ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ގަމަރް ޖާވިދް ބަޖްވާ، ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަންނަވައިފިއެވެ.

ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމްގެ ދެކަނބަލުންނާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ޝާހިދުގެ ދެކަނބަލުންނެވެ.

ޕާކިސްތާނުގެ އާމީ ޗީފް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: އެމްއެންޑީއެފް

މިއަދުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) ވަސީމް އަކްރަމާއި ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޓާޗޭ ކާނަލް ސައްޖާދު އަލީގެ އިތުރުން ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޓާޗޭ ލެފްޓިނެންޓް ކާނަލް އިބްރާހީމް ހިލްމީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޖެނެރަލް ގަމަރު ރާއްޖެ ވަޑައިގެންނެވީ ޕާކިސްތާނުގެ އަސްކަރިއްޔާގެ ހާއްސަ މަތިންދާ ބޯޓެއްގައެވެ.

އެމްއެންޑީއެފުން ބުނީ ޖެނެރަލް ގަމަރުގެ މިދަތުރުފުޅަކީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމްގެ ހާއްސަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެެއް ކަމަށެވެ. އަދި ގަމަރްގެ ދަތުރު ނިންމަވާލައްވައި މާދަމާ ގައުމަށް އެނބުރި ވަޑައިގަންނަވާނެ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފްގެ މަގާމަށް ގަމަރު އައްޔަން ކުރައްވާފައިވަނީ 28 ނޮވެމްބަރު 2016 ގައެވެ.