މާލޭގެ އާބާދީއަށް ފެނާއި ނަރުދަމާގެ ޚިދުމަތް ލިބޭނެ ފުރިހަމަ މަގެއް ތަނަވަސްކޮށްދިނުމަށް 1995 ވަނަ އަހަރު މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ވުޖޫދަށް އައީ ތިން ރިވާސް އޮސްމޯސިސް ޕްލާންޓާ އެކު އެވެ. އެއީ ދުވާލަކު 900 ކޮޑި މީޓަރުގެ ފެން އުފެއްދުމުގެ ގާބިލިއްޔަތެވެ.

ނަމަވެސް މިއަދު އެމްޑަބްލިއުއެސްސީ މިވަނީ "ބޮޑުވެފަ"އެވެ. އެންމެ 60 މުވައްޒަފުންނާ އެކު 1995 ވަނަ އަހަރު ފެށި ކުންފުނީގައި، 23 އަހަރު ފަހުން 700 އަށް ވުރެ ގިނަ މުވައްޒަފުން އެބަ ތިއްބެވެ. ޚިދުމަތް ދެނީ ހަމައެކަނި މާލެއަކަށްް ނޫނެވެ. ފުރަމާލެ، ވިލިމާލެ، ހުޅުމާލެ އަދި ތިލަފުއްޓާއި ގުޅީފަޅު ޝާމިލުވާ ގޮތަށް ކިޔާ "ގްރޭޓާ މާލެ އޭރިއާ"އަށާއި ކ. މާފުއްޓާއި ހދ. ކުޅުދުއްފުށީގެ އިތުރުން ރ. ދުވާފަރަށް ވެސް އެމްޑަބްލިއުއެސްސީން ޚިދުމަތްދެ އެވެ.

ފަށައިގަތް އިރު އުފެއްދި 900 ކޮޑިމީޓަރު 39 ގުނައަށް އިތުރުކޮށް 35،600 ކޮޑިމީޓަރުގެ ފެން އެބަ އުފައްދަ އެވެ.

އެމްޑަބްލިއުއެސްސީން 2،000 ކޮޑި މީޓަރުގެ ފެން އުފެއްދޭ ރިވާސް އޮސްމޯސިސް ޕްލާންޓަކާ އެކު ޕްރޮޑަކްޝަން ސެންޓަރެއް މާލޭގެ ހަވީރީހިނގުމުގައި ހިންގަ އެވެ. އަދި ބޮޑުތަކުރުފާނުމަގުގައި ހުންނަ "އާރުއޯ އެނެކްސް"ގައި ހުންނަ ޕްލާންޓުން ދުވާލަކު 5،000 ކޮޑިމީޓަރުގެ ފެން އުފައްދަ އެވެ. މި ދެ ޕްލާންޓުގެ އިތުރުން ކުންފުނީގެ މެއިން ޕްލާންޓު ވެސް ހިމެނޭ ގޮތަށް، މާލޭގެ ތިން ސަރަހައްދަކުން ފެން އުފެއްދޭނެ އިންތިޒާމު ހަމަޖެހިފައިވެ އެވެ. އަދި ހުޅުމާލޭގައި ގާއިމުކުރެވޭ ޕްރޮޑަކްޝަން ފެސިލިޓީއާ ސްޓޯރޭޖު ފެސިލިޓީއާ މާލޭގެ ނެޓްވޯކު، ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު މެދުވެރިކޮށް ގުޅާލުމަށް ވަނީ ހަމަޖެހިފަ އެވެ.

ރ. ދުވާފަރުގައި އެމްޑަބްލިއުއެސްސީން، ފުޅީގައި ފެންބަންދުކުރާ ކާރުހާނާއެއް އެޅުމުގެ އަމަލީ މަސައްކަތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ފޮޓޯ: އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީން މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ރަށްރަށުގައި ފެނާއި ނަރުދަމާ އެޅުމުގެ 54 މަޝްރޫއެއްގެ މަސައްކަތްތައް އެކި މަރުހަލާތަކުގައި ކޮށްފައިވާ އިރު، އެކުންފުނީގެ މިހާރު ނުނިމި ހުރީ 25 އެއްހާ މަޝްރޫއެއް ކަމަށެވެ.

