ދުނިޔޭގެ އެންމެ އަގު ބޮޑު ކުޅުންތެރިޔާގެ ގޮތުގައި, ސްޕެއިންގެ ބާސެލޯނާއިން ފްރާންސްގެ ޕީއެސްޖީއާ ގުޅުނު ބްރެޒިލް ތަރި, ނޭމާ ޖޫނިއަގެ ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާއަށް ވަނީ ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހިފައެވެ.

މާޗް މަހުގެ ކުރީކޮޅު ނޭމާގެ ފައިތިލައަށް ލިބުނު އަނިޔާއާ ގުޅިގެން ސާޖަރީއެއް ހަދާފައިވާ އިރު, އޭނާ އަށް ކުޅުމުގެ ތެރެއަށް އެނބުރި އައުމަށް ތިން މަހެއްހާ ދުވަސް ނަގާނެ ކަމަށް އޭނާ ލަފާކުރެ އެވެ. ނުވަތަ މި ސީޒަން އެއްކޮށް އޭނާއަށް ގެއްލޭނޭ ކަމަށެވެ.

ޓީމުގެ އެންމެ މުހިއްމު އެއް ފޯވާޑް ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހުމަކީ ޕީއެސްޖީއަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބުނު ކަމެކެވެ. ނަމަވެސް އުމުރުން 26 އަހަރުގެ ހުނަރުވެރި ފޯވާޑްގެ ރިކަވަރީ ސްޕީޑަށް ބަލާފައި މިހާރު ޕީއެސްޖީން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދެތިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނޭމާ އަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނެ އެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ފަޔަށް އަނިޔާ ލިބުނީ، މާޗް މަހު ކުރީކޮޅު ފްރާންސް ލީގުގައި ކުޅުނު މެޗުގައެވެ.

ނޭމާގެ ފައިތިލަ އާއި ކުޑަހުޅަށް ލިބުނު އަނިޔާއާ ގުޅިގެން، ބެލޯހޮރިޒޮންޓޭގެ ހޮސްޕިޓަލެއްގައި އޭނާގެ ސާޖަރީއެއް ހެދީ ބްރެޒިލް ގައުމީ ޓީމުގެ ޑޮކްޓަރެވެ.

އޮޕަރޭޝަނަށް ފަހު މިހާރު ރަނގަޅުވަމުން ދާ ސްޕީޑްގައި ދާނަމަ, އޭޕްރީލް މަހުގެ ފަހުކޮޅު, ފްރާންސް ލީގުގައި ޕީއެސްޖީ ކުޅެން ހަމަޖެހިފައިވާ މެޗުތަކުގައި އޭނާއަށް ކުޅުމުގެ ފުރުސަތު ލިބޭނެއެވެ.

ނޭމާއަށް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނޭ ތާރީޚެއް ޔަގީންކަމާއެކު އެނގޭނީ އޮޕަރޭޝަނަށް ފަހު ހަ ހަފްތާ ފަހުން ހެދުމަށް ހަމަޖެހިފައިވާ ޓެސްޓުތަކަށް ފަހުއެވެ. އެއީ އޭޕްރީލް މެދުތެރޭގައެވެ.