ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް 62،500ރ. ގެ މުސާރައިގެ އިތުރުން ކޮމެޓީ އެލަވަންސްގެ ގޮތުގައި 20،000ރ. ދިނުމާ ދެކޮޅު ހެދުމުގެ ގޮތުން "ބޮޑު މުޒާހަރާއެއް" އަންނަ ހޯމަ ދުވަހު މަޖިލިސް ކައިރީގައި ބާއްވާ ގޮތަށް މަދަނީ ޖަމިއްޔާތަކުން ނިންމައިފި އެވެ.

ކޮމެޓީ އެލަވަންސް މައްސާލާގައި މިއަދު ހަވީރު މަދަނީ ޖަމިއްޔާތަކުން އިސްނަގައިގެއް ސުނާމީ ބިނާ ކައިރީގައި ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ހަޒާންދާރު އަހުމަދު އަދީބު ވިދާޅުވީ މިއަދުގެ އެއްވުމުގެ ބޭނުމަކީ އަންނަ ހޯމަ ދުވަހު މަޖިލިސް ކައިރީގައި ބާއްވާ ބޮޑު އެއްވުމަށް ކެންޕެއިން ކުރުން ކަމަށެވެ. އަދި އެދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށްދާ ވަގުތު ރައްޔިތުންގެ ޝުއޫރު މެންބަރުންނަށް އިއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިހި ހާސް ރުފިޔާގެ ކޮމެޓީ އެލަވަންސާ ދެކޮޅު ހެދުމަށް މަދަނީ ޖަމިއްޔާތަކުން މިއަދު ފެށި އިހްތިޖާޖުގައި އާންމުންގެ ގިނަ ބަޔަކުވެސް ބައިވެރިވެފައިވެ އެވެ. އަދި މެންބަރުންގެ މުސާރައާއި އެލަވަންސާ މެދު ވަރަށް ބޮޑަށް ފާޑު ކިޔައި ލިޔެފައިވާ ލިޔުންތަކެއް ވެސް މަދަނީ ޖަމިއްޔާތަކުން މިއަދު ހަވީރު ވަނީ ބަހާފަ އެވެ. އަދި މަޖިލީހުގެ މެންބަރުންނަށް ފާޑުކިޔައި ލިޔެފައިވާ ޕޯސްޓަރުތަކެއް ވެސް އެ މީހުން ގެންގުޅުނެވެ.\

މިއަދު ސުނާމީ ބިނާ ކައިރިއަށް ބޭއްވި އެއްވުމުގައި ބައިވެރިވި މީހަކު ބުނީ މެންބަރުން މުސާރައާއި އެލަވަންސް އަތް ނުފޯރާ ފަށަށް އުފުލިގެންދާއިރު، މަޖިލީހުން އުފެއްދުންތެރި މަސައްކަތްތަކެއް ނުކުރެވޭ ކަމަށެވެ. އަދި އެ ބޭފުޅުންގެ މުސާރައިގެ ގޮތުގައި ދޭ 62،500ރ. އަކީ ކޮމެޓީ މަސައްކަތާއެކު ދޭ ފައިސާއެއް ކަމަށާއި ކޮމެޓީގެ މަސައްކަތަށް އެލަވަންސްގެ ގޮތުގައި 20،000ރ. ފައިސާއެއް ނަންގަވައިގެން ނުވާނެ ކަމަށް އޭނާ ބުންޏެވެ.

"ހަމައެކަނި ޖަލްސާއެއްގައި ގޮޑި ހޫނު ކުރަން އިނދެފަ ތަޅުމުގައި ޒުވާބު ކުރީމަ 62،500ރ. އަދި ނުވިތާކަށް ކޮމެޓީއަކަށް ވަނުމުން 20،000ރ. މީއީ ކިހިނެއް ގަބޫލު ކުރެވޭނެ ކަމެއް. އަޅުގަނޑަށް އެނގިފަ އޮތް ގޮތުގައި 62،500ރ. އަކީ ޖުމްލަ މުޅި މަޖިލީހުގެ މަސައްކަތަށްދޭ އެއްޗެއް." އާންމުންގެ މީހަކު ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ބުރާސްފަތި ދުވަހު ނިންމައިފައި ވަނީ މި އަހަރު ޖެނުއަރީ މަހުން ފެށިގެން ޖުލައިގެ ނިޔަލަށް ކޮމެޓީ އެލަވަންސްގެ ގޮތުގައި މެންބަރަކަށް ގަނޑުކޮށް 140،000ރ. ދިނުމަށެވެ. އަދި އެކަން ތަންފީޒު ކުރެއްވުމަށް މަޖިލީހުގެ ރައީސަށް ވަނީ އަންގަވައިފަ އެވެ.