މައްކަތުލްމުކައްރަމާ (އޮގަސްޓް 27) : ރޭ މައްކާގެ މަސްޖިދުލްޙަރާމްގައި )ގެފުޅުގައި( ޢިޝާނަމާދާއި ތަރާވީޙު ނަމާދު ކުރުމުގައި ދޮޅުމިލިޔަނަށްވުރެ ގިނަމީހުން ބައިވެރިވި ކަމަށް ސަޢޫދީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފިއެވެ.

ރެއަކީ މާތްވެގެންވާ ލައިލަތުލްޤަދްރި ވިލޭރޭ ކަމަށް މުސްލިމުންގެ ގިނަބަޔަކު ލަފާކުރާ ރެއެވެ. ނަމަވެސް ކީރިތި ރަސޫލާގެ ހަދީޘާއި ސުންނަތުގެ އަލީގައި މުސްލިމުންގެ ގިނަ ޢިލްމުވެރިން އިއްތިފާޤުވަނީ މާތްވެގެންވާ ލައިލަތުލްޤަދްރި ވިލޭރެއަކީ ރަމަޟާން މަހުހެ ފަހުދިހައިގެ އޮނަހިރި ރޭތަކުގެ ތެރެއިން ރެއެއްކަމާއި އެރެއަކީ ކޮންރެއެއްކަން ޔަގީން ނުވާކަމަށެވެ.

ސަޢޫދީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނިގޮތުގައި ރޭ މަސްޖިދުލް ޙަރާމް އާއި އެތާނގެ ވަށައިގެންވާ ތަންތަނާއި ޢިމާރާތްތަކުގެ މަތީގައާއި ވަށައިގެންވާ މަގުތައްވަނީ ނަމާދުކުރާ މީހުން ގިނަކަމުން ފުރި ބާރުވެފައެވެ. މަސްޖިދުލް ހަރާމްގެ މަދަނީ ދިފާޢާބެހޭ މަސްއޫލުވެރިންވަނީ އެޙަރަމްފުޅު ފުރިފައިވާތީ އެތަނަށް ދިޔުމުގެ ބަދަލުގައި އެހެން މިސްކަތްތަކަށް ދިޔުމަށް، ފަހުން އައި މީހުންނަށް މޯބައިލް މެދުވެރިކޮށް އެސް.އެމް.އެސް. ތައް ފޮނުވާފައެވެ.

ރެއަށްޓަކައި މަސްޖިދުލްޙަރާމް ގެ ހުރިހާ ދޮރުކޮޅުތަކެއް ވަނީ ހުޅުވާފައެވެ. އެއީ 176 ދޮރުކޮޅެވެ. އެދޮރުކޮޅުތަކުން މީހުން ވަދެ ނުކުތުމުގެ ކަންތައް އިންތިޒާމް ކުރުމަށްޓަކައި އެއްހާހަށްވުރެ ގިނަ މުވައްޒަފުން ޙަރަކާތްތެރިވަމުން ދިޔައެވެ. ގެފުޅުގެ މާތްވެގެންވާ ޙަރަމްފުޅުގެ ކަންތައްތައްބަލަހައްޓާ ރިޔާސަތުގެ ތަރްޖަމާން އަހްމަދު މަންސޫރު ވިދާޅުވިގޮތުގައި ގެފުޅުގެ ޙަރަމްފުޅުގައި އެންމެ ގިނައިން ނަމާދުކުރެވޭނީ އެއްމިލިޔަން މީހުންނަށެވެ.

ރޭ ދޮޅު މިލިޔަނަށްވުރެ ގިނަމީހުން އެތާނގައި ނަމާދުކުރީ އެތާނގެ ވަށައިގެންވާ ސަރަޙައްދު ތަކާއި ވަށައިގެންވާ ޢިމާރާތްތަކުގެ މަތީގައާއި ވަށައިގެންވާ މަގުތަކުގައެވެ. ޙައްޖާއި ޢުމްރާގެ ކަންތައްތަކާބެހޭ ސަޢުދީ ވުޒާރާއިން ބުނިގޮތުގައި މިދިޔަ ޝަޢްބާން މަހުގެ 15 އާ ހަމައަށް 4 މިލިޔަން 6 ލައްކަ މީހުންނަށްވަނީ ޢުމްރާގެ ވިސާ ދޫކުރެވިފައެވެ.
މިއީ މިދިޔަ އަހަރު މި ތާރީޚުގައި ދޫކުރި ޢުމްރާގެ ވިސާއަށްވުރެ 1.1 މިލިޔަން އިތުރު ޢަދަދެއް ކަމަށްވެސް ޙައްޖާއި ޢުމްރާގެ ކަންތައްތަކާބެހޭ ސަޢުދީ ވުޒާރާއިން ބުނެއެވެ. -- ސަޢޫދީ މީޑިޔާ