31 Mar 2018, 13:22
ކޮރެއޮގްރާފަރު އަހްމަދު ޚާންގެ "ބާޣީ 2" އިއްޔެ ވަނީ ޕްރިމިއާ ކޮށްފައެވެ.
ދިޝާ ޕަޓާނީ އާއި ޓައިގާ ޝްރޮފް ލީޑް ރޯލުން ފެނިގެންދާ އެ ފިލްމުގެ އޯޕަނިންއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު އެ ފިލްމު ވެފައިވަނީ ބޮލީވުޑްގެ ފިލްމުތަކުގެ ތެރެއިން ހަތަރު ވަނައަށް އެންމެ ބޮޑު އޯޕަނިންއެއް ބޭއްވި ފިލްމަށެވެ.
'ބާޣީ 2'ގައި ޓައިގާ ފެނިގެން ދާނީ ސިފައިންގެ މީހެއްގެ ރޯލުންނެވެ. ބާޣީ 2 އިއްޔެ ޕްރިމިއާކޮށްފައިވާއިރު އެ ފިލްމުގެ ތިން ވަނަ ބައެއް ނުކުންނާނެ ކަމަށް ފިލްމުގެ ޓީމުން ވަނީ އިއުލާންކޮށްފައެވެ.
'ބާޣީ' އަކީ ސާޖިދު ނާދިއާދްވާލާ ޕްރޮޑިއުސް ކުރާ ސީރީޒް އެކެވެ. ސާޖިދު ބުނީ ބާޣީ 3ގެ ސްކްރިޕްޓްގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި މަހެއްގެ ތެރޭގައި އެ ފިލްމުގެ އިތުރު މައުލޫމާތުތައް ހިއްސާ ކުރާނެ ކަމަށެވެ.
ބާޣީގެ ފުރަތަމަ ފިލްމެއް ގެނެސްދީފައިވަނީ 2016 ވަނަ އަހަރުގައެވެ. އެ ފިލްމުން ފެނިގެން ދިޔައީ ޝްރައްދާ ކަޕޫރާއި ޓައިގާއެވެ.
މައުލޫމާތު: އިންޑިއަން އެކްސްޕްރެސް