02 Apr 2018, 09:41
އުމުރުން އޭރު ވާނީ އެންމެ ހަތަރު ވަރަކަށް އަހަރެވެ. ފިހާރައަކަށް ދިޔައަސް ރާގު ޖަހާ ގިޓައެއް ހޯދަން ބޮޑާހާކަ އެވެ. ޓީވީން އަޅުވާ ޗެނަލްތަކުން ގެނެސްދޭ ގިނަ ލަވަތައްވެސް އޭރު ވެސް ހިތުދަހެވެ. އެއީ ކޮންމެ ބަހެއްގެ ލަވައަކަށް ވިއަސް ރާގާ އެކު ހަނދާން ހުރެ އެވެ. އޯޓިޒަމް ހުރި ނަމަވެސް އޭރު ވެސް ލުމީގެ ޝައުގުވެރިކަން ހުރީ މިއުޒިކަށެވެ.
"ކިތަންމެ ދުވަހެއް ވިޔަސް ލަވަ ހިތުދަސްވެފައި ހުންނާނީ. އަލުން ނުޖެހޭ އެ ޕްރެކްޓިސް ކުރުވާކަށް ވެސް. ލުމީގެ މައިންޑުގައި [ބޮލުގައި] ހުރޭ އެ ލަވަ އެއްކޮށް. އެއްފަހަރު އަޑުއަހާލާފައި، އޭނަ ލައިކް ވަންޔާ ދެން ނުޖެހޭނެ އަޑުއަހާކަށް. ހަމައެކަނި ލަވައެއް ނޫން. ލަވާގައި އަންނަ މިއުޒިކު ކޮޅު ވެސް އޭނާއަށް އިނގޭ. އެލަވަ ކިޔާފައި ހުރި މީހާ ވެސް އެނގޭނެ،"

ލުމީ ކުޑައިރު: މިހާރު ލުމީ އެންމެ ޝައުގުވެރިވަނީ ހިންދީ ލަވައަށް ކަމަށް އޭނާގެ މަންމަ ބުނޭ ---
އިމާދުއްދީން ސްކޫލުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ކިޔަވައިދޭ ސެން ކުލާހުގައި ކިޔަވަމުންދާ އުމުރުން 10 އަހަރުގެ މަރިޔަމް ލުމައިހާ އާދިލް (ލުމީ) މިއުޒިކަށް ހުންނަ ޝައުގުވެރިކަން އޭނާގެ މަންމަ މިންނަ ހުސައިން ސިފަކޮށްދިނީ މިހެންނެވެ.
އޯޓިސްޓިކް ކުއްޖެއް ނަމަވެސް ލުމީއަށް ލިބިފައިވާ މިއުޒިކީ ހުނަރަކީ މިއަދު ބައިނަލްއަގްވާމީ މުޖުތަމައު ވެސް ބަލައިގަތްފައިވާ ހުނަރެކެވެ. އޯޓިސްޓް ކުދިންގެ ހުނަރު ދައްކާލުމަށް ކޮންމެ އަހަރަކު ހޮންގްކޮންގުގައި ބާއްވާ އޯޓިޒަމް ގާލާގައި މިދިޔަ އަހަރު ލުމީ އެއްވަނަ ހޯދުމަކީ އޭގެ ހެއްކެކެވެ.
ކުޑައިރު އެންމެ ޝައުގުވެރިވީ މަދަހައަށް، މަންމަގެ އުންމީދަކީ ވެސް އެއީ
ޑރ. އާދިލް ރަޝީދާއި މިންނަ ހުސައިނަށް ލިބިފައިވާ ހަތަރު ކުދިންގެ ތެރެއިން، ލުމީއަކީ އެ ދެމަފިރިންގެ ހުންނަ އެއްމާބަނޑު ދެކުދިންގެ ތެރެއިން ހަގަށް ހުންނަ ކުއްޖާ އެވެ. އެންމެ ކުޑައިރު ވެސް ލުމީގެ ތަފާތު ކަމެއް ހުރިކަން ފާހަގަވި އިރު، ވާހަކަދެއްކެން ފެށީ ވެސް އުމުރުން ހަތަރު އަހަރުގަ އެވެ. ނަމަވެސް އޭގެ ކުރީން ވެސް މަދަހަ އަޑުއަހަން ލުމީގެ ޝައުގުވެރިކަން ހުންނަ ކަމަށް އޭނާގެ މަންމަ ބުނެ އެވެ.

