ޖަމްޢިއްޔަތުލް ފަލާހުން ރަމަޟާން މަހު ކުރިއަށްގެންދިޔަ ކީރިތި ގުރާން ކިޔެވުމުގެ މުބާރާތުގެ އެއް ވަނަ އިޣާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރު، މުހައްމަދު ޝާއިފް މުސްތޮފާ ހޯދައިފި އެވެ.

މުބާރާތުން ވަނަ ތަކަށް އައި ކުދިންނަށް ރޭ ވަނީ އިނާމް ހަވާލުކޮށްފަ އެވެ.

ޝާއިފް ވާދަކުރި 11 އަހަރުން ދަށުގެ ހިތުން ކިޔެވުމުގެ ބައިން އޭނާ ވަނީ އެއް ވަނަ ހޯދައިފަ އެވެ.

މުޅި މުބާރާތުން ދެވަނަ ހޯދީ ނުވަ އަހަރުން ދަށުގެ ހިތުން ކިޔެވުމުގެ ބައިގައި ބައިވެރިވެ، އެ ބައިން އެއް ވަނަ ހޯދި އިސްކަންދަރު ސްކޫލުގެ އައިޝަތު އަނާމިލް އަހަމްދެވެ. ނުވަ އަހަރުން ދަށުގެ ހިތުން ކިޔެވުމުގެ ބައިން އެއް ވަނަ އަށް އަންނަ ކުއްޖެއްގެ މަންމަ ނުވަތަ ބައްޕަ އަށް ފަލާހުން ވަނީ އުމްރާ ދަތުރެއް ހުށަހަޅައިފަ އެވެ.

މުބާރާތުގެ ތިން ވަނަ ހޯދީ ޖަމާލުއްދީން ސްކޫލްގެ ދަރިވަރެއް ކަމުގައިވާ މަރިޔަމް އިބާ މުހައްމަދު ސިހާމެވެ.

ސާދަ ސްކޫލަކުން 313 ކުދިން ބައިވެރިވި މުބާރާތުން އެއް ވަނަ ހޯދީ ޣިޔާސުއްދީން ސްކޫލެވެ. ދެވަނަ އިސްކަންދަރު ސްކޫލް ކާމިޔާބުކުރިއިރު، ތިން ވަނަ ހޯދީ އަމީނިއްޔާ އެވެ. މުބާރަތުގެ ހިތުން ކިޔެވުމުގެ ގޮފީން 77 ދަރިވަރުން އަދި ބަލައިގެން ކިޔެވުމުގެ ގޮފިން 236 ދަރިވަރުން ބައިވެރިވެފައިވެ އެވެ.

ޖަމްޢިއްޔަތުލް ފަލާހުން ކެނޑިނޭޅި މި މުބާރާތް ބާއްވަމުން އަންނަތާ ވަނީ 40 އަހަރުވެފަ އެވެ.