01 Apr 2018, 09:13
ރާއްޖޭގެ އިސްތިގުލާލާ މިނިސްވަންކަން ދިފާއުކުރުމަށް ޓަކައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ރާއްޖޭގެ ވެރިކަމަށް ހޮވުމަކީ ދިވެހި ރައްޔިތުންނަށް ވާޖިބު ކަމެއް ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން ޅ. ނައިފަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ 2018 ރައީސް ޔާމީނަށް ހޯދައި ދިނުމަކީ ދިވެހި ގައުމު ދެކެ ލޯބިވާ ކޮންމެ މީހަކަށް ވެސް ވާޖިބު ކަމެއް ކަމަށެވެ. އަދި ރައީސް ޔާމީން ހޮވަން ދިވެހި ރައްޔިތުންނަށް ވާޖިބުވާ ގިނަ ސަބަބުތަކެއް އަދުރޭ ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން އިސްލާމް ދީން މިގައުމުގައި އަބަދުގެ އަބަދައް ބޭވުމަށް ބޭނުންވާ ކޮންމެ ދިވެހި ރައްޔިތަކު ރައީސް ޔާމީން 2018 ވަނަ އަހަރު ވެރިކަމަށް ގެނައުމަކީ "ރައްޔިތުންގެ ދީނީ ވާޖިބެއް" ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.
"ދެހާސް އަށާރަ ވަނަ އަހަރުގައި ރައީސް ޔާމީން ހޮވުމަކީ މިގައުމުގެ އިސްތިގުލާލު ދަމަހައްޓަން ބޭނުންވާ ކޮންމެ ދިވެހި ރައްޔިތަކަށް މަޖުބޫރު ކަމެއް،" އަދުރޭ ވިދާޅުވި އެވެ.
މިގައުމުގެ ސިޔާސީ މައިދާނުގައި އަމިއްލަ އެދުން ނެތް ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމަށާއި އެއީ ރައީސް ޔާމީން ހޮވަން ޖެހޭ ސަބަބެއް ކަމަށް އަދުރޭ ވިދާޅުވި އެވެ.
ރައީސް ޔާމީން ނޫން އެހެން މީހަކަށް 2018 ވަނަ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް އަދުރޭ ވަނީ ވަރަށް ޔަގީން ކަމާ އެކު ވިދާޅުވެފަ އެވެ. ވިދާޅުވީ ރިޔާސީ އިންތިހާބުގައި "އެހެން އެއްވެސް މީހަކަށް ފުރުސަތެއް ނުދޭނަން" ކަމަށެވެ. އަދި "ރައީސް ޔާމީނުގެ ޓީމު ކާމިޔާބު ކުރާނެ ކަމާ މެދު ޝައްކެތް ނެތް" ކަމަށް ވިދާޅުވި އެވެ.
މިހާތަނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކެންޑިޑޭޓަކަށް ހަމައެކަނި ޔަގީންވެފައި ވަނީ ރައީސް ޔާމީންނެވެ. އިދިކޮޅު ފަރާތްތަކުން މަޝްވަރާ ކުރަމުން ދަނީ ގުޅިފައިވާ ސިޔާސީ ޕާޓީތައް ގުޅިގެން އެއް ކެންޑިޑޭޓެއް ނެރުމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ މިއަހަރު ސެމްޓެމްބަރު މަހު ރިޔާސީ އިންތިހާބު ބާއްވާނެ ކަަމަށެވެ.