ލުމީ އޭނާގެ ބައްޕައާއެކު: ލުމީގެ މަންމަ އަދި ބައްޕަ އާއިލާއިން ވެސް އޭނާ ލަވަކިޔުމަށް ހިތްވަރުދޭ ---
"ކުރިން ލުމީ ވަރަށް ވަރަށް ފޯރި ހުންނާނެ މަދަހަ އަޑުއަހަން. އަހަރެން ފުރަތަމަ އައިޕޮޑެއް ގަނެދިނީ ލުމީއަށް. އޭގައި ހުންނާނެ ހުސް މަދަހަ އަޅާފައި. އޭރު ވާހަކައެއް ވެސް ނުދެއްކޭނެ. ދެން ނިދަންވީމަ، އައިޕޮޑް ހިފައިގެން އައިސް އަތަށް ދޭނެ. ދެން އޭގެ މާނައަކީ ޖަހައިދޭށޭ ތިމަންނައަށް،" ލުމީގެ މަންމަ ކިޔައިދިނެވެ.
އޯޓިޒަމް އެސޯސިއޭޝަނުން ހުޅުމާލޭގައި ހިންގާ އޯޓިޒަމް ސެންޓަރުން ފަރުވާ ހޯދަމުންދާ ލުމީއަށް މިއަދު އޭނާ ބޭނުންވާ ކަމެއް ނުވަތަ އެއްޗެއް ބުނެލުމުގެ ނަސީބު މިންވަރު ކުރައްވާފައިވާ އިރު، ލުމީގެ ލަވަކިޔުމުގެ ހުނަރު އިތުރަށް ރަނގަޅުވުމުގެ ފެށުމަކީ ވެސް އެ ސެންޓަރެވެ.
ވާހަކަދެއްކެން ފެށުމުން ކުރިން މަދަހަ އަޑުއަހަން ހުރި ފޯރިއާ އެކު ލުމީއަކީ އަރަބި މަދަހަ ވެސް ރީތިކޮށް ކިޔާ އުޅުނު ކުއްޖެކެވެ. ނަމަވެސް މަދަހައަށް ވުރެ ބޮޑަށް ލުމީގެ ޝައުގުވެރިކަން މިއަދު ހުރީ ލަވަ ކިޔުމަށެވެ. ހާއްސަކޮށް ހިންދީ ލަވަ އެވެ. ނަމަވެސް، ލުމީގެ މަންމަގެ އުންމީދަކީ އޭނާ ލައްވައި މަދަހަ ކިޔުއްވުމެވެ.

"ލަވަކިޔުމަކީ އެހާ ހިތްހަމަޖެހޭ ކަމަކަށް ނުވޭ. މަދަހަ ވެސް ކިޔާނެ ކިޔާލާށޭ ބުނީމަ. މަދަހަ ކިޔުއްވަން ވަރަށް ބޭނުން. އެކަން ހިތުގައި އެބަ އޮތް ކުރަން ވެސް. އަރަބި މަދަހަ ވަރަށް ރީތިކޮށް ކިޔާފައި އެބަހުރި. މަދަހަ ވެސް ކިޔޭނެ. ލަވައަށް ވުރެ އެހެން ގޮތަކުން ކަމެއް ދަސްކޮށްދޭން ބޭނުމީ،" މިއްނަ ބުންޏެވެ.
ގަޔާ ވަންޔާ ކޮންމެ ލަވައެއްވެސް ހެޔޮވަރު، އެންމެ ކަމުދަނީ ހިންދީ
ލުމީއަކީ އެހެން ކުދިންނާ ތަފާތުވި ނަމަވެސް ހާއްސަ ކުއްޖެކެވެ. ހާއްސަ ވަނީ އޭނާގެ ހުރި ހުނަރުންނެވެ. ނަމަވެސް އެ ހުނަރުގައި ވެސް ލުމީ ތަފާތެވެ. އެއީ ލުމީއަކަށް ވަކި ލަވައެއް ނުވަތަ ލަވަކިޔާ ވަކި މީހަކު ހާއްސަ ނުވުމެވެ. އެކި ދުވަސްވަރު ލުމީ ޝައުގުވެރިކަން ހުންނަނީ އެކި ލަވައަށެވެ.
ލުމީގެ މަންމަ ބުނާ ގޮތުން، މިފަހުން އައިސް ލުމީ އެންމެ ޝައުގުވެރި ވަނީ ހިންދީ ބަހަށާއި އެބަހުގެ ލަވައަށެވެ. އޭގެން ވެސް ހާއްސަ ވަނީ ކުރީ ޒަމާނުގެ ލަވަތަކަށެވެ.
"މިހާރު ވަރަށް އިންޓުރެސްޓް ހުރޭ ހިންދީއަށް، ހިންދީން ވާހަކަ ވެސް ދައްކާނެ އެހެން އުޅެލާފައި. ބައެއް ފަހަރު އަހަރެންނަށް ވެސް ގޮވާލާނެ ހިންދީން ކޮންމެވެސް އެއްޗެހިތަކެއް ކިޔާލަފާނެ.. އަހަރެމެންނަށް އަޑު ނުވެސް އިވޭ ލަވަތައް ކިޔާނެ އެހެން އިނދެފައި. ނޭނގެ އޭނާއަށް އެ ނަގައިގަނެވެނީ ކިހިނެތް ކަމެއްވެސް،" މިންނަ ބުންޏެވެ.

