އަޑުއިވުމުން މަހުރޫމުވެފައިވާ ދިވެހި ޒުވާނުންނަށް ހާއްސަކޮށްގެން އެކުލަވާލި މޯލްޑިވްސް ޑެފް ފުޓްބޯލް ކްލަބުން ކުޅުނު ފުރަތަމަ މެޗުގައި ހިންނަވަރު ބަލިކޮށްފިއެވެ.

ހިންނަވަރު ފުޓްބޯޅަ ދަނޑުގައި އެ ރަށުގެ ޓީމާ ދެކޮޅަށް މިއަދު ކުޅުނު މެޗު ޑެފް ފުޓްބޯލް ކްލަބުން ކާމިޔާބުކުރީ 5-3ގެ ނަތީޖާއަކުންނެވެ. ޑެފް ފުޓުބޯލް ޓީމުން މިހާރު ކުރަމުންދާ ދަތުރަކީ ތަޖުރިބާ ހޯދުމަށް ޅ. އަތޮޅަށް ކުރާ ހާއްސަ ދަތުރެކެވެ.

މޯލްޑިވްސް ޑެފް އެސޯސިއޭޝަނާއި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ގުޅިގެން އެކުލަވާލި މޯލްޑިވްސް ޑެފް ފުޓްބޯލް ކްލަބު، މިއަދު ކުޅެފައިމިވަނީ އެ ކްލަބުގެ ފުރަތަމަ މެޗެވެ. އަދި މިއީ ރާއްޖޭގައިވެސް މިފަދަ ނުކުޅުދުންތެރިކަމެއް ހުންނަ ބަޔަކު ޓީމެއް ތަމްސީލްކުރި ފުރަތަމަ ފަހަރެވެ.

ސްޕޯޓްސް ކޯޕަރޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ކާމިޔާބު މެޗަށްފަހު "ސަން ސްޕޯޓްސް"އަށް މައުލޫމާތު ދެއްވަމުން ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ރައްޒާގު އިބްރާހިމް ވިދާޅުވީ، ޑެފް ފުޓުބޯޅަ ކްލަބަކީ ސަރުކާރުން ހުރިހާ ކުދިންނަށްވެސް ކުޅިވަރުގައި ބައިވެރި ކުުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ ހާއްސަ ހަރަކާތެއް ކަމަށެވެ.

"ސަރުކާރުން ހުރިހާ މީހުންވެސް ކުޅިވަރުގައި ބައިވެރިކޮށް، ވަކި ބަޔަކު އެކަހެރިނުކޮށް ހިންގަމުންދާ ހާއްސަ ހަރަކާތެއްގެ ދަށުން އެކުލަވާލި ޓީމެއް މި ޓީމަކީ. ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހީމް އިސްނެންގެވި އިސްނެންގެވުމެއް މިއީ،" ރައްޒާގު ވިދާޅުވިއެވެ.

ރައްޒާގު ވިދާޅުވީ ޑެފް ފުޓްބޯލް ޓީމާ ގުޅުމުގެ ފުރުސަތު އަޑުއިވުމުން މަހުރޫމުވެފައިވާ ހުރިހާ ފަރާތްތަކަށްވެސް އެބައޮތް ކަމަށާއި ޓީމުގެ ހުރިހާ ކަމެއް ބަލަހައްޓަމުން ގެންދާނީ ސްޕޯޓްސް ކޯޕަރޭޝަންގެ ފަރާތުން ކަމަށެވެ.

ރާއްޖޭގެ ތަޖުރިބާތައް ހޯދުމަށްފަހު ބައިނަލްއަގުވަމީ ލެވެލްއެއްގައި ރާއްޖެ ތަމްސީލް ކުރުމަށްވެސް ޓީމު ފޮނުވޭނެ ކަމަށް ރައްޒާގުވަނީ ވިދާޅުވެފައެވެ. އަދި ހިންނަވަރަށް ކުރި ދަތުރުގައި ގިނަ ބައެއްގެ އެހީތެރިކަން ލިބުނު ކަމަށާއި، ހާއްސަކޮށް މިފްކޯއާއި އެސްޓީއޯގެ އިތުރުން ޅ. އަތޮޅުގެ ކައުންސިލްގެ އެހީތެރިން ސްޕޯޓްސް ކޯޕަރޭޝަންގެ އެމްޑީ ރައްޒާގުވަނީ ފާހަގަކުރައްވައިފައެވެ.

އިއްޔެ މެންދުރުގެ ވަގުތެއްގައި ޑެފް ފުޓްބޯޅަ ކްލަބު ފެލިވަރަށް ދިއުމާއެކު، އެ ރަށުން އެޓީމަށް މަރުހަބާ ކިޔާފައި ވަނީ މިފްކޯގެ މުވައްޒަފުންނެވެ. މިފްކޯއާ ގުޅިގެން އެރަށުގައި ޑެފް ފުޓްބޯލް ކްލަބުންވަނީ ހާއްސަ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ.