27 Aug 2011, 22:25
މާލޭގެ އަމިއްލަ އޮފީހެއް ރޭ ފަޅާލައިގެން ގިނަ އަދަދެއްގެ ފައިސާ އާއި ތަކެތި ވަގަށް ގެންގޮސްފި އެވެ.
މާފަންނު އެލިޔާ ޝޯރޫމް ކައިރީ ހުންނަ ސަންސްޕްރެޑް ނަމަކަށް ކިޔާ ކުންފުންޏެއްގެ އޮފީސް ފަޅާލި ބަޔަކު ވަގަށް ގެންގޮސްފައި ވަނީ 8000ރ. އާއި 16000.ރގެ އަގު ހުރި ލެޕްޓޮޕަކާއި އެއޮފީހުގެ ހުރިހާ މުހިއްމު ލިޔެކިއުންތައް ރައްކާކޮށްފައި ހުރި ހާޑްޑިސްކެއް ކަމަށް އެއޮފީހުގެ އެކުންފުނީގެ ވެރިޔާ ހަސަން އަބުދުﷲ ސަންއަށް މައުލޫމާތު ދެއްވަމުން މިރޭ ވިދާޅުވި އެވެ.
"ވަރަށް ބޮޑު ގެއްލުމެއް އަޅުގަނޑުމެންނަށް މިލިބުނީ، ވަތްގަނޑުގައި ހުރި 8000ރ. އާއި 16000.ރގެ އަގު ހުރި ލެޕްޓޮޕެއް ވަނީ ވަގަށް ގެންގޮސްފައި، އަދި ތިޖޫރީ ފަޅާލައި އޮފީހުގެ މުހިއްމު ލިޔެކިއުންތަކެއް އަޅާފައި ހުރި ހާޑެއް ވެސް ވަނީ ގެންގޮސްފައި،" ހަސަން އަބުދުﷲ ވިދާޅުވި އެވެ.
ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
މި ރޯދަ މަހުގެ ބޮޑު ބައެއްގައި މާލޭގައި ވައްކަމާ ފޭރުމާ މާރާމާރީތައް ދިޔައީ ވަރަށް މަދުންނެވެ.
ނަމަވެސް ރޯދަ މަހުގެ ފަހު 10ގައި ވަނީ ވައްކަންތައް އިތުރުވާން ފަށައިފަ އެވެ.
މާލޭގައި އަނެއްކާވެސް ބޮޑެތި ވައްކަންތަކެއް އާންމުވާން ފަށާފައި މި ވަނީ ރައީސުލްޖުމްހޫރިއްޔާ ހުޅުވާލެއްވި ދެ ވަނަ ފުރުސަތުގެ ދަށުން ގިނަ ބަޔަކު ޖަލުން ދޫކޮށްލިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ.
ނަމަވެސް ދެ ވަނަ ފުރުސަތުގެ އޮފީހުން ވެސް އަދި ފުލުހުން ވެސް އެ ވައްކަންތަކާ އެ މީހުންނަކާ އަދި ނުގުޅުވަ އެވެ.
އިއްޔެ ހުކުރު ނަމާދަށް ބަންދު ކުރި ވަގުތު ޓީޖެޓީގެ އޮފީސް ފަޅާލައިގެން ވަނީ 30،000ރ. ވަގަށް ނަގައިފަ އެވެ. އަދި މިދިޔަ ހަފުތާގައި ސައިރިކްސް އޮފީސް ވެސް ވަނީ ފަޅާލައިފަ އެވެ.