01 Apr 2018, 12:16
ދިއްލީ (އޭޕްރިލް 1): އިންޑިއާގައި 'ދަށް ފަންތިއެއް' ކަމަށް ދެކޭ ދާލިތު ދަރިކޮޅުގެ މީހަކު އަހެއް ގެންގުޅުމުގެ ސަބަބުން އޭނާއަށް ހަމަލާދީ މަރާލައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު 21 އަހަރުގެ ޕްރަދީޕް ރާތޯޑު މަރާލާފައި އޮއްވާ ފެނުނީ ގުޖުރާތުގެ ޓިމްބީ އަވަށުންނެވެ. އޭނާގެ ކައިރީގައި އޭނާގެ އަސް ވެސް މަރާލާފައި އޮތް ކަމަށް ޕްރަދީޕްގެ ބައްޕަ ބުންޏެވެ.
އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި އަހެއް ގެންގުޅުމަކީ ބާރުގަދަކަމާއި މުއްސަނދިކަން ދައްކުވައިދޭ ކަމެކެވެ. އަދި އަސް ގެންގުޅެވޭނީ މަތީ ފަންތިއަށް ނިސްބަތްވާ މީހުންނަށް ކަމަށް ބައެއް މީހުން ގަބޫލު ކުރެ އެވެ.
ޕްރަދީޕްގެ މަރާ ގުޅިގެން އޭނާގެ ބައްޕަ ފުލުހުންނަށް ހުށަހެޅި މައްސަލާގައިވާ ގޮތުން ޕްރަދީޕް އަހެއް ބޭނުން ވެގެން އުޅޭތީ އޭނާއަށް އަހެއް ގަނެދިނީ އެވެ. އަދި މީގެ ހަފްތާއެއްހާ ދުވަސް ކުރިން އެ ދެ މީހުން އަސް ދުއްވާފައި ދަނިކޮށް މަތީ ފަންތިއަކަށް ނިސްބަތްވާ މީހަކު ވަނީ އެ އަވަށުގައި އަސް ނުދުއްވުމަށް ބުނެ އެމީހުންނަށް އިންޒާރު ދީފަ އެވެ.
"އޭނާ ބުނީ ދާލިތު ދަރިކޮޅުގެ މީހުން އަސް ދުއްވައިގެން ނުވާނެ ކަމަށާއި އަސް ދުއްވާނީ މަތީ ފަންތީގެ މީހުން އެކަނި ކަމަށް. އަދި އަސް ވިއްކާ ނުލައިފި ނަމަ މަރާލާނެ ކަމުގެ އިންޒާރު ވެސް އޭނާ ދިން،" ޕްރަދީޕްގެ ބައްޕަ ފުލުހުންނަށް ހުށަހެޅި މައްސަލައިގައިވެ އެވެ.
އެހާދިސާއާ ގުޅިގެން ގުޖުރާތުގެ ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ.
އިންޑިއާގެ ކާސްޓް ސިސްޓަމަށް ބިނާކޮށް އެކި މީހުންގެ މެދުގައި ތަފާތު ކުރުންތައް ގެންގުޅުމަކީ މަނާ ކަމެއް ނަމަވެސް އެއީ އެގައުމުގައި އާއްމު ކަމެކެވެ. (ބީބީސީ)