މާލެ އާއި ހުޅުލެއާ ދެމެދު އަޅާ މޯލްޑިވްސް - ޗައިނާ ފްރެންޑްޝިޕް ބްރިޖުގެ މައި ދެ ތަނބެއް ރޭ ގުޅާ ނިންމާލައިފި އެވެ.

ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބުރިޖުގެ ސުޕާސްޓްރަކްޗަރުން ގުޅާލެވޭ ފުރަތަމަ ދެ މައި ތަނބު ގުޅާލެވިފައިވާ ކަމަށެވެ.

އެ ދެ ތަނބަކީ 22 ވަނަ ތަނބާއި 23 ވަނަ ތަނބެވެ.

ޗައިނާގެ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިންގް ކޮމްޕެނީއިން މާލެ-ހުޅުލޭ ބުރިޖުގެ މަސައްކަތް ކުރާ އިރު، ހައުސިންގް މިނިސްޓަރު މުއިއްޒު ވިދާޅުވީ ބުރިޖުގެ މަސައްކަތް ދަނީ ތާވަލާ އެއްގޮތަށް ކަމަށެވެ.

ބުރިޖު އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށް ދާ އިރު، ް ބްރިޖުގެ ކޮންކްރީޓުގެ ގިނަ މަސައްކަތްތަކެއް ވަނީ ނިމިފަ އެވެ.

ހައުސިންގް މިނިސްޓަރު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން، މާލެއިން ފެށިގެން ހުޅުލެއާ ހަމައަށް ބްރިޖުގެ ސުޕާސްޓްރަކްޗަރު އެޅުމުގެ މަސައްކަތް މި އަހަރުގެ ޖުލައި މަހުގެ ނުވަ ވަނަ ދުވަހަށް ނިމޭނެ އެވެ.

"ހިނގާފައި ވިޔަސް ދެވޭނެ ގޮތަށް އެއްކޮށް ގުޅާލާ ކޮންކްރީޓް މަސައްކަތް ނިމެނީ އަންނަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް،" މުއިއްޒު މިދިޔަ މަހު ވިދާޅުވި އެވެ.

އަދި ބުރިޖް ހުޅުލެއާ ގުޅާލައި ނިމުމުން ދެން ކުރިއަށްދާނީ ތާރު އެޅުމާއި ލައިޓް ޖެހުމުގެ މަސައްކަތް ކަމަށާއި އަންނަ ރިޔާސީ އިންތިޚާބުގެ ކުރިން ބްރިޖުގެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ބުރިޖު އެޅުމަށް ޖުމްލަ 300 މިލިއަން ޑޮލަރު (4.7 ބިލިޔަން ރުފިޔާ) ޚަރަދުވެ އެވެ. އެ ފައިސާގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 170 މިލިއަން ޑޮލަރު ޗައިނާ އިން ދޭނީ ލޯނު އެހީގެ ގޮތުގަ އެވެ. އެ ލޯނުގެ އިންޓްރެސްޓަކީ ދެ ޕަސެންޓެވެ. ބުރިޖް އެޅުމަށް ދިވެހި ސަރުކާރުން 30 މިލިއަން ޑޮލަރު ޚަރަދުކުރާނެ ކަމަށް ފައިނޭންސް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.