27 Aug 2011, 16:31
ބަހަކީ، ވިސްނުންތަކާއި ހިޔާލުތަކާއި ފިކުރުތަކާއި ޝޫރުތަކާއި އިހުސާސްތައް، އަޑާއި ހަރަކާތްތަކާއި އަކުރުތައް ފަދަ ރަމްޒުތަކުން އުފައްދާ ލަފްޒުތަކުގެ ޒަރީއާއިން، މުވާސަލާތު ކުރުމުގެ ނިޒާމެކެވެ. އެކަކުގެ ހިތުގައި އުފެދޭ ޝޫރުތައް އަނެކާއަށް ބުނެދެނީ ބަހުންނެވެ. ބަހަކީ އިންސާނުންގެ އެއް ޖީލު އަނެއް ޖީލާ ގުޅުވައިދޭ ފާލަމެވެ. އެއް ޖީލުގެ މައުލޫމާތު އަނެއް ޖީލަށް ފޯރުކޮށް ދެނީ ބަހުންނެވެ. އެހެންކަމުން ބަހަކީ އިންސާނާއަށް ލިބިފައިވާ އެންމެ ބޮޑު އެއް ނިއުމަތެވެ.
ބަހަކީ ވަރަށް ބާރުގަދަ އެއްޗެކެވެ. ބަހުގެ ބޭނުންކޮށްގެން މީހަކު ހެއްވައިލެވިދާނެއެވެ. ރޮއްވައިލެވިދާނެއެވެ. ރުޅިއަރުވައިލެވިދާނެއެވެ. ނިކަމެތިކޮށްލެވިދާނެއެވެ. މާޔޫސްކޮށްލެވިދާނެއެވެ. މީހެއްގެ ހިތަށް އުފާވެރިކަން ގެނެސްދެވިދާނެއެވެ. މީހެއްގެ ލޯތްބާއި އިހްތިރާމް ހޯދިދާނެއެވެ. ތޫނު އެއްޗަކުން ކުރެވޭ ޒަހަމް އަވަހަށް ފަސޭހަވާއިރު، ދުލުން ކުރެވޭ ޒަހަމްގެ ވޭން އެތައް ޒަމާނަކަށް ހުންނަނީ ބަހުގެ ބާރުންނެވެ.
ބަހަކީ ސިހުރެކެވެ. ހާލަތާ ގުޅޭ ގޮތަށް ބަސް ބޭނުން ކުރަން ރަނގަޅަށް ދަންނަ މީހުންނަށް، އެމީހުން ބޭނުން ކޮންމެ ކަމެއް ހާސިލުކުރެވިދާނެއެވެ. ރަނގަޅު ގޮތުގައި ބޭނުން ކުރެވޭ ނަމަ، ބަހަކީ ހިތްހަމަ ޖެހުން ގެނެސްދޭ އެއްޗެކެވެ. ތިމާ ބުނާ އެއްޗެއް ތިމާ ގަސްތު ކުރި މާނައިގައި އަނެކާއަށް ފަހުމު ވެއްޖެކަން އެނގުމުން ހިތަށް ފިނިކަން ލިބެއެވެ. ބުނާ އެއްޗެއްގައި އެކުލެވޭ މާނަ ތަފާތު ނުވިޔަސް، ޖުމްލައިގައި ބޭނުންކުރެވޭ ލަފްޒުތަކާއި އެލަފްޒުތައް އަތުރައިލެވޭ ގޮތުން، އެ ޖުމްލައަކުން ކުރާ އަސަރު ތަފާތުވެއެވެ. މިސާލަކަށް ލާނެތް ފުރައިގެ ފިރިހެން ކުދިންގެ ގުރޫޕެއްގައި