އެންމެ ގިނައިން ޓްރެފިކް ގަވާއިދުތަކާ ޚިލާފުވަނީ، ތަފާތު ވައްތަރުތަކުގެ އަގުބޮޑު ކާރުތައް ދުއްވާ ޑްރައިވަރުންކަމަށް އިންޑިއާގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު ކޭޖޭ އަލްފޮންސް ވިދާޅުވެއްޖެއެވެ.

އިންޑިއާގައި މަގުމަތީގެ އެކްސިޑެންޓް ތަކުގައި އަހަރެއްގެ މައްޗަށް 1.5 ލައްކައާ ގާތްކުރާ އަދަދަކަށް މީހުން މަރުވާކަމަށް އެގައުމުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އިންޑިއާގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް، 'ސޭފަރ ރޯޑް ޓްރާންސްޕޯޓޭޝަން'ގެ ނަމުގައި ކުރިއަށް ގެންދާ ދެ ދުވަހުގެ ކޮންފަރެންސެއް ހުޅުވުމުގެ ރަސްމިއްޔާތުގައި އަލްފޮންސޭ ވިދާޅުވީ، ޓެކްސީ ޑްރައިވަރުންނަށް އެއްގަމުގެ ދަތުރުފަތުރުގައި ރައްކާތެރި ގޮތްތައް ބޭނުންކުރުމަށް ތަމްރީނު ދިނުން ރަނގަޅު ކަމަށާއި ހަމައެއާއެކު އަގުބޮޑު އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް މިފަދަ ތަމްރީނުތައް ދިނުން އަދި މާބޮޑަށްވެސް މުހިއްމު ކަމަށެވެ.

"އަހަންނަށް ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމެއް، އެންމެ ގިނައިން ގަވާއިދާ ޚިލާފުވާ ފަރާތްތަކުގެ ތެރޭގައި އަގުބޮޑު ކާރުތަކުގައި އުޅޭ މީހުން ހިމެނޭކަން. އެކަމަކު ހުރިހާ އިލްޒާމެއް އަޅުވަނީ، ޓެކްސީ ޑްރައިވަރުންގެ ބޮލުގައި،" 'ގުޑްއިޔާރްސްއާއި 'ރޯޑް ޓްރެފިކް އެޑިއުކޭޝަން އިސްންޓިޓިއުޓް' ގުޅިންގެ އިންތިޒާމް ކުރި ކޮންފަރެންސްގައި އަލްފޮންސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެންމެ އެންމެ ފުރަތަމަވެސް މިފަދަ ތަމްރީނުތައް ދީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގަންވީ މުއްސަނދި މަހުޖަނުންނަށް ކަމަށެވެ.

"އަގުބޮޑު ކާރަކަށް އެރުނީމަ އަހަރެމެންނަށް މި ހީވަނީ ދެން މުޅި ދުނިޔެ ލިބުނީހެން. މަގުގެ އަރިމަތީގައި ނިދާފައި ތިބޭ ފަގީރު މީހުންގެ ގައިމަތިންވެސް ދުއްވާފައި ދިއުމުގެ ހައްގު ލިބުނީހެން،" އޭނާ ވިދާޅުވިއެވެ.

އަލްފޯންސް ވިދާޅުވީ، މުއްސަންޖެއްގެ އަތުން ނުރައްކާތެރި ހާދިސާއެއް ހިނގައި މީހަކު މަރުވި ނަމަވެސް އޭނާ ސަލާމަތްކުރަން، ގާނޫނީ ވަކީލުން ތިބޭނޭ ކަމަށާއި މައްސަލަ ނިމޭއިރު އާޚިރުގައި ކުށްވެރިވާނީވެސް އަނިޔާ ލިބުނު މީހާ ކަމަށެވެ.

އޭނާ ވިދާޅުވީ، މުއްސަނދިމީހާއަށް ހުރިހާ ގޮތަކުންވެސް ރައްކާތެރިކަން ލިބިދޭ ކަމަށާއި، ނަމަވެސް އާންމު ރައްޔިތުންމީހާއަށް ހުރިހާގޮތަކުންވެސް ލިބެނީ ގެއްލުން ކަމަށެވެ. އެހެންކަމުން އަމާންކަމާ ރައްކާތެރިކަން ދަމަހައްޓަން ބޭނުންނަމަ، ފުރަތަމަ "ބޮޑެތިމީހުން" ސައިޒަށް ތިރިވާން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ފާއިތުވި 2017 ވަނަ އަހަރު އިންޑިއާއަށް 10 މިލިއަން ފަތުރުވެރީން ޒިޔާރަތްކުރިކަމަށް އަލްފޮންސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އިންޑިއާގެ މަގުތަކަކީ އާންމުންނަށް ރައްކާތެރި ތަންތަނަށް ހެދިއްޖެ ކަމަށް ވާނަމަ، ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އެގައުމަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ އަދަދު ދެގުނައަށް އިތުރުކުރެވޭނޭ ކަމަަށެވެ.