31 Mar 2018, 12:38
ޕްރިޒަން ކްލަބު، އެލައިޑް، ސްޓެލްކޯގެ އިތުރުން ދިރާގު އަދި ކަސްޓަމްސް ރެކްރިއޭޝަން ކްލަބުން ވެސް ކްލަބު މޯލްޑިވްސް ކަޕް ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
މާފަންނު މިނީ ގްރައުންޑުގައި ކުރިއަށްދާ މުބާރާތުގައި އިއްޔެ ކުޅެފައި ވަނީ ގްރޫޕް އެފްގެ އިތުރުން ޑީ އަދި އެޗްގެ ފަހު މެޗުތަކެވެ.
ގްރޫޕް އެފްގައި އިއްޔެ ކުޅުނު ދެ މެޗަކީ ސްޓެލްކޯއާއި ފެން ކްލަބު އަދި މޯލްޑިވިއަން އާއި އެމްއެމްއޭ ސޯޝިއަލް ކްލަބު ވާދަކުރި މެޗުތަކެވެ.
އިއްޔެގެ މެޗުގައި ސްޓެލްކޯ އިން ފެން ކްލަބު ބަލިކުރީ 3-1ގެ ނަތީޖާއަކުންނެވެ. މެޗުގައި ސްޓެލްކޯގެ ތިން ގޯލް ވެސް ކާމިޔާބު ކޮށްދިނީ އަލީ މާއިސް (މައްޓު) އެވެ. ފެން ކްލަބުގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ ނަސޫހު ސައީދެވެ.
އިއްޔެ ކުޅުނު ގްރޫޕް އެފްގެ ފަހު މެޗުގައި 1-0ގެ ނަތީޖާއަކުން އެމްއެމްއޭ ބަލިކޮށް، މޯލްޑިވިއަން ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. މެޗުގެ ހަމައެކަނި ގޯލް މޯލްޑިވިއަންއަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ޝައްފާން (ޝަކާ) އެވެ.
ރޭ ކުޅުނު ގްރޫޕް އެޗްގެ މެޗުގައި ވާދަކުރީ ޕްރިޒަން ކްލަބާއި ހޯމް އެފެއާޒް އެވެ. އެ ގްރޫޕްގައި އެލައިޑް އަދި ޓީމު މެޑު ވާދަކުރި މެޗު ނިމުނީ 0-0ގެ ނަތީޖާއަކުންނެވެ.
ޕްރިޒަން ކްލަބުން ރޭގެ މެޗުގައި 10-0ގެ ނަތީޖާއަކުން ހޯމް އެފެއާޒްގެ މައްޗަށް ކުރި ހޯދައިފައިވާ އިރު، އެ ޓީމުން ވަނީ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރު ޔަގީން ކޮށްފަ އެވެ. އަދި އެ ގްރޫޕުން ދެވަނަ ޓީމުގެ ގޮތުގައި އަނެއް ބުރަށް ދިޔައީ އެލައިޑެވެ.
ގްރޫޕް ޑީގައި އިއްޔެ ކުޅުނު ދެ މެޗާއެކު އެ ގްރޫޕްގެ ކުޅުން ވެސް ވަނީ ނިމިފަ އެވެ.
ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރި ދިރާގާއި ކަސްޓަމްސް ރޭ ކުޅުނު މެޗު އެއްވަރުވެފައިވާ އިރު، ހައުސިން އިން ވަނީ މޯލްޑިވް ގޭސް ބަލިކޮށްފަ އެވެ.
ދިރާގާއި ކަސްޓަމްސް ކުޅުނު މެޗުގައި ދިރާގަށް ލީޑު ނަގައިދިނީ ނާއިފް ޝަފީގުގެ ގޯލުންނެވެ. ދެވަނަ ހާފްގައި ކަސްޓަމްސްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ސާޖިދު ރަޝީދެވެ.
ގްރޫޕް ޑީގައި ރޭ ހައުސިންއިން ގޭސް ބަލިކުރީ 5-1ގެ ނަތީޖާއަކުންނެވެ.
ކްލަބު މޯލްޑިވްސް ކަޕްގައި މިރޭ އޮންނާނީ ގްރޫޕް އީގެ އިތުރުން ޖީއާއި ސީގެ ފަހު މެޗުތަކެވެ.