ކުއްޖަކު "ވަރަށް ފަސޭހައިން ސެޓްވާ ބިޓެއްގެ ނަންބަރު އެބައޮތޭ، ބޭނުންހޭ؟" ސުވާލުކުރުމުން އެ ގުރޫޕުގައި ހިމެނޭ އެހެން ކުދީން ދޭނެ ޖަވާބާއި، "ކަސްބީއަކާ ނަހަމަ ގުޅުން ހިންގަން ބޭނުމިއްޔާ ނަންބަރު ލިބިދާނެޔޭ. ބޭނުންހޭ؟" ސުވާލުކުރުމުން ލިބޭނެ ޖަވާބު ތަފާތުވާނެއެވެ. އެކަމަކު ހަގީގަތުގައި މި ދެޖުމްލައިގައި ވެސް އެބުނެވެނީ އެއް ވާހަކައެއް ނޫންތޯއެވެ؟
އިލްމު ލިބިގަތުމާއި، އިލްމު ފޯރުކޮށް ދިނުމުގައި ބޭނުން ކުރެވޭ މައިގަނޑު ވަސީލަތަކީ ބަހެވެ. އިލްމުވެރިއެއްގެ އަރިހުން ކިޔެވި ނަމަ ވެސް އަދި ފޮތަކުން ކިޔެވި ނަމަވެސް ބަސް ބޭނުން ނުކޮށް އިލްމެއް ހާސިލެއް ނުކުރެވޭނެއެވެ. ރަނގަޅަށް ބަސް ބޭނުން ކުރަން ނޭނގުމުން މުޖުތަމައުގައި ތިމާގެ އަގު ވެއްޓެއެވެ. ރަނގަޅަށް ބަސް ބޭނުންކުރާ މީހާއަށް މީހުން ގަދަރު ކުރެއެވެ. މީހުންގެ ލޯތްބާއި އިހުތިރާމް ލިބެއެވެ. މުޖުތަމައުގެ މީހުން ފަންތިކުރުމުގައި ބަސް ވަރަށް މުހިއްމު ދައުރެއް އަދާކުރެއެވެ. ކިތަންމެ މޮޅު ފާހެއް ތިމާގެ އަތުގައި އޮތަސް، ބާޒާރުމަތީ ބަހުރުވައިން ތިމާ ވާހަކަ ދައްކާ ނަމަ ތިމާގެ އަތުގައި އޮތް ފާހުގެ މަތީން ހަނދާންކުރާނެ ބަޔަކު ނުތިބޭނެއެވެ.
ކުރިއަރާފައިވާ ގައުމުތަކުގައި، ނަފްސާނީ އިލްމުވެރިންނާއި، ސޯޝަލޮޖިސްޓުންނާއި އެންތްރޮޕޮލޮޖިސްޓުންނާއި، ޓީޗަރުންނާއި، ޑޮކްޓަރުން ފަދަ، ވަކި ދާއިރާއަކުން ތައުލީމު ހާސިލުކޮށްފައިވާ މީހުންނަށް ވެސް، އަމަލީ މައިދާނަށް ނުކުތުމުން، އިންސާނީ ހަޔާތުގައި ބަހުގެ މުހިންމުކަން އޮތް ލެއް ބޮޑުކަން އިހުސާސްކުރެވެއެވެ. ތަންކޮޅެއް ބޮޑަށް ބަހަށް އަހުލުވެރިވާން ޖެހޭކަން އެނގެއެވެ. ބަހަކީ ވެސް ފުންކޮށް ދަސްކުރަން ޖެހޭކަން ދާއިރާއެއްކަން ގަބޫލުކުރެވެއެވެ.
