މެޖާލީގު ސޮކާ (އެމެރިކާ ލީގު)ގައި ޒްލަޓަން އިބްރަހިމޮވިޗް ކުޅުނު ފުރަތަމަ މެޗުން ވެސް އޭނާގެ ފެންވަރު ދައްކާލައިފި އެވެ.

އެމެރިކާ ލީގު އާއްމުންގެ ތެރެއަށް މަޝްހޫރުވެގެން އައީ ޔޫރަޕްގެ ވަރުގަދަ ލީގުތަކުގައި ކުޅެ، ރިޓަޔާވުމަށް ތައްޔާރުވާ ކުޅުންތެރިން އެ ލީގުގެ ކްލަބުތަކަށް ކުޅެން ފެށުމުންނެވެ. އެގޮތުން ފްރޭންކް ލަމްޕާޑް އަދި ތިއެރީ އޮންރީއާއި ސްޓީވަން ޖެރާޑުގެ އިތުރުން ޑޭވިޑް ބެކަމް ވެސް ވަނީ އެމެރިކާގެ ލީގުގެ ކްލަބުތަކަށް ކުޅެފަ އެވެ. ސްޕެއިންގެ ފޯވަޑް ޑޭވިޑް ވިލާއަކީ މިހާރު ވެސް އެމެރިކާ ލީގުގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ.

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުންދިޔަ ޒްލަޓަން، އެމެރިކާ ލީގުގެ އެންމެ ޝަރަފުވެރި ކްލަބު، އެލްއޭ ގެލެކްސީއަށް ބަދަލުވީ މިދިޔަ ހަފްތާގަ އެވެ.

ކަން ދިމާކުރި ގޮތުން އެމެރިކާ ލީގުގައި ޒްލަޓަންއަށް ފުރަތަމަ ވެސް ކުޅެން ޖެހުނީ ޑާބީ މެޗެކެވެ. ގެލެކްސީ އަދި ލޮސް އޭންޖަލަސް ފުޓްބޯލް ކްލަބު ވާދަކުރި މެޗު 4-3ގެ ނަތީޖާއަކުން ނިމިފައިވާ އިރު، ޒްލަޓަން މެޗަށް ނުކުތީ ވެސް 71 ވަނަ މިނެޓުގަ އެވެ. އޭރު ގެލެކްސީ އޮތީ 3-1ގެ ނަތީޖާއަކުން ބަލިވެފަ އެވެ.

މެޗުގެ ފުރަތަމަ 30 މިނެޓް ތެރޭގައި ލޮސް އޭންޖަލަސްއިން ވަނީ 2-0ގެ ލީޑެއް ނަގައިފަ އެވެ. އެ ދެ ގޯލް ވެސް ކާމިޔާބުކޮށްދިނީ ކުރިން އާސެނަލަށް ކުޅުނު ކާލޮސް ވެލާ އެވެ.

ދެވަނަ ހާފް ފެށިގެން 48 ވަނަ މިނެޓުގައި ލޮސް އޭންޖަލަސްއިން ލީޑު 3-0 އަކަށް ބަދަލުކޮށްލި ނަމަވެސް 61 ވަނަ މިނެޓުގައި ގެލެކްސީގެ ސަބެސްޓިއަން ލެޖެޓުގެ ގޯލުން އެޓީމު އުންމީދު އާކުރި އެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ޒްލަޓަން ކުޅެން ނުކުތުމާ އެކު ގެލެކްސީގެ ސަޕޯޓަރުން ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. ޒްލަޓަން ކުޅެން ނުކުތްތާ ދެ މިނެޓް ފަހުން، ކްރިސް ޕޮންޓިއަސް ޖެހި ގޯލުން ގެލެކްސީން ނަތީޖާގެ ފަރަގު އެއް ގޯލަށް ކުޑަކުރި އެވެ. މެޗުގެ 77 ވަނަ މިނެޓުގައި ގެލެކްސީން ނަތީޖާ ހަމަހަމަ ކުރީ ޒްލަޓަންގެ ރީތި ގޯލަކާ އެކުގަ އެވެ.

ނަތީޖާ ހަމަހަމަކޮށްދިން ގޯލަކީ ލޮސް އޭންޖަލަސްގެ ހާފް މެދެއްހާ ހިސާބުން ޒްލަޓަން ފޮނުވާލި ބާރު ހަމަލާއެކެވެ. އުމުރުން 36 އަހަރުގެ ޒްލަޓަން އޭނާގެ ދެވަނަ ގޯލް ކާމިޔާބުކުރީ މެޗުގެ ފަހު މިނެޓުގަ އެވެ. އެ ގޯލާއެކު އޭނާ ވަނީ މެޗުގެ ނަތީޖާ 4-3އަކަށް ބަދަލުކޮށްލައިފަ އެވެ.

ޒްލަޓަންއަކީ ޔޫރަޕްގައި ކުޅުނު އެންމެ މޮޅު އެއް ފޯވަޑެވެ. ސްވިޑެންގެ ގައުމީ ޓީމަށް ވެސް ގިނަ މެޗުތަކެއް ކުޅެ، ގިނަ ގޯލްތަކެއް ޖަހައިދީފައިވާ ޒްލްޓަން މިހާރު ހުރީ ގައުމީ ޓީމުން ރިޓަޔާ ކޮށްފަ އެވެ. ކްލަބު ކެރިއަރުގައި ބާސެލޯނާ، އިންޓަ މިލާން، އޭސީ މިލާންގެ އިތުރުން ޕީއެސްޖީ އަދި މެންޗެސްޓާ ޔުނައިޓެޑަށް ވެސް ކުޅެފައިވާ ޒްލަޓަންއަކީ އޭނާގެ ކެރިއަރުގައި ކާމިޔާބީތައް ގިނަ ކުޅުންތެރިއެކެވެ.