މާލޭގައި މުދާ އުފުލުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައެޅި ވަގުތުތަކާ މެދު ހިތްހަމަނުޖެހި، މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރާ މަޖޫރީން މަސައްކަތް ހުއްޓަލައި، އިހުތިޖާޖުކުރަން ފަށައިފި އެވެ.

ވިޔަފާރި ބަނދަރުގައި މުދާ އުފުލުމުގައި އުޅޭ ގާތްގަނޑަކަށް ހުރިހާ މަޖޫރީން މިވަގުތު ތިބީ މަސައްކަތް ހުއްޓާލައިގެންނެވެ. އެމީހުން ބުނަމުން ދަނީ މުދާ އުފުލުމަށް ކަނޑައެޅި ވަގުތުތަކާ އެކު އެމީހުންގެ މަސައްކަތް މާ ބޮޑަށް ބުރަވާނެ ކަމަށެވެ.

"ސަން"އާ ވާހަކަ ދެއްކި މަޖޫރީއަކު ބުނި ގޮތުގައި އިރުއޮއްސި ހަޔަކުން ފެށިގެން މަސައްކަތް ކުރަން ޖެހުމަކީ މަޖޫރީންނަށް ތަކުލީފެކެވެ. އެގޮތުން ދުވާލު ދޯނިތަކަށް މުދާ ހުސްކުރުމަށް ފަހު، ރޭގަނޑުގެ ވަގުތުގައި މާލެތެރެއަށް މުދާ ފޯރުކުރުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި ދުވަހުގެ ދެ ވަގުތެއްގައި މަސައްކަތް ކުރަން ޖެހުމަކީ ތަކުލީފެއް ކަމަށް މަޖޫރީން ބުންޏެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން ކަނޑައަޅާފައިވާ ގޮތުން، މިއަދުން ފެށިގެން މާލެތެރެއަށް ވިއްކުމަށާއި އަދި ގުދަންކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި، ލަކުޑި، ދަގަނޑު ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތްކުރުމަށް ބޭނުންކުރާ ގަލާއި، ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތަކާއި އެފަދަ ތަކެތި އެއްތަނުން އަނެއްތަނަށް އުފުލަން ވާނީ ހަވީރު 6:00 އިން ހެނދުނު 6:00 އަށެވެ.

އޭގެ އިތުރުން ޑެލިވަރީގެ ގޮތުގައި އުފުލާ ކައްކާ ގޭސް އުފުލޭނެ ގަޑިއެއް ކަމަށް ޓްރާންސްޕޯޓް އޮތީރިޓީން ކަނޑައަޅާފައި ވަނީ ހެނދުނު 08:30 އިން 11:00 އަށް އަދި ހަވީރު 6:00 އިން ހެނދުނު 6:00 އަށެވެ.