އެހެން ނަމަވެސް މިއަދު އަޅުގަނޑުމެންގެ މި މުޖުތަމައުގައި ބަހަށް ދެވޭ ސަމާލުކަން މިވަނީ ވަރަށް ކުޑަވެފައެވެ. ކޮންމެ ގޮތަކަށް ކޮންމެ ވާހަކައެއް ބުނެވުނަސް، އެއީ "އޯކޭ" ކަމަކަށް ވަނީ ވެފައެވެ. ކިޔަވައިގެން ތިބި މީހުންގެ ތެރޭގައި ވެސް މިކަން އޮތީ މިގޮތަށެވެ. މުޖުތަމައު ހޭލުންތެރި ކުރުވުމުގެ މަސައްކަތުގައި އުޅޭ ފަރާތްތަކުން ވެސް ބަސް ބޭނުންކުރުމުގައި ފަރުވާތެރިއެއް ނުވެއެވެ. ކިޔަވައިގެން ހުރި މީހެއް ކަމުގައި ވިޔަސް އޭނާ އަކީ ބަހަށް ނުފަރިތަ މީހެއް ކަމުގައި ވާނަމަ، މުޖުތަމައުގައި ހިމެނޭ އާންމު ފަރުދުން އޭނާގެ އިލްމީ ފެންވަރާ މެދު ޝައްކު ކުރާނެއެވެ. ކޮންމެ ދާއިރާއަކުން ކިޔަވާފައި ހުރި މީހެއް ނަމަވެސް، އޭނާ ކިޔެވި އެއްޗެއް މީހުންނަށް ބުނެ ނުދެވޭ ކަމަށް ވާނަމަ އެއިން ދައްކައިދެނީ އޭނާގެ އިލްމީ ފެންވަރެއް ނެތްކަމެވެ. ބޭރު ބަހަކުން ތައުލީމު ހާސިލު ކުރި ނަމަވެސް ތިމާ ދިރިއުޅޭ މުޖުތަމައުގެ އަހުލުވެރީންގެ ބަހަށް ތިމާ ނުފަރިތަ ކަމުގައިވާނަމަ، އެ މުޖުތަމައުގައި ގަދަރު ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ. ހާއްސަގޮތެއްގައި ދީނީ އިލްމުވެރީންގެ މި މައްސަލަ މާ ބޮޑުވަމުން ނުރައްކާތެރިވަމުން އަންނަކަން ފާހަގަކުރެވެއެވެ.
ދާދި ފަހުން ރައްޓެއްސަކު ބުނިގޮތުން ދީނީ ނަސޭހަތް ދިން ބޭފުޅަކު ވިދާޅުވި އެއްޗެއްގެ ސަބަބުން ބިރުން ހަލާކު ނުވީ ކިރިޔާއެވެ. ނަސޭހަތް ދެއްވި ބޭފުޅާ ހަދީސެއްގެ މާނަ ކިޔައިދެއްވީ "ދެން އެބޭކަލަކު ވަޑައިގެން ރަސޫލާގެ ކުރިމަތީގައި (ކުރިފުޅުމަތީގައި) އިށީނދެ ވަޑައިގަތުމަށް ފަހު" މިހެން ބުނަންވީ ތަނަށް ކުރިފުޅުމައްޗޭ ނުވަތަ ކުރިމައްޗޭ ބުނުމުގެ ބަދަލުގައި އެލަފްޒުގެ ފަހަތަށް "ފަރާތް" އިތުރު ކުރައްވައިގެންނެވެ. ހަމަ ގައިމުވެސް އެ ވިދާޅުވެވުނީ އެބޭފުޅާ ވިދާޅުވާން އުޅުއްވި ވާހަކައެއް ނޫނެވެ.
