30 Mar 2018, 10:51
ރަޝިޔާގައި އަންނަ ޖޫން މަހު ފަށާ ފީފާ ވޯލްޑް ކަޕަށް 36 ރެފްރީން ފީފާއިން އިއުލާން ކޮށްފައިވާ އިރު، އޭގެ ތެރޭގައި އިނގިރޭސި ރެފްރީއެއް ހިމެނިފައެއް ނުވެއެވެ.
ވޭލްސް، ސްކޮޓްލޭންޑްގެ އިތުރުން ނޮދާން އަޔަލޭންޑްގެ ރެފްރީއެއްވެސް މިފަހަރު ވޯލްޑް ކަޕްގެ ރެފްރީން ތެރޭގައި ނުހިމެނޭ އިރު، ރަޝިޔާ ވޯލްޑް ކަޕް ވެގެންދާނީ 1938 ވަނަ އައަހަރުގެ ވޯލްޑް ކަޕަށްފަހު އިނގިރޭސި ރެފްރީއެއް ނުހިމެނޭނެ ފުރަތަމަ ވޯލްޑް ކަޕަށެވެ.
ފްރާންސްގައި 2016 ވަނަ އަހަރު ބޭއްވި ޔޫރޯ މުބާރާތުގައިވެސް ހިމެނުނީ އެންމެ އިނގިރޭސި ރެފްރީއެކެވެ. އެއީ މާކް ކްލަޓެންބާގެވެ. ޔޫރޯގެ ފައިނަލްގައި ރެފްރީކަން ކުރި ކްލަޓަންބާގު ވަނީ މިދިޔަ އަހަރު ތެރޭގައި ޕްރިމިއާ ލީގު ދޫކޮށް، ސައުދީ ލީގުގެ ހެޑް އޮފް ރެފްރީސްގެ މަގާމަށް ބަދަލުވެފައެވެ.
މިއަހަރުގެ ވޯލްޑް ކަޕަށް ނެގި 63 އެސިސްޓެންޓް ރެފްރީން ތެރޭގައިވެސް އިނގިރޭސި ރެފްރީއެއް ހިމެނިފައި ނުވެއެވެ.
އަލަށް ވޯލްޑް ކަޕްގައި ބޭނުންކުރާ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް)އަށް ބޭނުންކުރާނެ ރެފްރީންވެސް ނަގާނީ އިއްޔެ އިއުލާންކުރި ރެފްރީންނާއި އެސިސްޓެންޓް ރެފްރީންގެ ލިސްޓުންނެވެ.
ފްރާންސްގައި 1938 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަށްފަހު، ދެވަނަ ބޮޑު ހަނގުރާމައާއި ގުޅިގެން ވޯލްޑް ކަޕަށްވަނީ މެދު ކެނޑުމެއް އައިސްފައެވެ. ބޮޑު ހަނގުރާމައަށްފަހު ވޯލްޑް ކަޕް އަލުން ފަށައިފައިވަނީ 1950 ވަނަ އަހަރުގައެވެ.
އެންމެފަހުން ބޭއްވި ދެ ވޯލްޑް ކަޕްގައިވެސް ހަރަކާތްތެރިވެފައިވަނީ އިނގިރޭސި އެންމެ ރެފްރީއެކެވެ. އެއީ ހޯވަޑް ވެބެވެ. ސައުތު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ފައިނަލްގައި ރެފްރީކަން ކުރި ހޯވަޑް ވެބް މިހާރުވަނީ ރިޓަޔާކޮށްފައެވެ.