01 Apr 2018, 09:17
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާ އެކު ކާމިޔާބުކޮށް، މެންޗެސްޓާ ސިޓީން ލީގު ނެގުމާ ގާތަށް ޖެހިލައިފި އެވެ.
ލީގު ތާވަލުގެ އެއްވަނާގައި 16 ޕޮއިންޓްގެ ލީޑެއްގައި ސިޓީ އޮތް އިރު، ލީގުގައި ދެން ސިޓީ ކުޅެން ޖެހޭނީ ދެވަނާގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެ ސިޓީއަށް ލީގު ޔަގީން ކުރުމުގެ ފުރުސަތު އެބައޮތެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީއާ އެވަޓަން ވާދަކުރި މެޗުގެ ތެރެއިން: ސިޓީން ވަނީ މެޗުން މޮޅުވެ، ލީގު ހޯދުމާ ގާތަށް ޖެހިލައިފައި --- ފޮޓޯ/ އޭޕީ
އެވަޓަންގެ ދަނޑުގައި ރޭ ކުޅުނު މެޗުން ސިޓީ މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހަތަރު މިނެޓު ތެރޭގައި ސިޓީން ވަނީ ލީޑު ނަގައިފަ އެވެ. އެޓީމަށް ލީޑު ނަގައިދިނީ ޖަރުމަނުގެ ޒުވާން ފޯވަޑް ލެރޮއީ ސާނޭއެވެ. ސާނޭގެ ގޯލަކީ، ޑޭވިޑް ސިލްވާގެ ހުރަހަކުން އޭނާ ޖެހި ރީތި ގޯލެކެވެ.
މެޗުގެ 12 ވަނަ މިނެޓުގައި ސިޓީން ލީޑު ފުޅާކުރި އެވެ. ސިޓީއަށް މެޗުގެ ނަތީޖާ ފުޅާކޮށްދިނީ ގެބްރިއަލް ޖީސަސްއެވެ. ބްރެޒިލްގެ ޒުވާން ފޯވަޑް، ގެބްރިއަލް ޖީސަސްއަށް އެ ގޯލް ފަހިކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީއާއި އެވަޓަން ވާދަކުރި މެޗުގެ ތެރެއިން: ސިޓީން ވަނީ މެޗުން މޮޅުވެ، ލީގު ހޯދުމާ ގާތަށް ޖެހިލައިފައި --- ފޮޓޯ/ އޭޕީ
ފުރަތަމަ ހާފް ނިމުމުގެ ކުރިން ރަހީމް ސްޓާލިންގެ ގޯލުން ސިޓީ ލީޑު ފުޅިކުރި އެވެ. ފުރަތަމަ ހާފް ފުލް ކޮންޓްރޯލްގައި ކުޅުނު ސިޓީން ދެވަނަ ހާފަށް ނުކުމެ ބޮޑަށް ބެލީ ނަތީޖާ ހިފެހެއްޓުމަށެވެ. ގިނަ ވަގުތު ސިޓީން ބޯޅަ ހިފަހައްޓައިގެން ކުޅުނު ސިޓީ ކޮޅަށް އެވަޓަންއިން ޖެހި ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ ޔަނިކް ބޮލާސީއެވެ.