ލުމީ ކުޑައިރު: ލަވަ ކިއުމުގެ ހުނަރުގެ އިތުރުން ލުމީއަކީ ކޭކު އަޅަން ވެސް މޮޅު ކުއްޖެއް ---
އޭގެ އެންމެ ބޮޑު ހެއްކަކީ ލުމީއަށް އޯޓިސްޓް ކުދިންގެ ހުނަރު ދައްކާލުމަށް ބޭއްވި މުބާރާތުގެ އެއްވަނަ ހޯދީ ވެސް ހިންދީ ލަވައެއް ކިޔައިގެން ކަމެވެ. އެ މުބާރާތުގައި ލުމީ ކިއީ 2000 ވަނަ އަހަރުގެ ތެރޭގައި ނުކުތް އެންމެ މަޝްހޫރު އެއް ފިލްމު، "މޮހައްބަތެއިން"ގައި ހިމެނޭ "ހަމްކޯ ހަމީސޭ ޗުރާލޯ" މި ލަވަ އެވެ. އެއީ އޭރު ލުމީ އެންމެ ފޯރި ހުރި ލަވަ އެވެ.
ލުމީގެ މަންމަ ބުނީ، މިހާރަކަށް އައިސް ލުމީއަށް ކަމުގޮސްގެން އުޅެނީ ވެސް ހިންދީ ލަވައެއް ކަމަށެވެ. އެއީ 2007 ވަނަ އަހަރު ރިލީޒްކުރި ޑްރާމާ، ރޮމޭންސް ފިލްމު، "ގުރޫ"ގައި އައިޝްވަރްޔާ ރާއީ ބައްޗަން ފެނިގެންދާ ލަވަ "ބަރްސޯ ރޭ"އެވެ.
އޯޓިސްޓިކް ކުއްޖަކު ލަވަކިއުމަކީ ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވެދާނެ ކަމެއް ނަމަވެސް ލުމީގެ މުޅި އާއިލާއިން ވެސް ލަވަކިއުމަށް އޭނާއަށް އެއްބާރުލުން ދެ އެވެ. ލަވަކިޔާނެ މައިކާ އެއްޗެހި ހޯދައިދީފައި ވެސް ހުރެ އެވެ. އާއިލާ މެމްބަރުންނަށް ލަވައެއް ކިޔައިދިނުމަކީ ލުމީގެ ވެސް އުފަލެކެވެ. އެއީ ލުމީއަށް ލިބޭ ހިތްހަމަޖެހުމެކެވެ.
"ގޭގައި ގެޓްޓުގެދާއެއް ހަދާއިރު، ހުންނާނެ ދެ ފަރާތުގެ ފެމިލީން ވެސް މައިކާ އެއްޗެހި ލުމީއަށް ހޯދައިދީފައި. ލުމީ އެކަމަށް ޝައުގުވެރިކަން ހުންނާތީވެ. ދެން ލުމީ ލައްވާ ކިޔުއްވާފައި ބުނާނެ ވަރަށް އުފާވެއްޖޭ، އަނެއްކާ ވީޑިއޯކޮށް ރެކޯޑުކުރާތީ ލުމީ ވަރަށް އުފާވާނެ. އެދުވަހެއްގެ ދެން އުފަލުން ނުހުންނާނެ ގޮތެއް،" މިންނަ ކިޔައިދިނެވެ.
ލަވަކިޔުމުގައި ލުމީގެ އާދަޔާ ހިލާފު ހުނަރު، ދެ އަޑުން ކިއުން
އެންމެ ފުރަތަމަ އެކަން ލުމީގެ މަންމަ، މިންނައަށް ފާހަގަވީ ލުމީ ބަލާ ކާޓޫންތަކުންނެވެ. ކާޓޫނެއް ބަލާފައި އޭގައި އުޅޭ މީހަކަށް ވާން ލުމީ ބޭނުންވެ އެވެ. އަދި އެ މީހަކަށް ވާއިރު ކާޓޫނުގައި އެމީހަކު ބޭނުންކުރާ އަޑެއް ލުމީ ނެރެ އެވެ. ވާހަކަ ދައްކާނީ ވެސް އެ އަޑުންނެވެ.
ޓޯކިޔޯގައި މި އަހަރު ބޭއްވި އޯޓިސްޓިކް ކުދިންގެ ހުނަރު ދައްކާލި ޝޯގައި ވެސް ލުމީ ހުށަހަޅައިދިން ލަވައިން އެ އާދަޔާ ހިލާފު ހުނަރުވެރިކަން ފާހަގަވި އެވެ.
