31 Mar 2018, 20:19
ކްލަބު އެމްޓީސީސީއާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓާ ގުޅިގެން ވިލިމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސުޒުކީ މެރިން ވިލި މުއައްސަސާ ފުޓްސަލް ކަޕް 2018ގެ ފަސްޓް އެއިޑް ޕާޓްނަރަކަށް ދިވެހި ރެޑްކްރަސެންޓްގެ ވިލިމާލެ ޔުނިޓް، ވިލިޖޯލި ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މުބާރާތުގެ ފަސްޓް އެއިޑް ޕާޓުނަރުގެ ގޮތުގައި ދިވެހި ރެޑްކްރަސެންޓް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި މިއަދު ވިލިމާލޭ ފެރީ ޔުނިޓް އޮފީހުގައި ބޭއްވި ހަފްލާގައި މުބާރާތް އިންތިޒާމްކުރާ ފަރާތުން ސޮއިކުރެއްވީ ކޮމިޓީ މެމްބަރު މުހައްމަދު އިބްރާހީމެވެ.
ވިލިމާލޭ ރެޑްކްރަސެންޓް ޔުނިޓްގެ ފަރާތުން ސޮއިކޮށްދެއްވީ ވައިސް ލީޑަރު އަހުމަދު ރައްސާމެވެ.

ވިލި މުއައްސަސާ ކަޕްގެ ސަޕޯޓިން ޕާޓްނަރަކަށް ދިވެހި ރެޑްކްރަސެންޓްގެ ވިލިމާލެ ޔުނިޓް، ވިލިޖޯލި ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ސަން ފޮޓޯ
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވައިސް ލީޑަރު އަހުމަދު ރައްސާމް ވިދާޅުވީ ކޮމިއުނިޓީ ކުރިއެރުމަށް ކުރާ އެކިއެކި ކަންކަމަކީ ދިވެހި ރެޑްކްރަސެންޓްގެ ވިލިމާލޭ ޔުނިޓް، ވިލިޖޯލީގެ އެންމެ މުހިއްމު ޕްރޮގްރާމް ކަމަށެވެ. އަދި ވިލި މުއައްސަސާ ކަޕަކީވެސް ވިލިމާލޭގައި ހިންގާ ކޮމިއުނިޓީ ބޭސްޑް މުބާރާތެއް ކަމުން އެ މުބާރާތަށް ރެޑްކްރަސެންޓުން ދެވެން އޮތް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
ރައްސާމް ވިދާޅުވީ ވިލިމާލޭގައި ރެޑްކްރަސެންޓްގެ ޕާޓްނަރު، ވިލި މުއައްސަސާ ކަޕްގެ ވަރަށް މުހިއްމު ރޯލެއް އަދާކުރާ ފަރާތެއް ކަމަށާއި، އެހެންކަމުން މުބާރާތަށް ވަރަށް ބޮޑަށް ކޮންޓްރިބިއުޓް ކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ރެޑްކްރަސެންޓްގެ ފަރާތުން މުބާރާތަށް މައިގަނޑު ގޮތެއްގައި ފޯރުކޮށްދޭނީ ފުރަތަމަ އެހީ، ފަސްޓް އެއިޑުގެ އެހީތެރިކަމެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މުބާރާތު ކޮމިޓީގެ ފަރާތުން ވާހަކަދައްކަވަމުން މުހައްމަދު އިބްރާހީމް ވިދާޅުވީ ރެޑްކްރަސެންޓް ފަދަ ފުރަތަމަ އެހީ ފޯރުކޮށްދިނުމުގައި ތަޖުރިބާކާރު ޓީމެއް މުބާރާތަށް ސަޕޯޓް ދިނުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ވިލި މުއައްސަސާ ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މެއި 10 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށެވެ. ބައިވެރިވުމުގެ މުއްދަތު ހަމަވުމާއެކު މުބާރާތުގެ ހުރިހާ މުއުލޫމާތެއް ހިއްސާކުރާނެ ކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.
ވިލި މުއައްސަސާ ކަޕްގެ މައިގަނޑު މަގްސަދަކީ ވިލިމާލޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމާއި ވިލިމާލެއަކީ އެއް އާއިލާއެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުމެވެ. މިދިޔަ އަހަރުވެސް އެ މުބާރާތް ވަނީ ވަރަށް ކާމިޔާބުކަމާއެކު ބާއްވައިފައެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ޓީމް ހައުސިން ބަލިކޮށް، ޗެމްޕިއަންކަން ހޯދީ މޯލްޑިވް ގޭސްއެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ.