިކާގެ މީޑިޔާ ސިފަކުރެއެވެ. (ރޮއިޓާސް)