"މި މަސައްކަތްތައް ރިޔާސީ އިންތިޚާބު އައުމުގެ ކުރިން ނިންމުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މި ދަނީ ކުރަމުން،" ފަޒުލް ވިދާޅުވި އެވެ.

ފެން ކުންފުނީގެ 23 ވަނަ އަހަރީ ދުވަސް ފާހަގަކުރާ އިރު އެކުންފުނިން ވަނީ ރާއްޖޭގައި ހަދާ ރިސޯޓުތަކަށް ހާއްސަކޮށްގެން ޔޫޓިލިޓީ ސޮލިއުޝަންގެ ނަމުގައި ޕެކޭޖްތަކެއް ތައާރަފުކޮށްފަ އެވެ.

އެމްޑަބްލިއުއެސްސީ އިން ވަނީ ދާދި ފަހުން ފެނާއި ނަރުދަމާއާއި އެހެނިހެން ބޭނުންތަކަށް ބޭނުންވާ ހުރިހާ ސައިޒްތަކެއްގެ ޕީވީސީ އަދި ޕީއީ ފައިޕުވެސް އުފައްދަން ފަށައި، ރައްޖޭގެ އުފެއްދުންތެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މުހިންމު ބައިވެރިއަކަށް ވެފަ އެވެ.

އެކުންފުނިން ބުނާ ގޮތުގައި އެކުންފުނީގެ އަމާޒަކީ ފޯރުކޮށްދޭ ކޮންމެ ޚިދުމަތަކީ ވެސް ކޮލިޓީ ހިފެހެެއްޓިފައިވާ، އަދި ތިމާވެއްޓަށް ގެއްލުން ކުޑަގޮތެއްގައިދޭ ޚިދުމަތެއްގެ ގޮތުގައި ދެމެހެއްޓުމެވެ.

އެމްޑަބްލިއުއެސްސީގެ ދަށުން ހިންގާ އައިލެންޑް ބެވެރެޖެސް މޯލްޑިވްސްއިން އުފައްދާ ތާޒާ ފެން ޕްލާންޓެއްގެ ތެރެ --- ފޮޓޯ އެމްޑަބްލިއުއެސްސީ

މިދިޔަ އަހަރުގެ ތެރޭގައި އެމްޑަބްލިއުއެސްސީން ވަނީ އައިއެސްއޯ 2015-9001 މެނޭޖްމަންޓް ސިސްޓަމް ހާސިލުކޮށް، އަދި މި އަހަރު އެޗްއޭސީސީޕީ ފުޑްސޭފްޓީ މެނޭޖްމަންޓް ސިސްޓަމް ސެޓްފިކެޓް އަދި އައިއެސްއޯ 22000:2005 ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ސެޓްފިކެޓް ޙާސިލްކޮށްފަ އެވެ.

ފެނާއި ނަރުދަމާގެ އެއްވަނައިގެ ޚިދުމަތް ފޯރުކޮށްދިނުމާ އެކު، އެމްޑަބްލިއުއެސްސީން ދަނީ އިޖުތިމާއީ ގޮތުން ވެސް މުހިންމު ޚިދުމަތްތަކެއް ކޮށްދެމުންނެވެ. އޭގެ ތެރޭގައި ތައުލީމާއި ސިއްހީ ދާއިރާއާއި އެކި ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކަށް ފެނާއި ފައިސާގެ އެހީ ފޯރުކޮށްދިނުން ފާހަގަކޮށްލެވެ އެވެ.

މީގެ އިތުރުން މާލޭގެ ރަސްފަންނުގައި ހެދި ޕެވިލިއަންއަކީ އެމްޑަބްލިއުއެސްސީން ހިންގި އިޖުތިމާއީ އެންމެ ބޮޑު މަސައްކަތެވެ. ޕެވިލިއަން މި މަހުގެ ތެރޭގައި ހުޅުވުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ދަނީ ކުރަމުންނެވެ.