31 Mar 2018, 23:07
އެސްޓީއޯގެ ހިންގާ ގަވައިދަށް ގެންނަން ހުށަހަޅާފައިވާ އިސްލާހާ މެދު މަޝްވަރާކުރުމުގެ ގޮތުން އެސްޓީއޯގެ ހިއްސާދާރުންނާ، އެ ކުންފުނިން މިއަދު ބައްދަލުކޮށްފިއެވެ.
މިއަދު ހަވީރު ހޮޓެލް ޖެންގެ ބޯލް ރޫމްގައި ބޭއްވި އެ ބައްދަލުވުމުގައި އެސްޓީއޯގެ މައި ހިއްސާދާރު، ސަރުކާރުގެ ފަރާތުންނާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ފަރާތުން ބައިވެރިވެފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި އޭގެ އިތުރުން އާންމު ހިއްސާދާރުން އެ ބައްދަލުވުމުގައި ބައިވެރިވެ ހިންގާ ގަވައިދަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކަށް ހިޔާލު ހުށަހަޅާފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އިސްލާހުތަކުގެ ތެރޭގައި، އެ ކުންފުނީގެ ހިންގާ ގަވައިދަށް އިސްލާހު ގެނައުމާއި، މެނޭޖިން ޑިރެކްޓަރުގެ ދަށަށް އިސްލާހު ހުށަހެޅުން ހިމެނެއެވެ.
އެސްޓީއޯއިން ބުނީ، ހިންގާ ގަވައިދަށް ގެންނަން ހުށަހަޅާ އިސްލާހަށް ކޮމެންޓްކުރުމަށް 18 ފެބްރުއަރީގައިވެސް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ އިސްލާހުތައް ފާސްކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އަހަރީ އާންމު ޖަލްސާގައި ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.