ތެލްއަވީވް (01 އޭޕްރީލް): ފަލަސްތީންގެ ގައްޒާގައި މިހާރު ކުރިއަށްދާ ވަރުގަދަ މުޒާހަރާގައި، ފަލަސްތީންގެ މީހުން މެރި އިސްރާއިލުގެ ސިފައިންނަށް އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޝުކުރުއަދާކުރައްވައިފި އެވެ.

އިސްރާއިލުން ވަނީ އެ މުޒާހަރާ ހުކުރު ދުވަހު ކުރިއަށްދިޔަ އިރު ފަލަސްތީންގެ 17 މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފަ އެވެ. އެ ހާދިސާގައި ހާހަކަށް ވުރެ ގިނަ މީހުން ވެސް ވަނީ އެކިވަރުގެ ޒަހަމްތައް ވެސް ލިބިފަ އެވެ.

ނަތަންޔާހޫ އޭނާގެ އޮފިޝަލް ޓުވިޓާ އެކައުންޓުގައި ވަނީ އިސްރާއިލުގެ ސިފައިންގެ އަމަލުތައް ދިފާއުކުރައްވައިފަ އެވެ. އަދި ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން މެރީ އިސްރާއިލުގެ ދިފާއުގައި ކަމަށެވެ.

"ގްރޭޓް މާޗް އޮފް ރިޓާން"ގެ ނަމުގައި ފަލަސްތީނުގެ އެތައް ހާސްބަޔަކު ޣައްޒާއާއި އިސްރާއީލުގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް އިއްޔެ ޖަމާވެ އެމީހުން ވަނީ އެމީހުންގެ ކާބަފައިން ބޭރުކޮށްލާފައިވާ ފަލަސްތީނުގެ ބިންތަކަށް (މިހާރު އިސްރާއީލުގެ ގޮތުގައި އޮތް) ކޮންމެވެސް ދުވަހަކުން އެނބުރި ރުޖޫޢަވާނެ ކަމަށް ބުނެ އެހައްގު އޮތްކަން ބަޔާންކޮށް އިޙްތިޖާޖްކޮށްފަ އެވެ.

ތުރުކީގެ ބޮޑުވަޒީރު ރަޖިބް ތައްޔިބު އުރުދުއާން ވަނީ އިސްރާއިލުގެ ލާއިންސާނީ އަމަލުތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.

ތުރުކީން މިހާރު ސީރިއާގެ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ފެށި ހަމަލާތަކާ ދެކޮޅަށް ހުޅަނގުގެ މީޑިއާތަކުން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށާއި ނަމަވެސް އިސްރާއިލުގެ އަމަލުތަކާ ދެކޮޅަށް އެއްވެސް ފަރާތަކުން އަޑު ނޫފުލާތީ ވެސް އުރުުދުއާން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.

މަސްދަރު: އަލްޖަޒީރާ