01 Apr 2018, 13:15
ދިވެހި މިއުޒިކީ ދާއިރާއަށް އިންގިލާބެއް ގެނުވި މަޝްހޫރު ބޭންޑް ޒީރޯ ޑިގްރީ އެޓޯލްސް އިން ރާއްޖޭގައި އުފެދުނު އަހްމަދު ނާޝިދު (ފުލޫ ނާޝިދު) އަކީ މިއުޒިކީ ލެޖެންޑެއްކަން ގައިމެވެ.
ދިވެހިންނަށް ކަމުދާ ގިނަ ލަވަތަކެއް ފުލޫ ނާޝިދު ގެނެސްދީފައިވެ އެވެ.
މީގެ އެއް އަހަރު ކުރިން ފުލޫ ނާޝިދު އަވަހާރަވެފައި ވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދަނިކޮށް އުމުރުން 53 އަހަރުގަ އެވެ.
ނާޝިދު އަވަހާރަވި އިރު، އޭނާ ދިޔައީ "ޖާނީ"ގެ ނަމުގައި އަލްބަމެއް ރިކޯޑް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ އަލްބަމްގެ މަސައްކަތް ފެށީ ކެންސަރަށް ޑައިގްނޯސް ވުމުގެ ކުރިންނެވެ. ކެންސަރުގެ ބައްޔަށް ފަރުވާ ހޯދުމަށް ފައިސާ ހޯދުމަށް ހަދަމުން ދިޔަ އެ އަލްބަމްގެ ބައެއް ކަންތައްތަކުގައި އަމަލީ ގޮތުން އޭނާ ބައިވެރިވި އެވެ.
"ޖާނީ" އަލްބަމްގެ ލަވަތައް މިހާރު ވަނީ ރިލީޒްކުރަން ފަށައިފަ އެވެ. އެ އަލްބަމްގެ ލަވައެއް ކުރިން ރިލީޒްކޮށްފައިވާ އިރު ރޭ ވަނީ އެ އަލްބަމުގެ އާ ލަވައެއް ރިލީޒްކޮށްފަ އެވެ.
ހަމައެކަނި ލަވަފޮށިން އަޑުއިވިގެންދާ އެ ލަވަ އަކީ ލެޖެންޑް ނާޝިދުގެ ހިތްގައިމު ލަވަ "ޗޫސް ޗޫސް" އެވެ.
އެ ލަވަ މިހާރު ލަވަފޮށިން އަޑުއެހޭނެ އެވެ.
އެ ލަވަ ވަނީ މި އަހަރުގެ އައިޑަލްގެ ޕްލެޓް ފޯމުގައި ޖަޖު ޒާރާ މުޖުތަބާ ވެސް ހުށައަޅައިދީފަ އެވެ.
ސްކޫލް ދައުރުން ފެށިގެން މިއުޒިކުގެ ތެރޭގައި އުޅެބޮޑުވި ނާޝިދުގެ ދިވެހިވަންތަ ރާގުގެ ލަވަތަކަކީ އަދި ވެސް ދިވެހިންގެ ތެރޭގައި މަގުބޫލު ލަވަތަކެވެ. އަދި ވެސް ދިވެހިންގެ ވިންދާ ކުޅެމުންދާ ރާގުތަކެކެވެ. އޭނާ އަކީ ދިވެހި މިއުޒިކީ ދާއިރާއަށް އަގުހުރި ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ އެވަރު ދެވަނައެއް ނުވާ ފަންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ލެޖެންޑެކެވެ.
ނާޝިދުގެ ލަވަތައް އަދި ވެސް ފަޑުވެގެން ގޮސްފައިނުވާ އިރު، އެއީ އަދި ވެސް ދިވެހިންގެ އެއްވަނަ އެވެ. އެކި ފެންވަރުގެ އެތައް އެވޯޑްތަކެއް ވެސް މިއުޒިކީ ދާއިރާއިން ހޯދާފައިވާ ހުނަރުވެރި އެކެވެ.