30 Mar 2018, 13:16
އިސްލާމްދީނަކީ ﷲ ސުބްހާނަހޫ ވަތައާލާ ބަޔަކަށް ދެއްވާ އެންމެ ބޮޑު ނިއުމަތް ކަމަށާއި ދިވެހީންނަށް އިސްލާމްދީނުގެ މަތިވެރި ހިދާޔަތު ދެއްވި ކަމަށްޓަކައި އެކަލާނގެއަށް ޝުކުރުވެރިވާން ޖެހޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިއްވި ހުތުބާގައި ބުނެފައި ވަނީ، އިސްލާމްދީނަކީ ދިރިއުޅުމުގެ ހުރިހާ ކަންތައްތައް އޭގައި އެކުލެވިގެންވާ ފުރިހަމަ ނިޒާމު ކަމަށެވެ. އަދި އިސްލާމްދީނުގެ ސަބަބުން ދުނިޔެއާ އާޚިރަތް ބާއްޖަވެރިކުރުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ.
ހުތުބާގައި ބުނީ އިސްލާމްދީނަކީ އަޅުގަނޑުމެންގެ މުޅި ހަޔާތް އެ ދީނުގެ އުސޫލުތަކާ އެއްގޮތަށް ބަށްޓަން ކުރަން ޖެހޭ ދީން ކަމަށާއި އެ ދީނުގެ އަގުތައް މުސްލިމުންގެ ހިތްތަކުގައި އަލުން ދިރުވަން ޖެހޭ ކަމަށެވެ.
އިންސާނާގެ ހަޔާތަށް ހަމަޖެހުމާއި ބާއްޖަވެރިކަން ގެނެސްދިނުމާއި، ހިތްތަކުގައި އެކުވެރިކަމާ އޯގާތެރިކަމާ އެއްބަނޑު އެއްބަފާކަމުގެ ޝުއޫރުތައް އިންދައި ހެދުމަށް އިސްލާމްދީން ބޭނުންވެފައިވާ ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިއްވި ހުތުބާގައި ބުނެފައިވަނީ އިސްލާމްދީނަކީ މުސްލިމަކު ދުނިޔެއަށް އުފަންވީއްސުރެ އުޚްރަވީ ހަޔާތަށް ވާސިލް ވަންދެން އޭނާގެ ހުރިހާ ކަމެއް ރާވައިދޭ މަންހަޖް ކަމަށެވެ.
މި ގައުމަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއް ކަމުން، އެކަމާ ދެކޮޅު ހަދާ ބައެއް އުޅޭ ކަމަށާއި ރައްޔިތުން އިސްލާމްދީނުން ބޭރުކުރުމަށް އެކިދުވަސްވަރު ތަފާތު މަސައްކަތްތަކެއް ކޮށްފައިވާކަން ތާރީހުން ހެކިދޭ ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ.
ނަމަވެސް އެ މަސައްކަތް ނާކާމިޔާބުވެ ރާއްޖެ އިސްލާމްދީންގައި ދެމިއޮތީ ﷲގެ ފަޟްލުވަންތަ ކަމާއި ބޮޑުތަކުރުފާނު ފަދަ ގައުމީ އަބުޠާލުންގެ އަގުހުރި މިންނެތް މަސައްކަތްޕުޅުގެ ސަބަބުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ މި ޒަމާނުގައި ވެސް ރާއްޖެއަށް އަމާޒުކޮށްގެން ފިކުރީ ހަނގުރާމައިގެ އަހުލުވެރިން މަސައްކަތްކުރަނީ މަކަރުވެރި އިލްމީ ރޭވުންތަކެއްގެ ތެރެއިން ކަމަށާއި އޭގެ އެއް ލަނޑުދަނޑި އަކީ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ރާއްޖެއިން މުސްލިމުން ކޮޅެއް މި ދީނުން ބޭރުކޮށް މި ގައުމުން ސައްތައިން ސައްތަ އިސްލާމީވަންތަ ކަން ނައްތާލުމަށް ކަމަށެވެ.
އިސްލާމްދީނަކީ އިންސާނާގެ މުޅި ހަޔާތް ކަމަށާއި އެ ދީނާ ދުރުވަމުންދާ ވަރަކަށް އެމީހުން ސުލޫކާ އުޅުން ނުބައިވެ އެ ބަޔަކު ހަލާކުވެގެންދާނެ ކަމަށް ވެސް މިއަދު އިއްވި ހުތުބާގައި ވަނީ ބުނެފައެވެ.