01 Apr 2018, 14:06
ލަގްޒަރީ ރިސޯޓް ބްރޭންޑެއް ކަމަށްވާ ޖޭޑަބްލިއު މެރިއޮޓްއިން، ށ. ވަގަރުގައި "ޖޭ ޑަބްލިއު މެރިއޮޓް މޯލްޑިވްސް ރިސޯޓްސް އެންޑް ސްޕާ" ގެ ނަމުގައި ރިސޯޓެއް ހުޅުވަން ތައްޔާރު ވެއްޖެއެވެ.
ވައިސްރޯއީ މޯލްޑިވްސްގެ ނަމުގައި ށ.ވަގަރުގައި ހިންގަމުން އައި އެ ރިސޯޓް ޖޭ ޑަބްލިއުގެ ނަމަށް ރީ ބްރޭންޑްކޮށް ހުޅުވަން ހަމަޖެހިފައިވަނީ މި އަހަރުގެ ނުވެންބަރުމަހުގައި ކަމަށް އެ ރިސޯޓްގެ، ޖެނެރަލް މެނޭޖަރު މާކް ގުސިންއާ ހަވާލާދީ ޓްރެވަލް ނިއުސްތަކުގައި ވެއެވެ.
ދުނިޔޭގެ އެންމެ ބިޔަ ހޮޓެލް ޗެއިން ކަމަށްވާ އެެމެރިކާގެ މެރިއޮޓް އިންޓަނޭޝަނަލްގެ އެންމެ ލަގްޒަރީ ބްރޭންޑް "ޖޭ ޑަބްލިއު މެރިއޮޓް"ގެ ނަމުގައި ހުޅުވާ އެރިސޯޓްގައި 61 ވިލާ ހުންނާނެއެވެ.
ރިސޯތްގެ ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލް ހުންނާނެއެވެ. އޭގެ އިތުރުން ޓްރީޓޮޕް ރެސްޓޯރެންޓާއި އަގުބޮޑު ވައިސް ސެލާއެއް އަދި މުއްސަނދި މެރިން ލައިފްއެއްގެ އިތުރުން ޖޭޑަބްލިއުގެ ކުޑަކުދިންގެ ކްލަބް އާއި ޖޭޑަބްލިއު ސްޕާވެސް އެ ރިސޯޓްގައި ހުންނާނެކަމަށް ޓްރެވަލް ހަބަރުތަކުން މައުލޫމާތުދެއެވެ.
ށ.ވަގަރުގައި ހަދާ އެ ރިސޯޓަކީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 55 މިނެޓުން ސީޕްލޭންގައި ދެވޭނެ ރިސޯޓެކެވެ.