ހަމަ އެހެންމެ "ރަސޫލާ ހަދީސް ކުރެއްވި"އޭ ބުނުމުގެ ބަދަލުގައި "ރަސޫލާ ދެންނެވި"އޭ ވެސް ކިޔަނީއެވެ. ދިވެހި ބަހުގައި "ދެންނެވި"އޭ ބުނުމަކީ، "ބުންޏޭ" ބުނުމަށް ވުރެ ވެސް ގޮތުގައި ބަލާއިރު ދަށް ގޮތެކެވެ. އެއް ބަހުން އަނެއް ބަހަށް ތަރުޖަމާ ކުރާ އިރު، އެބަހެއްގެ ހަމަތަކަށް ފައްތައިގެން ތަރުޖަމާ ނުކުރެވިއްޖެ ކަމުގައިވާ ނަމަ، އެ ޖުމްލައަކުން ގަސްތު ކުރެވޭ މާނަ ދާނީ ބަދަލުވެގެންނެއެވެ. ދިވެހިރާއްޖޭގައި ކުރީން ތިއްބެވި ދީނީ އިލްމުވެރީން، "ތިމަން ކަލޭގެފާނު ވެސް ކައިވެނިފުޅު ބައްލަވައިގަންނަވަމޭ" މި ގޮތަށް ތަރުޖަމާ ކުރައްވާފައިވާ ހަދީސެއް ވެސް މިފަހުގެ އިލްމުވެރިޔަކު ވިދާޅުވި އަޑު އިވުނީ "ތިމަން ކަލޭގެފާނު ވެސް އަންހެނުން ކައިރިން އުފާހޯއްދަވަމޭ" މި ގޮތަށެވެ. މިހެން ވިދާޅުވުމުން އާންމުން އެ ޖުމްލަ ތަރުޖަމާ ކުރާނީ ކިހިނެއްތޯއެވެ؟ އަދި މިވެނި ޝައިޚަކު ކިޔައި ދެއްވި ހަދީސްފުޅެކޭ ކިޔާފައި، އެ ހަދީސްފުޅުން ދަލީލު ނަގައިގެން ސުންނަތެކޭ ކިޔައިގެން ދެން ކުރާން ދިމާކުރާނީ ކޮން ކަހަލަ ކަންތައް ތަކެއްތޯއެވެ؟
ދިވެހިރާއްޖޭގައި ކުރީން ތިއްބެވި އިލްމުވެރީން މިކަންތައްތަކަށް ވަރަށް ފަރުވާ ބެހެއްޓެވިއެވެ. އަރަބި ބަހުން އޮންނަ އެއްޗެއް ލަފްޒުން ލަފްޒަށް ތަރުޖަމާ ކުރުމުން، ބައެއް ފަހަރު ދިވެހީންނަށް ނުރަނގަޅު މާނައެއް ދޭހަވާ ގޮތަށް ޖުމްލަ އަންނާތީ، އެ ޖުމްލައިގެ މާނަ ނުގެއްލޭ ގޮތަށް، އަދި ދިވެހީންނަށް ފަހުމުވާ ގޮތަށް ގެންނެވުމަށް ސަމާލުކަން ދެއްވިއެވެ.
ދިވެހިބަސް ބޭނުންކުރާނެ ގޮތް ރަނގަޅަށް ދަސްކުރައްވަން ބޭނުންފުޅިއްޔާ ޙުސައިން ޞަލާޙުއްދީނާއި، ޢަބްދުﷲ ޖަލާލުއްދީނާއި، މުޙައްމަދު ޖަމީލުދީދީ އާއި ޢުމަރު ޢީސާ އާއި މޫސާ ފަތުޙީ ފަދަ ބޭފުޅުންގެ ލިޔުއްވުންތައް ވިދާޅުވާންވީއެވެ. އެ ބޭފުޅުން މައްސަލަތަކުގައި ދެކެވަޑައިގަންނަވާ ގޮތާއި މިހާރުގެ އިލްމުވެރީން ދެކެވަޑައިގަންނަވާ ގޮތް ތަފާތު ވިޔަސް، ބަސް ރަނގަޅަށް ދަސްކުރުމަށާއި ބަހަށް އަހުލުވެރި ވުމަށް ޓަކައި އެބޭފުޅުންގެ ލިޔުއްވުންތައް ވިދާޅުވުމަކީ މުހިއްމުކަމެކެވެ. ބަސް ބޭނުން ކުރެއްވުމުގައި ސަމާލުކަން ނުދެއްވާ ބޭފުޅުންގެ ތަގުރީރުތަކުގެ ސަބަބުން ބޮޑުވެގެންދާނީ މުޖުތަމައުގެ ޖާހިލުކަމެވެ. ވެއްޓިގެންދާނީ އެބޭފުޅުންގެ އަގެވެ. ދީނީ ވާހަކަތަކަށް މީހުން ކުރާ ގަދަރު ދާނީ ކުޑަވެގެންނެވެ.
