28 Aug 2011, 09:46
ލީބިޔާގެ މުއްސަނދިކަން ގައްޒާފީ ބޭނުންކޮށްފައިވާ މިންވަރު އޭނާގެ ގަނޑުވަރުތައް ހުންނަ ކޮމްޕައުންޑަށް ވަން ހަނގުރާމަވެރިންނަށް ވަނީ ފެނިފަ އެވެ. ނަމަވެސް އެމީހުންނަށް އެތަނުން ފެނުނު އެންމެ އާދަޔާ ހިލާފު އެއްޗަކަށް ވެފައި ވަނީ އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް، ކޮންޑަލިޒާ ރައިސްގެ ފޮޓޯފުޅުތަކުން ފުރާލާފައިވާ އަލްބަމެކެވެ.
ގައްޒާފީގެ ހިތްޕުޅުގައި ކޮންޑަލިޒާ ރައިސްއަށް ހާއްސަ ޖާގައެއް ދެއްވާފައިވާ ކަން އޭނާ 2007 ވަނަ އަހަރު އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއަކުން ވެސް ފާހަގަ ވެގެން ގޮސްފައިވެ އެވެ. އެ އިންޓަވިއުގައި އޭނާ ވިދާޅުވެފައި ވަނީ އެމެރިކާގެ ( އޭރުގެ) ރައީސް ބުޝްގެ އެންމެ މަތީ ޑިޕްލޮމޭޓް ދަނީ އަރަބި ދުނިޔެއަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވަމުން ކަމަށެވެ.
"އަހަރެންގެ ލޯބިވެރިޔާ، އެފްރިކާގެ ކަޅު އަންހެނާއަށް އަހަރެން ތާއީދުކުރަން. ފަހަތަށް ލެނބިލާފައި އޭނާ އަރަބި ލީޑަރުންނަށް އަމުރުތައް ކުރައްވާ ގޮތް އަހަރެންނަށް ވަރަށް ކަމުދޭ، ލީޒާ، ލީޒާ، ލީޒާ، އަހަރެން އޭނަ ދެކެ ވަރަށް ލޯބިވޭ،" ގައްޒާފީ ވިދާޅުވެފައިވެ އެވެ.
ޖެހިގެން އައި އަހަރު ކޮންޑަލިޒާ ރައިސްއާ ބައްދަލުކުރެއްވުމުގެ ފުރުސަތު ގައްޒާފީއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ ރަސްމީ ދަތުރުފުޅެއްގައި އެކަމަނާ ލީބިޔާއަށް ވަޑައިގަތުމުންނެވެ. ރައިސްގެ އެ ދަތުރުފުޅަކީ އެމެރިކާގެ އެމްބެސެޑަރަކު ޓްރިޕޮލީގައި ނުހުންނަތާ އެތައް އަހަރެއްގެ ފަހުން ދެގައުމުގެ ގުޅުން ރަނގަޅު ކުރުމަށް ރައިސް ކުރެއްވި ދަތުރުފުޅެކެވެ.
"އެމެރިކާގެ ދާއިމީ ދުޝްމަނުންނެއް ނުތިބޭނެ،" 2008 ވަނަ އަހަރު ކުރެއްވި އެދަތުރުފުޅުގައި ރައިސް ވިދާޅުވެފައިވެ އެވެ.
ރައިސް ލީބިޔާ އަށް ކުރެއްވި ދަތުރުފުޅުގައި ގައްޒާފީ އެކަމަނާއާ ބައްދަލުކުރެއްވީ އޭނާގެ ގަނޑުވަރުތަކުގެ ތެރެއިން އެމެރިކާ އިން ބޮންއެޅި ގަނޑުވަރެއްގަ އެވެ. އެމެރިކާގެ ކުރީގެ ރައީސެއް ކަމަށްވާ ރޮނަލްޑް ރޭގަން އެކަމަށް އަމުރު ކުރެއްވީ ލީބިޔާ އިން ޖަރުމަނުގެ ޑިސްކޯއަކަށް ހަމަލާދިނުމާ ގުޅިގެންނެވެ.
ރޯދަވީއްލުމެއްގައި ކޮންޑަލިޒާ ރައިސްއާ ބައްދަލުކުރެއްވުމަށް ފަހު އެފަހަރު ވެސް ގައްޒާފީ އެކަމަނާއާ މުހާތަބުކުރައްވާފައި ވަނީ ލީޒާގެ ނަމުންނެވެ.
އަލިމަސް ޖެހި އަނގޮޓިއަކާ އެކު 212000 ޑޮލަރުގެ ހަދިޔާގެ ޕެކޭޖެއް ގައްޒާފީ އެފަހަރު ކޮންޑަލިޒާ ރައިސްއަށް ހަދިޔާކުރެއްވި އެވެ.
ގައްޒާފީގެ ބާބުލް އަޒީޒިއްޔާ ކަމްޕައުންޑުން ފެނުނު ކޮންޑަލިޒާ ރައިސްގެ ފޮޓޯ އަލްބަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް އެކަމަނާ އަދި ވިދާޅެއް ނުވެ އެވެ.
ގައްޒާފީ ފާހަގަ ކުރެވިފައި ވަނީ އާދަޔާ ހިލާފު ގޮތަކަށް ދިރިއުޅުއްވާ ބޭފުޅެއްގެ ގޮތުގަ އެވެ.