އިދިކޮޅު މަޖިލިސް މެމްބަރުންގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން އުނދަގޫ ވާހަކަ އިންޓަ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ)އާ ހިއްސާކުރި ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ރާއްޖެ މިއަދު ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުން މޫސަ ވަނީ 138 ވަނަ އައިޕީޔޫ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ. މޫސަ ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އަދި އޭނާ އަށް މަޖިލިސް ހިންގަން އުނދަގޫވެ އިދިކޮޅު މެމްބަރުންގެ ފަރާތުން ކުރިމަތިވި އުނދަގޫތަކުގެ ވާހަކަ އައިޕީޔޫގައި ހިއްސާ ކުރި ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ނުވަދެ މަޖިލީހުގެ މަސައްކަތްތަކުގައި ބައިވެރި ނުވާތީ މޫސަ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ވިދާޅުވީ އިދިކޮޅު މެމްބަރުން މަޖިލީހުގެ މަސައްކަތްތަކުގައި ބައިވެރިނުވާ ވާހަކަ އައިޕީޔޫގައި ފާހަގަކޮށްފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެން ބުނީ ބައްލަވާށޭ އެބޭފުޅުން އެތަނަށް [މަޖިލީހަށް] ވަޑައިގެންނެވިއޭ. ސައިފޮދު ހިއްޕަވައޭ. ސޮއިކޮށްފައި އެބަހުއްޓޭ. އެހިސާބުން އެކަން އެ ނިމުނީ ނުންތޯއޭ،" މޫސަ ވިދާޅުވި އެވެ.

ޕާލިމެންޓް ހިންގަން އުނދަގޫ ވާހަކަ އައިޕީޔޫގައި ބުނި ކަމަށް މޫސަ ވިދާޅުވި އެވެ. އަދި އެ ސުވާލު އިދިކޮޅު މީހުންނާ ކުރިއަށް އޮތްތަނުގައި ވަރަށް ބޮޑަށް ކުރިމަތިވާނެ ކަމަށް މޫސަ ވިދާޅުވި އެވެ.

"އައިޕީޔޫ އިން އެ ސުވާލު އެމީހުންނާ ކުރިމަތި ކުރުވާނެ. އަޅުގަނޑުމެން ވެސް އެމީހުންނަށް [އިދިކޮޅު ފަރާތްތަކާ] އެ ސުވާލު ކުރިމަތި ކުރުވަން ބޭނުންވޭ." މޫސަ ވިދާޅުވި އެވެ.

މަޖިލީހުގައި ހިނގައި ދިޔަ ކަންކަމާ ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން ހާލަތު ބެލުމަށް އައިޕީޔޫއިން ރާއްޖެ އައި ވަފުދުގެ ބޭފުޅުންނަށް މަޖިލީހުގެ ރައީސް މަސީހު، ފަހި ފުރުސަތުތަކެއް ފޯރުކޮށްދީފައި ވަތީ އައިޕީޔޫގައި އެކަމަށް ތައުރީފު ކުރި ކަމަށް މޫސަ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މަޖިލީހުގެ ރައީސް އެމީހުން ޕާލިމެންޓަށް ހާޒިރުވީމަ އަޅުގަނޑުމެންގެ ޕާލިމެންޓް މެދުވެރިކޮށް ސަރުކާރުގެ އެކި ގުނަވަންތަކާއި ސީދާ ގުޅުވުމަށް ޓަކައި އެއްވެސް ކަހަލަ ހުރަހެއް ނެތި މަޖިލީހުގެ ކޮމިޓީތަކާއި މަޖިލިސް ދޮރު ހުޅުވައިގެން އެ މަސައްކަތް ކޮށްދިނީތީ އެކަމާ އެމީހުން ވަރަށް ބޮޑަށް ތައުރީފު ކުރި،" މޫސަ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން އެވާހަކަ އޮޅުވާލައިގެން ސޯޝަލް މީޑިއާގައި ދެއްކީ ކަމަށް މޫސަ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހިނގާ ގޮތާ ބެހޭ ގޮތުން އައިޕީޔޫއި ން ވާހަކަ ދައްކަން ނުޖެހޭނެ ކަމަށް މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ސޯޝަލް މީޑިއާގައި އިދިކޮޅު ފަރާތްތަކުން ފާޑުކިޔާ ވާހަކަ ދައްކަނީ އޭނާއާ މެދު ޖެހިލުންވާތީ ކަމަށެވެ. އެގޮތަށް ޖެހިލުން ވަނީ ކެރިގެން ތެދު ބަހުން ވާހަކަ ދައްކާތީ ކަމަށް މޫސަ ވިދާޅުވި އެވެ. އިދިކޮޅު ފަރާތްތަކުން މޫސަގެ ވާހަކަ ސޯޝަލް މީޑިއާގައި ދައްކާތީ އުފާވާ ކަމަށާއި އޭރުން މަޝްހޫރު ވާނެ ކަމަށް މޫސަ ވިދާޅުވި އެވެ.

"އިދިކޮޅު ކުދިން. އެމްޑީޕީ ކުދިންނަށް އަޅުގަނޑު ވަރަށް މުހިންމު ވާނެ ދެއްތޯ. އެމީހުންނަށް ވަރަށް އަސަރުކުރާނެ އަޅުގަނޑު އެއްޗެއް ބުނެފިއްޔާ." މޫސަ ވިދާޅުވި އެވެ.