31 Mar 2018, 09:56
މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގަދަ ނުވައެއްގެ ލަވަތައް ރޭ އިވިގެން ދިޔައެވެ.
ދިވެހި މިއުޒިކު އިންޑަސްޓްރީގައި ރަން އަޑުގެ ގޮތުގައި މަޝްހޫރުވި ލަވަކިޔުންތެރިން ކިޔާފައިވާ ލަވަތަކުން ލަވައެއް ކޮންމެ ކުއްޖަކުވެސް ރޭ ވަނީ ކިޔާފައެވެ.
ކުރީ ޝޯ ތަކާ ހިލާފަށް ރޭގެ ޝޯގައި ބައިވެރިން ވަނީ ބައިވެރިންގެ ކުޑައިރުގެ ހަނދާންތައް އާ ކޮށްފައެވެ. ގާލާ ރައުންޑް ފެށިގެން ކުރިއަށްދާއިރު އައިޑަލް މިވަނީ އިތުރަށް ފޯރިގަދަ ވެފައެވެ.
ރޭގެ ލަވަތަކުގެ ތެރެއިން ޖަޖުންނަށް އެންމެ ކަމުދިޔައީ ޝަހުދާން ހުށަހަޅައިދިން ލަވައެވެ. ހަތަރު ޖަޖުން ވެސް އޭނާއަށް "ސްޓޭންޑިން އޯވޭޝަން"އެއްދީ، ޝަހުދާނަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައިވެއެވެ. ޝަހުދާން ވަނީ މޭނާ ހައްސާނުގެ "ހުޅެވި ހަނދު" ކިޔައި ޖަޖުން ސިއްސުވާލައިފަވެ.
ރޭގެ ހުށަހެޅުންތަކަށް ޖަޖުންގެ ކޮމެންޓްތައް ޖުމްލަ ގޮތެއްގައި ރަނގަޅެވެ. ރަނގަޅު ކުރަންވީ ކަންތައްތައް ޖަޖުން ބައިވެރިންނަށް ކިޔައިދީފައިވެއެވެ. ރޭ ހުށަހެޅުންތައް ފެނިގެން ދިޔަ ނުވަ ބައިވެރިންނަށް ވޯޓު ލުން މިއަދުގެ 4:00 އާ ހަމައަށް ކުރިއަށްދާނެއެވެ.
އައިޑަލް ޝޯއިން މިރޭ ވަކިވެގެން ދާނީ ޖަޖުންގެ 50 އިންސައްތަ މާކުސް އަދި ބެލުންތެރިންގެ 50 އިންސައްތަ ވޯޓު އެއްކޮށްލުމާއެކު، އެންމެ ދަށުން މާކުސް ލިބޭ އެއް ބައިވެރިއެކެވެ.