31 Mar 2018, 00:34
ރާއްޖެއާ ދޭދޭ ގައުމުތައް ޖައްސަންކުރާ މޮޅެތި ރޭވުންތައް އާހިރުގައި ނާކާމިޔާބުވާނެ ކަމަށް ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ސަފީރު އަހުމަދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއާއި އެހެން ގައުމުތައް ޖައްސަންކުރާ މަސައްކަތް ވަރަށް ރަނގަޅަށް އެނގޭ ކަމަަށެވެ.
"ވަރަށް ނުރައްކާތެރި ރޭވުންތައް މިހާރު ފެންނަމުންދޭ. އެފަދަ ރޭވުންތައް ރާވާ ފަރާތްތަކުގެ ކިބައިން ގައުމު ސަލާމަތް ކުރަން އަޅުގަނޑުމެން މިތިބީ އެކަތިގަނޑަކަށްވެގެން. ރާއްޖެއާ އެހެނިހެން ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ކިލަނބުކޮށް އަޅުގަނޑުމެންގެ މުޖުތަމައުތައް ބައިބައިކުރުމަށްވުރެ ހެޔޮ ގޮތްތައް މިގައުމަށް ބޭނުންވޭ،" އަހުމަދު ވިދާޅުވިއެވެ.
The best laid plans of those who devise to manipulate & divide our communities will fail. We see through these dangerous designs & stand united against such trouble makers.#Maldivesdeserves better than those trying to divide our communities & attempt to foster misunderstandings
— Ahmed Mohamed (@ahmedMDV)March 30, 2018
ދާދިފަހުން ޕްރެސް ޓްރަސްޓް އިންޑިއާ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު އަހުމަދު ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ވަރަށް ގިނަ މައްސަލަތައް ޖެހުނު ކަމަށާއި ދެ ގައުމުގެ ދެމެދުގައި އިތުބާރުގެ މައްސަލަ އުފެދުނީ ކަންކަމުގައި ރަނގަޅަށް މަޝްވަރާ ނުކުރެވުމުގެ ސަބަބުން ކަމަށެވެ.
ދެ ގައުމުގެ ދެމެދުގައި އިތުބާރުގެ މައްސަލަ އުފެދިފައި އޮތް ކަމުގައި ވިޔަސް، ވެދިޔަ ކަންކަން ހަނދާން ނައްތާލައި އާ ފެށުމަކުން ދެގައުމުގެ ގުޅުން އަލުން ފަށަަން ޖެހޭ ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.
ފެބްރުއަރީ އެކަކާ ގުޅިގެން ސުޕްރީމްކޯޓުން ނެރުނު އަމުރާ ގުޅިގެން އެ އަމަރު ތަންފީޒްކުރުމަށް އިންޑިއާއިން ވަނީ ރާއްޖެއަށް ގޮވައިލައިފައެވެ. އެ މައްސަލައިގައި ރާއްޖެއިން ވެސް ރައްދުގައި ވަނީ ރާއްޖެއަށް ދިމާވި ހަލަބޮލި ދަނޑިވަޅު މަޝްރަހު ހޫނުނުކުރުމަށް އެދި ގޮވައިލައިފައެވެ.
ފެބްރުއަރީ އެކެއްގެ އަމުރު ތަންފީޒުކުރުމަށް އިންޑިއާއިން ގޮވާލި ގޮވާލުމާ ގުޅޭގޮތުން ސަފީރު އިންޑިއާގެ ނިއުސް 18 އަށް ވިދާޅުވީ، އެކަމުގައި ވެސް ފެނިގެން ދިޔައީ ހަގީގަތް ރަނގަޅަށް އެނގިފައި ނެތުމާއި، ދެގައުމުގެ ދެމެދުގައި އޮތީ "މިސްއަންޑަސްޓޭންޑިންގ" ކަމަށެވެ.
ރާއްޖޭގައި 45 ދުވަސްވަންދެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތުމަށް ފަހު އެ ހާލަތު އުވާލުމުން އިންޑިއާއިން ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މަރުހަބާ ކިޔައިފައެވެ.