28 Aug 2011, 09:59
ނިޔުޔޯރކް (އޮގަސްޓް 28) : އީރީން ގެ ނަމުން ނަންދެވިފައިވާ ބާރުގަދަ ތޫފާން އެމެރިކާގެ އިރުމަތީ އައްސޭރިފަށުގެ ބައެއް ހިސާބުތަކަށް އަރަމުން އެބަދެއެވެ. މީގެ ތެރޭގައި އެމެރިކާގެ އިރުމަތީ ސްޓޭޓެއް ކަމަށްވާ ނޯތް ކެރޮލައިނާ ހިމެނެއެވެ. ތޫފާނާއެކު ނޯތް ކެރޮލައިނާ އަށް ގަޑިއަކު 130 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހެމުންދާ ކަމަށް އެސްޓޭޓްގެ ގަވަރނަރ ބަވަރލީ ޕާޑިޔު ވިދާޅުވިއެވެ.
އީރީން ތޫފާނާމެދު ސަމާލުވުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ރައްޔިތުންނަށް ގޮވާލައްވާފައިވާއިރު އެެމެރިކާގެ އިރުމަތީފަޅީގެ އެތަށް ސްޓޭޓެއްވަނީ އެތޫފާންގެ ބިރުވެރިކަމުގެ ތެރޭގައެވެ. އެތޫފާންގެ އަސަރު އެމެރިކާގެ 55 މިލިޔަން މީހުންނަށް ކުރާނެ ކަމުގެ ބިރުއެބައޮތް ކަމަށް ތޫފާންތަކާބެހޭ ދިރާސާތައްކުރާ އެމެރިކާގެ ޤައުމީ މަރުކަޒުން ބުނެއެވެ.
އީރީން ތޫފާނަކީ 2005 ވަނަ އަހަރު އެރި ކެޓްރީނާ ތޫފާނަށްފަހު އެމެރިކާއަށް ކުރިމަތިވާ އެންމެ ބާރުގަދަ ތޫފާން ކަމަށްވެސް ތޫފާންތަކާބެހޭ އެމެރިކާގެ ޤައުމީ މަރުކަޒުން ބުނެއެވެ. ކެޓްރީނާ ތޫފާންގެ ސަބަބުން އެމެރިކާއަށް 112 ބިލިޔަން ޑޮލަރުގެ ގެއްލުން ލިބިފައިވެއެވެ. ކެޓްރީނާ އާ ކުރިމަތިލުމުގައި އެމެރިކާގެ ބަލިކަށިކަން ނުކުޅެދުން ތެރިކަން އާދަޔާ ޚިލާފަށް ފެނިގެން ދިޔައެވެ. މި ނުކުޅެދުން ތެރިކަމުން އެމެރިކާގެ އޭރުގެ ރައީސް ޖޯޖް ޑަބްލިޔު ބުޝްގެ ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ވެގެން ދިޔައެވެ.
އީރީން ތޫފާނުގެ ސަބަބުންވެސް 50 ބިލިޔަން ޑޮލަރުގެ ގެއްލުން ލިބޭނެކަމަށް ތަޖްރިބާކާރުން އަންދާޒާ ކުރައްވައެވެ. އީރީން އަރާނެ ކަމަށް ބެލެވޭ ސްޓޭޓްތަކަކީ އެމެރިކާގެ އެންމެ އާބާދީބޮޑު ސިޓީތައް ކަމަށް ވާއިރު އެސީޓީތަކުން އެތަށް މިލިޔަން ބަޔަކު ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް މީގެ ދެދުވަސް ކުރިންވަނީ މަސައްކަތް ފަށާފައެވެ. އެެމެރިކާގެ އިރުމަތީ ސްޓޭޓްތަކުގެ އެއަރޕޯޓްތަކާއި ރޭލްވޭ ތަކާއި ސަބްވޭ ތަކާއި ހައިވޭތައް އިއްޔެ ހަވީރުން ފެށިގެންވަނީ ބަންދުކޮށްފައެވެ. (ނޫސްއެޖެންސީތައް)