31 Mar 2018, 16:15
މައިލޯ އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ 18 އަހަރުން ދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ހޯދައިފިއެވެ.
އަހުމަދިއްޔާއިން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ޕެނެލްޓީ ޖަހައިގެން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ބަލިކޮށްގެންނެވެ.
މިއަހަރުގެ މައިލޯ އިންޓަ ސްކޫލް މުބާރާތް ތިން އުމުރުފުރައަކަށް ކުރިއަށް ގެންދާ އިރު، މިހާރުވަނީ 14 އަހަރުން ދަށާއި 18 އަހަރުން ދަށުގެ ކުޅުން ނިމިފިފައެވެ. 14 އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ހޯދައިފައިވަނީ މަޖީދިއްޔާއެވެ. މުބާރާތުގައި ދެން ކުރިއަށް ގެންދާ 16 އަހަރުން ދަށުގެ މުބާރާތް ފަށާނީ މާދަމާއެކެވެ.
މައިލޯ އިންޓަ ސްކޫލް މުބާރާތުގައި 18 އަހަރުން ދަށުގެ އުމުރުފުރާގައި ވާދަކޮށްފައިވަނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ އިތުރުން ސީއެޗްއެސްސީ އަދި ޗެމްޕިއަން އަހުމަދިއްޔާއާއި ބ. އަތޮޅު ތައުލީމީ މަރުކަޒެވެ.
ހެންވޭރު ދަނޑުގައި އިއްޔެ ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއުރި ނަތީޖާ އޮތީ 1-1 އިން އެއްވަރުވެފައެވެ. މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނެލްޓީން އަހުމަދިއްޔާ މޮޅުވީ 5-4ގެ ނަތީޖާއަކުންނެވެ.
މެޗުގެ 12 ވަނަ މިނެޓުގައި ވިލާއިން ވަނީ ލީޑު ނަގައިފައެވެ. އިޔާން އަހުމަދު ރަޝީދުގެ ގޯލުން ލީޑު ނަގައި ފުރަތަމަ ހާފްގައި މޮޅަށް ކުޅުނީވެސް ވިލާއިންނެވެ.
ވިލާއިން 1-0ގެ ނަތީޖާއަކުން ކުރީގައި އޮވެ ފުރަތަމަ ހާފް ނިންމާލި ނަމަވެސް، ދެވަނަ ހާފަށް ނުކުމެ އަހުމަދިއްޔާއިންވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން ގިނަ ހަމަލާތަކެއް އުފެއްދި އަހުމަދިއްޔާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 74 މިނެޓުގައެވެ. އަހުމަދިއްޔާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މުހައްމަދު އަހަދުﷲގެ ގޯލުންނެވެ.
ޕެނެލްޓީގައި އަހުމަދިއްޔާ ކީޕަރު، އައިހަމް ހަފީޒްގެ މޮޅު ސޭވްތަކެއް ފެނިފައިވާ އިރު، މުބާރާތުގެ އެންމެ މޮޅު ކީޕަރަކީވެސް އޭނައެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ސީއެޗްއެސްސީއެވެ.

އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗަށްފަހު އަހުމަދިއްޔާ ތަށި އުފުލާލަނީ --- ފޮޓޯ/ އެފްއޭއެމް
މުބާރާތުގެ އެންމެ މޮޅު 10 ކުޅުންތެރިން:
އަހުމަދު ޝާވިން ޝިހާމް - ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް
އަހުމަދު އަޒްމޫން - އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް
އިޔާން އަހުމަދު ރަޝީދު - ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް
ހައިސަމް ރަޝީދު - ސީއެޗްއެސްސީ
މުހައްމަދު ހައިޝަން ވަހީދު - އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް
މުހައްމަދު އަހަދުﷲ - އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް
ހަސަން ނަހުވާޝް - ސީއެޗްއެސްސީ
މުހައްމަދު އީމާން - ބ. އަތޮޅު ތައުލީމީ މަރުކަޒު
މުހައްމަދު އިފްހާމް ޝަރީފް - އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް
ރަފާހް އަލީ - ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް
އިއްޔެގެ ފައިނަލް މެޗު ނިންމުމަށްފަހު މުބާރާތުގެ އެކިއެކި މަގާމުތަކަށް އައި ފަރާތްތަކަށް ޓްރޮފީއާއި ހަނދާނީލިއުން ހަވާލުކޮށްފައިވާ އިރު، ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާނަކީ ސްޕޯޓްސް ކޮމިޝަނާ އަލީ އުމަރެވެ.