މުބާރާތުގައި ލުމީ ކިއީ، އަންހެން އަދި ފިރިހެން ލަވަކިޔުންތެރިޔަކު ކިޔާ ހިންދީ ލަވައެކެވެ. އެ ލަވައިގެ އަންހެން ލަވަކިޔުންތެރިޔާގެ އަޑުން ކިޔާ ބައި ކިޔަނީ ލުމީގެ އަސްލު އަޑުންނެވެ. ފިރިހެން ލަވަކިޔުންތެރިޔާ ކިޔާ ބައި ލުމީ ކިޔަނީ ބަރުކޮށެވެ.

ލުމީ: ކުޑައިރު މަދަހަ އަޑުއަހަން ޝައުގުވެރިވި ކަމަށް އޭނާގެ މަންމަ ބުނޭ ---
އެއީ ލުމީގެ މަންމައަށް ވެސް އާކަމެކެވެ. މިންނަ ބުނި ގޮތުގައި، މީގެ ކުރިން ކާޓޫންތައް ބަލާފައި އަޑު ބަދަލުކުރި ނަމަވެސް އެ މުބާރާތުގައި ކިއީ ލަވައިގައި އަޑު ބަދަލުކުރުމަކީ އޭނާއަށް ވެސް ލިބުނު ހައިރާން ކަމެއް ކަމަށެވެ.
އަދި މިހާރު ވެސް ދެ އަޑުން ކިޔާފައި ހުރި ލަވަތައް ކިޔަނީ ހަމަ އެގޮތަށް ކަމަށް ލުމީގެ މަންމަ ބުންޏެވެ. އެއީ ލަވައިގެ ރާގުގެ ބައެއް ނަމަވެސް އަޑު ބަދަލުކޮށްލަ އެވެ. އެހާވެސް ލުމީ ކުޅަދާނަ އެވެ.
ހުނަރު ދައްކާލަން ބޭނުންވޭ، ޤުރުއާން ޓީޗަރެއް ވެސް ނުލިބުނު
ނުކުޅެދުންތެރިކަން ހުރި ނަމަވެސް އެ ކުއްޖެއްގެ ހުނަރު ދައްކާލަން ފުރުސަތު ނުލިބުމަކީ ލުމީ ފަދަ އެހެން ކުދިންގެ ބެލެނިވެރިން ފަދައިން ލުމީ މަންމަގެ ވެސް ޝަކުވާއެކެވެ. މިންނަ ބުނާ ގޮތުން، އެފަދަ ކުދީންނަށް ލިބެންޖެހޭ ވަރަށް ފުރުސަތެއް ނުލިބެ އެވެ. ލިބުނަސް ލިބެނީ ވަރަށް އުނދަގުލުން ކަމަށް އޭނާ ފާހަގަކުރެ އެވެ.

ލުމީ އާއި އޭނާގެ އާއިލާ: ލުމީ ލައްވައި މަދަހަ ކިއުއްވުމަކީ އޭނާގެ މަންމަ މިއްނަގެ އުއްމީދު ---
އެގޮތުން ލުމީގެ މަންމަގެ އެންމެ ބޮޑު ޝަކުވާއަކީ ލުމީއަށް ޤުރުއާން ކިޔަވައިދޭނެ ރަނގަޅު ޓީޗަރެއް ލިބުން ދަތިވުމެވެ. ލުމީއަކީ ޢަންމާ ފޮތުގެ ބައެއް ސޫރަތްތައް ވެސް އަޑުއަހައިގެން ހިތުދަސްވެފައި ހުރި ކުއްޖެއް ނަމަވެސް އެކަން ކުރިއަރުވާކަށް ފުރުސަތެއް ނެތެވެ.
"ޤުރުއާން ޓީޗަރުން ވެއްޖެއްޔާ ކެތްތެރިކަން ވަރަށް ކުޑަ. އެމީހުން މާ އަވަހަށް ގިވްއަޕް ކޮށްލަނީ ދޯ. އަސްލު މިކުދިންނަކީ ވަރަށް ފަސޭހައިން އެއްޗެހި ދަސްކޮށްލާ ކުދިން. އެހެންވީމަ ޤުރުއާން ވެސް ދަސްކުރާނެދޯ. ކެތްތެރިކަމާ އެކު އުޅޭނެ ބަޔަކު ބޭނުމީ. ޤުރުއާން ޓީޗަރުން ހޯދަން ވަރަށް އުދަނގޫ. އެކަކު ގެނައިން، ތިން ކުދިންނަށް ކިޔަވައިދޭ ގަޑީގައި ލުމީއަށް ކިޔަވައިދޭން އުނދަގޫ ވާތީ ހުއްޓާލީ." ލުމީ މަންމަގެ ޝަކުވާ ކިޔައިދިނެވެ.