ވަރަށް ކުޑަ ތަފާތަކުން ވެސް ލަފްޒުތަކުގެ މާނައަށް ބަދަލު އާދެއެވެ. ހަމަ އެހެންމެ ލަފްޒުތައް ޖުމްލައިގައި އަތުރައިލެވޭ ގޮތުން ޖުމްލައިގެ މާނަ ބަދަލުވެއެވެ. މިސާލަކަށް ޖުމްލައިގައި ބޭނުންކުރާ ނަންއިތުރު ބޭނުންކުރެވޭ ތަނުގެ ގޮތުން އެ ނަންއިތުރުން ސިފަ ލިބޭ ނަން ބަދަލުވެގެންދެއެވެ. "ރީތި މުދައްރިސުގެ ގަމީހާ"އި "މުދައްރިސުގެ ރީތި ގަމީސް" ތަފާތެވެ. ނަމާދުކުރާއިރު އެއްބަޔަކު ރުކޫޢުން ތެދުވެ ހަށަން ބަންނަ އިރު އަނެއް ބަޔަކު ރުކޫޢުގެ ފަހުން ހަށަން ނުބަންނަނީ ކީއްވެގެންތޯއެވެ؟ މިއީ ވެސް ރިވާޔަތެއްގައި އައިސްފައިވާ ލަފްޒެއްގެ މާނަ ކުރެވުނު ގޮތުން ދިމާވި ކަމެކެވެ. އެހެން ކަމުން އަރަބި ބަހުން އޮތް ހަދީސެއް ދިވެހި ބަހުން ތަރުޖަމާކުރާއިރު ބޭނުން ކުރެވޭ ލަފްޒެއްގެ ސަބަބުން ވެސް، ޝައިޚް ގަސްތުކުރެއްވި މާނަ އާއި އާންމުންނަށް ވިސްނުނު މާނަ ތަފާތުވެގެން ވެސް މިފަދަ މައްސަލަތަކެއް ދިމާވެދާނެއެވެ.
ތިމާ ބުނާ އެއްޗަކުން ނަތީޖާއެއް ހާސިލުކުރަން ބޭނުން ނަމަ ހަގީގަތުގައި ވެސް ތިމާއަށް މި "ބުނެވެނީ ބުނަންއުޅޭ ވާހަކަ" ތޯ ކަށަވަރުކުރަންޖެހެއެވެ. ތިމާ ބުނަން އުޅޭ ވާހަކަ ސާފުކަމާ އެކު ބުނުމަށްޓަކައި ބަހުގެ ގަވައިދުތަކާ އެއްގޮތަށް ބަސް ބޭނުން ކުރަން ދަސްކުރަން ޖެހެއެވެ. ބަހުގެ ގަވައިދަކީ މީހުން ހަދާ އެއްޗެއް ނޫނެވެ. ބަހުގެ ގަވައިދަކީ ބަހުގެ އަހުލުވެރީން ވާހަކަ ދައްކާ ތަބައީ ހަމައެވެ. މިހަމަ ޖެހޭނީ ދަސްކުރާށެވެ. ބަހަށް މޮޅުވެވޭނީ ބަހުގެ އަސްލު އަހުލުވެރީންގެ ތެރެއިން ބޭރު ބަހެއް ނުދަންނަ މައް ދިވެހީން ދައްކާ ވާހަކަ ކަނުލައި އަޑު އަހައި އޭގެ މައްޗަށް ވިސްނުމާއި، ކުއްލި މައުޒޫއަށް ވާހަކަ ދެއްކުމާއި، މަންތިގުގެ ހަމަތައް ދަސްކުރުމާއި، ބަހުސު ކުރުމާއި، މޮޅު މީހުންގެ ތަގުރީރުތައް ދަސްކޮށް އެ ތަގުރީރުތައް ފަރިތަކުރުމާއި، ބަހުގެ މޮޅު އަދީބުންގެ ފޮތްތަކާއި ލިޔުންތައް ގިނައިން ކިޔުމާއި، ރަދީފު ބަލަން އާދަކުރުމާއި، ވާހަކަ ފޮތްތައް ކިޔުމާއި، ތަފާތު މައުޒޫތަކަށް ލިޔަން ފަރިތަކުރުމާއި، ތިމާ ލިޔާ ލިޔުންތައް އެހެން މީހުންނަށް ދައްކައި، ހިޔާލު ހޯދައިގެން، މި ގޮތުން ލިބޭ ރަނގަޅު ހިޔާލުތަކާ އެއްގޮތަށް ލިޔުންތައް ބައްޓަން ކުރަން މަސައްކަތް ކުރުން ފަދަ ކަންކަމުންނެވެ.