01 Apr 2018, 11:23
ބޭންކް އޮފް މޯލްޑިވްސް އިން ލުއި އެކްސްޕްރެސް ލޯނު ނުވަތަ ލުއި ޕްރޮފެޝަނަލް ލޯނެއް ނަގައިގެން،ލޯނަށް ދެއްކި ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއްމިއަދު ފަށައިފި އެވެ.
ބޭންކް އޮފް މޯލްޑިވްސް އިން އެ ޕްރޮމޯޝަން ފެށީ އޭޕްރިލް މަހަށް ޚާއްސަކޮށްގެންނެވެ.
ބީއެމްއެލް އިން ބުނެފައި ވަނީ ފަސް ދުވަސް ތެރޭގައި ލޯނު ޕްރޮސެސްކުރެވޭނެ ކަމަށާއި ކޮންމެ ބޭނުމެއްގައި ވެސް ލޯނު ނެގޭނެ ކަމަށެވެ.
ލޯނު ނެގޭނީ މިދިޔަ 12 މަސް ދުވަހު ވަޒީފާގައި އުޅެ، އަދި މިހާރު ވަޒީފާ އަދާކުރާ ތަނެއްގައި މަދުވެގެން ހަ މަސް ދުވަހު މަސައްކަތް ކޮށްފައިވާ މީހުންނަށެވެ.
އޭޕްރިލް މަހުގެ ތެރޭގައި ލޯނު އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް، ލޯނުގެ އަގު އަދާކުރުމަށް ޓަކައި އެފަރާތަކުން ލޯނުގެ ގޮތުގައި ނެގި އަދަދު އަނބުރާ ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
އެގޮތުން، 100،000 ރުފިޔާއާ ހަމައަށް ފައިސާ ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް ބީއެމްއެލް އިން އާންމުކޮށްފައިވާ ޕްރޮމޯޝަން ޕޯސްޓަރުގައިވެ އެވެ.
ބޭންކް އޮފް މޯލްޑިވްސްގެ "ލުއި އެކްސްޕްރެސް" ލޯނަކީ 50،000 ރުފިޔާއާ ހަމައަށް ފައިސާ ނެގޭ ލޯނެކެވެ. އެ ލޯނުގެ އިންޓްރެސްޓް ރޭޓަކީ 18 ޕަސަންޓެވެ. އަދި ރަހުނެއް ބަހައްޓާ ނަމަ 11.75 ޕަސަންޓެވެ. ލޯނު އަނބުރާ ދެއްކުމަށް ހަތަރު އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.
މީގެ އިތުރުން "ލުއި ޕްރޮފެޝަނަލް" ލޯނުގެ ދަށުން 50،000 ރުފިޔާ އިން ފެށިގެން 100،000 ރުފިޔާއާ ހަމައަށް ފައިސާ ނެގޭނެ އެވެ. ލުއި ޕްރޮފެޝަނަލް ލޯނުގެ އިންޓްރެސްޓް ރޭޓަކީ 15 ޕަސަންޓު، އަދި ރަހުނެއް ބަހައްޓާނަމަ 11.75 ޕަސަންޓެވެ. މި ލޯނު އަނބުރާ ދެއްކުމަށް ފަސް އަހަރު ދުވަހުގެ މުއްދަތު ލިބެ އެވެ.
ބޭންކް އޮފް މޯލްޑިވްސްގެ އިންޓަނެޓް ބޭންކިންގް މެދުވެރިކޮށް ވެސް ލޯނަށް އެދި ހުށަހެޅުމުގެ ޚިދުމަތް ކަސްޓަމަރުންނަށް ލިބިގެން ދާނެ އެވެ.