އަސަރީ ސާވިސާސް ޕްރައިވެޓް ލިމިޓެޑާއި މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސް ގުޅިގެން ބާއްވާ މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ ފެއާ މިއަދު ހަވީރު ދަރުބާރުގޭ ރަންނަބަނޑޭރިމާލަމުގައި ފަށައިފިއެވެ.

"މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ 2018"ގެ ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ފެއާ ހުޅުއްވައިދެއްވީ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއުއެވެ.

މިއީ އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ ފެއާ ކުރިއަށްގެންދާ ތިން ވަނަ އަހަރެވެ. އެކްސްޕޯ ކުރިއަށް ދާނީ މާދަމާއިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު މެންދުރު 3:00 އިން ރޭގަނޑު 8:00 އަށް ދަރުބާރުގޭގައެވެ.

އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން ސްޓޭޓް މިނިސްޓަރު ޝަފީއު ވާހަކަދައްކަވަނީ-- ސަން ފޮޓޯ

ފަންސާހަށް ވުރެ ގިނަ އިންސްޓިޓިއުޓަކުން ބައިވެރިވާ ފެއާގައި 500 އަށްވުރެ ގިނަ ދާއިރާތަކުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އަސަރީ ސާވިސާސްއިން ބުންނެވެ. އޭގެތެރޭގައި މެޑިކަލް އާކިޓެކްޗާ، ބިޒްނަސް އަދި އެކައުންޓިން ފަދަ ދާއިރާތަކުން ޑިޕްލޮމާ، ޑިގްރީ އަދި މާސްޓާސް ކޯސްތައް ހިމެނެއެވެ.

ފެެއާގައި ޔުނިވާސިޓީގެ ކޯސްތަކަށް އެޕްލިކޭޝަން ފޯމްތައް ވެސް ބަލައިގަންނާނެ ކަމަށް އަސަރީ ސާވިސަސްއިން ބުންޏެވެ. ޔުނިވާސިޓީތަކުގައި ރަޖިސްޓްރީވާ ދަރިވަރުންނަށް ކޯސްތަކުން ޑިސްކައުންޓްވެސް ލިބިގެން ދާނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން ގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ ރާއްޖޭގެ މަތީ ތައުލީމު ދޭ އިންސްޓްޓިއުޝަންތައް ރާއްޖޭން ބޭރުގައި ޕްރޮމޯޓް ކުރުމަށްވެސް މަސައްކަތްކުރަމުންދާ ކަމަށެވެ.

އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ

"ކުރިއަށް އޮތްތަނުގައި މިބަލަނީ ރާއްޖޭގެ އިންސްޓްޓިއުޓުތައް ރާއްޖެއިން ބޭރުގައި ތަމްސީލްކުރަން. މި އެކްޒިބިޝަންގައި ހިމެނޭ ބޮޑެތި ޕާޓްނާޝިޕްތަކާ ގުޅިގެން ރާއްޖޭގެ އިންސްޓިޓިއުޝަންތައް ވެސް ފުޅާކުރެވިގެން ދާނީ. މިއީ އަޅުގަނޑުމެންގެ އުއްމީދަކީ. ކުރިއަށް އޮތްތަނުގައި ގުޅުންތައް ރަނގަޅަށް ބާއްވައިގެން މި ޕާޓްނާޝިޕްތައް އިތުރަށް ވަރުގަދަވާނެކަމަށްވެސް އުއްމީދު ކުރަން،" ޝަފީއު ވިދާޅުވިއެވެ.

އޭލެވަލްގެ ތިން މާއްދާއިން ފާސްވާ ކުދިންގެ ތެރެއިން ކޮންމެ ކުއްޖަކަށްވެސް މަތީ ތައުލީމުގެ ފުރުސަތު ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ އެއް ވައުދު ކަމަށް ޝަފީއު ވިދާޅުވިއެވެ.

އަދި އެކަން ތަފާތު ސްކޮލާޝިޕް އާއި ލޯން ސްކީމްގެ ދަށުން 1000 ފުރުސަތު މަތީތައުލީމު ހޯދުމަށް ހަމަޖައްސަވައިފައިވާ ކަމަށާއި، އެފަދަ ފުރުސަތު ތަކުގައި ވެސް އެންމެ ބޮޑަސް އިސްކަންދެނީ ރާއްޖޭގެ އިންސްޓިޓިއުޝަންތަކަށް ފުރުސަތު ދިނުން ކަމަށް ވެސް ޝަފީއު ވިދާޅުވިއެވެ.