01 Apr 2018, 00:07
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ޒޯން ދޭއްގެ ޗެމްޕިއަންކަން ށ. އަތޮޅުގެ ޗެމްޕިއަން، ފޯކައިދޫން ހޯދައިފިއެވެ.
ފޯކައިދޫން ޗެމްޕިއަންކަން ހޯދީ ޒޯން ބުރުގައި ނ. އަތޮޅުގެ ޗެމްޕިއަން މާޅެންދޫ، ދެ ލެގުންވެސް ބަލިކޮށްގެންނެވެ.
މިއަދު ފޯކައިދޫގެ ދަނޑުގައި ކުޅުނުު ދެވަނަ ލެގު، 3-0ގެ ނަތީޖާއަކުން ފޯކައިދޫ ކާމިޔާބުކުރި އިރު، ދެ ލެގުން ފޯކައިދޫ ކުރި ހޯދީ އެގްރިގޭޓް 10-1ގެ ނަތީޖާއަކުންނެވެ.
މިއަދުގެ މެޗުގައި ފޯކައިދޫން ލީޑު ނެގީ ފުރަތަމަ ހާފްގެ ފަހު މިނެޓުގައެވެ. އެ ގޯލް ފޯކައިދުއަށް ކާމިޔާބުކޮށްދިނީ އިބްރާހީމް ޒަޔާނެވެ. ދެވަނަ ހާފަށް ނުކުމެ، ހާފުގެ ކުރީކޮޅުގައި ފޯކައިދޫން ލީޑު ފުޅާކުރީ ހަސަން ނިޝާންގެ ގޯލުންނެވެ.
މެޗުގެ 62 ވަނަ މިނެޓުގައި އަބްދުލް މާޖިދު ޖެހި ގޯލުން ފޯކައިދޫން 3-0ގެ ލީޑެއް ނަގައި މެޗު ނިންމާލި އިރު، ޒޯން ޗެމްޕިއަންކަން ހޯދައި ފޯކައިދޫ ވަނީ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރަށް ދަތުރުކޮށްފައެވެ.
އެފްއޭއެމް އިން ފުޓްބޯޅަ އޮނިގަނޑަށް ގެނައި ބަދަލާ އެކު މިދިޔަ އަހަރު މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރެއް ހޯދި ޓީމުތައް މިއަހަރުގެ މުބާރާތް ފަށަން ޖެހޭނީ ފައިނަލް ބުރާ ހިސާބުންނެވެ. މިދިޔަ އަހަރުގެ ގަދަ ހަތަރެއް ހޯދި ޓީމުތަކާއި މިއަހަރުގެ ޒޯން ޗެމްޕިއަނުން ފައިނަލް ބުރުގައި ވާދަކުރާނެއެވެ.